ގޮންޖެހުންތަކާ އެކު ސަރުކާރުން ހޯދި ކާމިޔާބީއާ މެދު ހިތްހަމަޖެހޭ: މައުމޫން

މިހާރު މި އޮތް ސަރުކާރު ހިންގަމުން އަންނަނީ ވަރަށް ދަތި މާހައުލެއްގައި ކަމަށާއި އެކަމަކު ގޮންޖެހުންތަކާ އެކު ވެސް ސަރުކާރުން ހޯދާފައިވާ ކާމިޔާބީއާ މެދު ހިތްޕުޅު ހަމަޖެހިވަޑައިގެންނަވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ފުޓުބޯޅަ ކްލަބް ވީބީގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) އާއި އެހެން ބައެއް މީހުން ޕީޕީއެމަށް ސޮއިކުރުމަށް މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މައުމޫން ވިދާޅުވީ ޕީޕީއެމް ވެސް ހިމެނޭ ސަރުކާރުން މިވީ ދުވަސްތަކުގެ ތެރޭގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި އިއްތިހާދުގައި ހިމެނޭ ހުރިހާ ޕާޓީތައް ގުޅިގެން މަސައްކަތް ކުރުން ވަރަށް މުހިއްމު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުގައި ހިމެނޭ ޕީޕީއެމާއި ޑީއާރުޕީއާ ދެމެދު ކޮންމެވެސް ވަރެއްގެ ބަހުގެ ހަމަލާތަކެއް ބަދަލުކުރަމުން އަންނާތީ އެކަމާ މެދު މައުމޫން ވިދާޅުވީ ޑީއާރުޕީން ޕީޕީއެމަށް ކިޔާ ފާޑަކީ ޑީއާރުޕީގެ އަމިއްލަ ހިޔާލު ކަމަށެވެ. އަދި އެކަމަށް ރައްދު ދެއްވަން ބޭނުންފުޅު ނުވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިއީ އެއް ސަރުކާރެއް. އެހެންކަމުން އިއްތިހާދު ސަރުކާރުގެ ތެރޭގައި އެކުވެރިކަން އޮތުން މުހިއްމު. އަޅުގަނޑު އެދެން ހުރިހާ ޕާޓީތައް ވެސް އެގޮތަށް ކަންތައް ކޮށްދިނުމަށް،" މައުމޫން ވިދާޅުވި އެވެ.
ސަރުކާރުގެ މެދުގައި އެކުވެރިކަން އޮތުމަކީ ގައުމަށްޓަކައި މުހިއްމު ކަމެއް ކަމަށާއި އަދި އެހެން ހުރިހާ ކަމެއް ބަހައްޓާފައި އެކަތިގަނޑަކަށް ވުމަށް އިއްތިހާދުގައި ހިމެނޭ ޕާޓީތަކަށް މައުމޫން ގޮވާލެއްވި އެވެ.
ކުރިން ޑީއާރުޕީ މެމްބަރެއްގެ ގޮތުގައި ހުރި ސަތޯ ބުނީ އޭނާ ޕީޕީއެމާ ގުޅުނީ ކާމިޔާބުވާން ބޭނުން ގިނަ ލަނޑުދަނޑިތަކެއް ހުރުމުން ކަމަށެވެ. އެގޮތުން އެ ޕާޓީ އަށް ޒުވާނުން އިތުރުކޮށް، ހާއްސަކޮށް އޭނާ ނިސްބަތްވާ އައްޑޫން ގިނަ ޒުވާނުން އެ ޕާޓީގައި ބައިވެރިކުރުން ހިމެނޭ ކަމަށް ސަތޯ ބުންޏެވެ.
"އަޅުގަނޑު މި ޕާޓީއާ ގުޅުމުގައި ވަރަށް ގިނަ ސިއްރުތަކެއް އެބަހުރި. ކޯޗެއްގެ ގޮތުންނާއި މެނޭޖަރެއްގެ ގޮތުން ވެސް މީހުން ކައިރީ ނުބުނެވޭނެ ސިއްރުތަކެއް ހުންނާނެ. އެހެންކަމުން ޕާޓީއާ ގުޅެން ޖެހުނު ސަބަބަކީ ވެސް ސިއްރެއް،" ސަތޯ ބުންޏެވެ.
އޭނާ ބުނީ ރާއްޖޭގެ އެންމެ ގިނަ ސިޔާސީ ތަޖްރިބާކާރުން ތިއްބަވަނީ ޕީޕީއެމްގައި ކަމަށާއި އެހެންކަމުން އޭނާ ފަދަ ޒުވާނުން ކުރިއަށް ދިޔުމަށް އެންމެ ރަނގަޅު ޕާޓީ އަކީ ވެސް ޕީޕީއެމް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ