އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެ މި ދެ ބޭފުޅުން އެއް އަހަރާއި ހަތް ހަމާއި ހަ ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހަޅައިފި އެވެ.
މި ދެ ބޭފުޅުންގެ ގާނޫނީ ޓީމުން ބުނީ މިމައްސަލަ އިސްތިއުނާފް ކުރަން ހުށަހެޅީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
މިމައްސަލައިގެ އިތުރުން ގަވަރުމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ ހިދުމަތް ސުޕްރީމް ކޯޓުގައި މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެންގެވި ކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ އުއްތަމަ ފަނޑިޔާރު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ މެއި މަހުގެ އަށްވަނަ ދުވަހު ހުކުމް ކޮށްފަ އެވެ. މި ހުކުމަށް ތާއީދުކޮށް ހައިކޯޓުން މައްސަަލަ ނިންމީ މިމަހުގެ ހަތްވަނަ ދުވަހު އެވެ. ނަމަވެސް މިމައްސަލަ އިސްތިއުނާފް ކުރަން އަދި ހުށަހަޅާފައެއް ނުވެ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ އުފުލީ މި ދެ ބޭފުޅުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ. މިމައްސަލާގައި މި ދެ ބޭފުޅުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މެއި މަހުގެ 10 ވަނަ ދުވަހު އެވެ. ހައިކޯޓުން މިހުކުމަށް ތާއީދުކޮށް މައްސަލަ ނިންމީ މިމަހުގެ ތިންވަނަ ދުވަހު އެވެ. ނަމަވެސް ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމްގައިވާ އަދަބުގެ ބަޔަށް ބަދަލު ގެނެސް މި ދެ ބޭފުޅުންގެ ޖަލު ހުކުމް އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ލުއި ކޮށްދީފަ އެވެ.
ފަނޑިޔާރުންގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ކޯޓުން ކުރާ ހުކުމް އިސްތިއުނާފް ކުރަން ހުރިހާ މަރުހަލާއެއްގައިވެސް ލިބޭނީ 10 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތުގެ ތެރޭގައި މައްސަލަ އިސްތިއުނާފް ކުރުމުން އެ މައްސަލަ 30 ދުވަސް ތެރޭގައި ސުޕްރީމް ކޯޓުން ނިންމަން ގާނޫނުގައި ލާޒިމުކޮށްފައިވެ އެވެ.
ސުޕްރީމް ކޯޓުން މައްސަލަ ނިންމާއިރު ދަށު ކޯޓާއި ހައިކޯޓުގެ ހުކުމް ދަމަހައްޓައިފިނަަމަ މި ދެ ބޭފުޅުން ފަނޑިޔާރުކަމުގެ މަގާމުން އޮޓަމެޓިކުން ވަކިވާނެ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ރިޝްވަތު ނަންގަވައިގެން ސަރުކާރު ވައްޓާލަން އުޅުއްވި ކަމަށް ބުނެ މި ދެ ބޭފުޅުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފަ އެވެ.
ދެ ފަނޑިޔާރުން އެއް އަހަރަށް ޖަލަށްލުމަށް ހުކުމްކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ