މައުމޫން އަޅުގަނޑާއި ގުޅޭ ގޮތުން ނުރަނގަޅު ވާހަކައެއް ދެއްކެވި އަޑެއް ނާހަން – ނަޝީދު

އެއްވެސް އިރެއްގައި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބުދުލް ގައްޔޫމް އެމަނިކުފާނާއި ގުޅޭ ގޮތުން ނުރަނގަޅު ވާހަކައެއް ދެއްކެވި އަޑެއް ނާހަން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު މޫކައި ހޮޓެލްގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫނަށް ރައްދުކޮށް ބައެއް ފަހަރު ސިޔާސީ ގޮތުން އެއްޗެއް ދެންނެވި ކަމުގައި ވިއަސް ޒާތީ ގޮތުން އެމަނިކުފާނު ވެސް ރައީސް މައުމޫނާއި ބެހޭ ގޮތުން އެއްޗެއް ވިދާޅުނުވާ ކަމަށެވެ.
ރައީސް މައުމޫނާއި ބެހޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫން ސިޔާސީ ކަންކަމުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވެވޭ ކަމަށެވެ.
"އެމްޑީޕީ އަށް ތާއިދު ކުރުމުގަ ވެސް އަދި ޕީޕީއެމްއަށް ތާއިދު ކުރުމުގައި ވެސް އަދި އެހެން ޕާޓީ އަކަށް ތާއިދު ކުރުމުގައި ވެސް." ރައީސް މައުމޫން ދެން ހުންނަވާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި ރައީސް މައުމޫން ދެން ހުންނަވާނީ ސިޔާސީ ކަންކަމާއި ދުރުވެ ވަޑައިގެން ކަމަށާއި އެމަނިކުފާނަށް މީގެ ކުރިން ތާއިދު ކުރި ގިނަ ބޭފުޅުން އެމްޑީޕީއަށް ތާއިދު ކުރުމުގައި އަދި އެމްޑީޕީ އާއި އެކީގައި ތިއްބެވި ކަން ފާހަގަވަމުން އަންނަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވޭ ގޮތުގައި ރައީސް މައުމޫން ދެން ހުންނަވާނީ ސިޔާސީ މުފައްކިރެއްގެ ގޮތުގައި ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އިންތިޙާބަށް ކުރިމަތިލުމަށް ހުރަސްއެޅޭ އެއްވެސް މައްސަލައެއް ކޯޓެއްގައި ނެތް ކަމަށް މިއަދު އަންގަވާފައިވާ ކަމަށާއި އަދި އެމަނިކުފާނުގެ ކެނޑިޑެސީ ކަށަވަރު ކުރުމަށް ލިބުނު އެހީތެރިކަމަށް ރައީސް މައުމޫނަށް ޝުކުރު ދަންނަވާ ކަމަށެވެ.
މައުމޫނުގެ އެހީ ލިބިވަޑައިގަތީ ކިހިނެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވީ ހުރިހާ ކަމެއް “ފުރިހަމަ އަށް އޮލަނބުވެގެން އައުމުގައި” މައުމޫންގެ ހިއްސާނެތި ނުދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ރައީސް ނަޝީދުގެ އުމުރާ ދަތުރުފުޅާއި ބެހޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ އެއީ އެމަނިކުފާނުގެ އަމިއްލަކަމެއް ކަމަށާއި އެކަމާއި ބެހޭގޮތުން ސުވާލު ނުކުރެއްވުން އެދޭކަމަށެވެ.
އިންތިޙާބުގެ ކެންޕޭނާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރޯދަ މަސް ނަމަވެސް އެމްޑީޕީގެ ކެންޕޭން ހަލުއިކަމާއި އެކު ކުރިއަށް ދާނެ ކަމަށެވެ. އަދި އަންނަ ހުކުރު ދުވަހުން ފެށިގެން ދަތުރުތަކެއް އަތޮޅުތެރެއަށް ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހުކުރު ދުވަހު އެމްޑީޕީން 26 ރަށަކަށް ފަށާ ކެންޕޭން ދަތުރުފުޅުގައި ރައީސް ނަޝީދު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. ނަމަވެސް ރައީސް ނަޝީދުގެ އުމްރާ ދަތުރުފުޅު ކުރިއަށް ގެންދަވާނެ ކަމެއް ނުވަތަ ކެންސަލް ކުރެއްވި ކަމެއް އެއްވެސް ފަރާތަކުން ކަށަވަރެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ