މީހަކު މަލާމާތްކޮށްފާނެތީ ކަމެއް ނުކޮށް ހުންނާކަށް ނުޖެހޭ: އުމަރު
މީހަކު އެއްޗެއް ބުނެފާނެ ކަމަށްޓަކައި ނުވަތަ މަލާމާތެއް ކޮށްފާނެތީ ކަމެއް ނުކޮށް ހުންނަން ނުޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.އަހުމަދިއްޔާ ސްކޫލުގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމަށް ހިރިޔާ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ މީހަކު ކުރާނެ މަލާމާތަކަށް ކަމެއް ނުކޮށް ނުހުރުމާއި މީހުންނާ މުއާމަލާތު ކުރާއިރު ވެސް އެ މީހާއާ ކުރިމަތިލައި ޔަގީންކަމާ އެކު ވާހަކަ ދެއްކުން މުހިންމު ކަމަށެވެ. އަދި އަމިއްލަ ނަފްސަށް އިތުބާރު ކުރުމާއި ނަފްސުގެ އަގު ވަޒަން ކުރުމަކީ ވެސް ތައުލީމެކޭ އެއްގޮތަށް ކިޔަވާ ކުދިންނަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ."ބީ ޔުއަ ސެލްފް. މިއީ ކާމިޔާބު މީހަކަށް ވުމަށްޓަކައި އަޅުގަނޑުމެން ސިޔާސީ ދާއިރާގައި ވެސް، ތައުލީމީ ދާއިރާގައި ވެސް ބޭނުން ކުރަން ޖެހޭ ސިފައެއް،" އުމަރު ވިދާޅުވި އެވެ.މިނިސްޓަރު ވިދާޅުވި ގޮތުގައި އަމިއްލަ ނަފުސަށް އިތުބާރު ނުކުރާ ކުދިންނަށް ކިޔެވުމުގެ އިތުރުން ވަޒީފާގެ މާހައުލުގަ އާއި ގޭތެރޭގައި ވެސް އުނދަގޫތަކާ ކުރިމަތިވެ އެވެ. އެހެންވެ، ކޮންމެ ކަމެއް ކުރާއިރު ވެސް އަމިއްލަ ނަފްސަށް އިތުބާރުކޮށް، މީހުން ކިޔާނެ އެއްޗަކަށް ނުބަލައި ކުރުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.ކިޔެވުމުގެ ފުރުސަތު ހުރިހާ ކުދިންނަށް ހުޅުވިފައިވާ މި ދަނޑިވަޅު ބައެއް ކުދިންނަށް، އެ ކުދިންގެ ބެލެނިވެރިންގެ ސަބަބުން ކިޔެވުމުގެ ފުރުސަތު ގެއްލިފައިވާ ކަން ވެސް އުމަރު ފާހަގަ ކުރެއްވެވި އެވެ.އަހުމަދިއްޔާ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމަށް މިރޭ ބޭއްވި ޖަލްސާގައި ޝަރަފުވެރި މެހުމާން ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ދައުލަތުގެ ބައެއް އިސް ބޭފުޅުން.---ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން އުމަރު ވިދާޅުވީ ބައެއް ކުދިން ސްކޫލަށް ފޮނުވުމަށް ބެލެނިވެރިން ދެކޮޅު ހަދާ ކަމަށާއި އެކަމަކު އެއީ ބެލެނިވެރިންނަށް ލިބިގެންވާ ހައްގެއް ނޫން ކަމަށެވެ. އަދި ހިލޭ ކިޔެވޭނެ ގޮތް ހަމަޖެހިފައިވާ ޒަމާނެއްގައި އެއްވެސް ކުއްޖަކު ތައުލީމުން މަހުރޫމް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.ވޭތުވެ ދިޔަ އަހަރުތަކުގައި އަހުމަދިއްޔާ ސްކޫލުން ހޯދި ކާމިޔާބީތައް ފާހަގަ ކުރައްވައި އުމަރު ވިދާޅުވީ އެ ކާމިޔާބު ދިފާއު ކުރުމަށް ބެލެނިވެރިންނާއި ޓީޗަރުންގެ ބަސް ދަރިވަރުން ގަބޫލު ކުރަން ޖެހޭ ކަމަށެވެ. އަދި އެ ސްކޫލަކީ ނަމޫނާ ސްކޫލެއްގެ ގޮތުގައި ވެސް މިނިސްޓަރު ސިފަ ކުރެއްވި އެވެ.މިދިޔަ އަހަރު އަހުމަދިއްޔާ ސްކޫލުން އެންމެ މޮޅެތި ވަނަތައް ހޯދި ދަރިވަރުންނަށް ވެސް އިނާމު ހަވާލު ކުރެއްވީ އުމަރެވެ.އެ ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް، ސެކަންޑަރީ ބައިން ހޮވީ އަހުމަދު ހައްމާދެވެ. އަދި ހަޔާ ސެކަންޑަރީ ބައިން އެންމެ މޮޅު ދަރިވަރުގެ ވަނަ ހޯދީ އައިޝަތު އިނާޔާ އެވެ. އެ ދަރިވަރުން ވަނީ މިދިޔަ އަހަރު އެ ސްކޫލުގެ ކިޔެވުމަށް އެންމެ މޮޅު ދަރިވަރުގެ އެވޯޑް ވެސް ހޯދައިފަ އެވެ.މިދިޔަ އަހަރުގެ އޯލެވެލް އާއި އޭލެވެލްގެ ގަދަ 10 ގައި ހިމެނުނު އަހުމަދިއްޔާގެ ދަރިވަރުންނަށް ވެސް މިރޭ އިނާމު ދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ