ހެނބަދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

އެމްޑަބްލިޔުއެސްސީން ނ. ހެނބަދޫގެ ފެނުގެ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް އިފުތިތާހުކޮށްފިއެވެ.
މި މަޝްރޫއުގެ މަސައްކަތް އިފްތިތާހުކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ކެދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އާއި ރަށު ކައުންސިލްގެ ރައީސް އާދަމް ސަމީރެވެ.
ހެނބަދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި ހެނބަދޫއަށް ގެންގޮސް، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރަމުންނެވެ.
މި މަޝްރޫއުގެ ދަށުން ހެނބަދޫގައި 4.83 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމު ކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓު ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގި ބެހެއްޓުން ހިމެނެއެވެ.
އޭގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ. އަދި މި މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޖުމުލަ 41 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު ނިންމުމަށް އެމްޑަބްލިޔުއެސްސީއަށް ދީފައިވަނީ 15 މަސް ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ