ދިވެހިން ލިބޭ ވަޒީފާތަކަށް ބޭރުމީހުން ނުގެނެވޭ ގޮތަށް ޤަވާއިދު އިސްލާހުކުރަނީ

ބޭރު މީހުން ރާއްޖޭގެ ވަޒީފާތަކަށް ގެނައުމުުގައި އަމަލުކުރަމުންދާ ޤަވާއިދުތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ކުރިއަށްގެންދާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން "ރަށްވެހި ފަތިސް"ގެ ކެނޑިޑޭޓުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ މަތީ ފަންތީގެ ވަޒީފާތައް ކަމަށްވާ، މެނޭޖްމަންޓް ލެވަލްއާއި، މިޑް މެނޭޖްމަންޓް ލެވަލްގެ ވަޒީފާތަަކަށް ދިވެހިން ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި ބޮޑު މުސާރަ ލިބޭ ވަޒީފާތަައްވެސް ދިވެހިންނަށް ލިބޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.
"ޖޮބްސެންޓަރުގައި ދިވެއްސަކު، ވަކި ހުނަރުތަކެއް ހުރި، ވަކި ކަހަލަ ވަޒީފާއަކަށް ރަޖިސްޓްރީވެފައި، ހުރި ނަމަ އަޅުގަނޑުމެންގެ ވިސްނުން ހުރީ އެ ވަޒީފާ ބޭރު މީހަކަށް ނުދެވޭނޭ، ދިވެއްސަކު އެ ވަޒީފާއަށް ހުރި ކަމަށްވަންޏާ، ދިވެއްސަކު ނެތް ކަމަށްވަންޏާ ބޭރު މީހަކަށް ދިނުމުގެ އުސޫލަކަށް ދާން މި ވިސްނަނީ،" މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.
މިނިސްޓަރ ފައްޔާޒް ވިދާޅުވީ ޖޮބް ސެންޓަރގެ މަސައްކަތް އެންމެ ފުރިހަމައަށް ކުރިއަށްގެންދެވޭނީ ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ބޭނުންވާ ފަރާތްތައް އޭގައި ރަޖިސްޓްރީވެގެން ކަމަށެވެ. މިނިސްޓަރ ފައްޔާޒް ވިދާޅުވީ މަތީ ފަންތީގެ ވަޒީފާތަކަށް ދިވެހިން ގެނައުމަށް އެކަމަށް ބޭނުންވާ ތަމްރީންތައް ދިނުމަށް ވޯލްޑް ބޭންކާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ފައްޔާޒް ވިދާޅުވީ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި، ވޯލްޑް ބޭންކް އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ރާއްޖޭގެ ވަޒީފާގެ ބާޒާރާއި ގުޅޭ ދިރާސާތަކެއް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. އެގޮތުން އެންމެ ރަނގަޅު މުސާރަ ލިބޭ ވަޒީފާތަކަކީ ކޮބައިތޯ ބަލާ، އެ ވަޒީފާތަކަށް ބޭނުންވާ ތަމްރީންތައް ދެނެގަނެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޓިވެޓް ޕްރޮގްރާމްގެ ދަށުން މި ތަމްރީންތައް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށްވެސް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ވޯލްޑް ބޭންކުގެ އެހީގައިވެސް ދިވެހިން ތަމްރީންކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށްދިޔުމަށް ރާވާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ