ގައުމު އިސްލާހުކޮށް، ހަމަމަގަށް އަޅުވަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއިި މުހައްމަދު ނަޝީދު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެކު އަތާ އަތްގުޅާލައިގެން ތިއްބެވި ކަމަށް ވިދާޅުވެ، އިސްލާހީ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ގާނޫނީ އިމުގެ ތެރެއިން ބިރުފަހަނައަޅައި ނިކުންނެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ގޮވާލައްވައިފި އެވެ.
އެ ޕާޓީން ބޭއްވި ޖަލްސާއެއްގައި ގާސިމް ވިދާޅުވީ ގާނޫނުއަސާސީގައި ތިން ބާރު ވަކިކޮށްދީފައި އޮތް ނަމަވެސް މި ސަރުކާރުން ތިން ބާރު އެއްކޮށްލާފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ބަދަލު ގެންނަމުންދާއިރު މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ގެއްލި ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
މި ހުރިހާ މުއައްސަސާތަކެއް ޒިންމާދާރުކުރެވޭނީ، ރައްޔިތުންގެ މަޖިލިސް އިސްލާހުކޮށްގެން ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގަތުމަށް ފަހު ޕީޕިއެމާ ގުޅުނު މެމްބަރުން އަލުން އެ ޕާޓީތަކާ ގުޅެން ގާސިމް މިރޭ ވެސް ގޮވާލެއްވި އެވެ.
ޖުމްހޫރީ ޕާޓީގެ މިރޭގެ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެމްބަރުން ތިބީ ވަރަށް ބޮޑަށް "އަޅުވެތިވެފައި" ކަމަށާއި އެކަމަކު މެމްބަރުންނަކީ "އަޅުން" ނޫން ކަން އަމިއްލަ އަށް ވިސްނައި އެކަން ގަބޫލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. މުލިއާގެއަށް އެއް ދުވަސް ތެރޭގައި، ހަ ފަހަރަށް ދާން އެންގުމުން މެމްބަރުން ދާން ނުޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"މިއީ އަޅުންތޯ، އަޅުންނެއް ނޫން ދެއްތޯ މިއީ. ބަލަ އެހެންވާކަށް ނުޖެހެއޭ އިނގޭތޯ. އަތޮޅަށް ރައްޔިތުން ހޮވާފައި ހުރި މެމްބަރަކީ ހާދަ އިއްޒަތްތެރިއެކޭ އިނގޭތޯ،" ގާސިމް ވިދާޅުވި އެވެ.
"މިއަދު ބިރުވެރިކަމުން ފިތިއްޖިއްޔާ ކިހިނެއްތޯ ވާނީ. އަޅުގަނޑު ދަންނަވާނީ ރައީސް ނަޝީދު ވިދާޅުވާހެން، ރައީސް މައުމޫން ވިދާޅުވާ ހެން ބިރުފަހަނާޅައި ނިކުންނާށޭ އިނގޭތޯ، ގާނޫނީ ހުދޫދުގެ ތެރެއިން ގާނޫނީ އިމުގެ ތެރެއިން ނުކުމެވަޑައިގެން ކެރިވަޑައިގަންނަވާށޭ، އެއީއޭ، ފައިދާއަކީ، އެއީއޭ މަންފާއަކީ. އޭގެ ސަބަބުންނޭ ގައުމުގެ ކުރިއެރުން ގެނެސްދޭނީ."
އޭނާ ވިދާޅުވީ ސަރުކާރު ދެކެ އެއްވެސް މެމްބަރަކު ބިރުގަންނާކަށް ނުޖެހޭ ކަމަށާއި "މާކަނޑުގެ ހިރިގަލުގައި އޮންނަ ފަނިފަކުސާ އަށް ވެސް މާތްﷲ ވަނީ ރިޒުގް ލިބޭނެ ގޮތް ތަނަވަސްކުރައްވާފައި" ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވާފައި ތިބީ ވަކި ބޭފުޅަކު އަންގާ ގޮތަކަށް ވޯޓު ދޭން ނޫން ކަމަށާއި އެގޮތަށް ކަންކުރައްވަން "ހެޔޮނުވާނެ" ކަމަށް ވެސް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީއާ ސަރުކާރާ ދޭތެރޭގައި އޮތް ކޯލިޝަން ރޫޅާލި ގޮތާ ގުޅޭ ގޮތުން ވެސް ހަގީގަތާ ހިލާފު ވާހަކަތަކެއް ދަނީ ދައްކަމުންނެވެ. އެ ޕާޓީ ވަކިވާން ޖެހުނު ގޮތް ރައްޔިތުންނަށް އެނގޭނެ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އޭނާ ކުރިމަތިލެއްވީ، ކޯލިޝަންގައި އެ ވާހަކަ މާކުރިން ދެކެވި އެއްބަސްވެވިގެން ކަމަށް ވިދާޅުވި އެވެ. ފަހުވަގުތު، އެކަން ވެސް އެހެން ގޮތަކަށް ބަދަލުކުރީ، އޭނާ އަށް އަންގާވެސް ނުލައި ކަމަށް ގާސިމް ވިދާޅުވި އެވެ.
ގައުމުގެ މަސްލަހަތާއި އާމަންކަން އޮތީ، ގާސިމް ވިދާޅުވި ގޮތުގައި ތިން ބާރު ވަކިވެ، ސަރުކާރު ޒިންމާދާރުކުރުވުމުގެ ބާރު މަޖިލީހަށް ލިބިގެންނެވެ. އެހެންވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވަކިކުރުމުގެ ވޯޓު ނަގައި، އޭނާ މަގާމުން ދުރުކުރަން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
މިތިބީ އަތާ އަތް ގުޅާލައިގެން، މެމްބަރުން ބިރުފަހަނައަޅައި ނިކުންނަން ޖެހޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ