މައުމޫން ވާދަނުކުރައްވާތީ ނައިފަރުން އެމްޑީޕީ އަށް ވޯޓު ދޭން ނަޝީދު އެދިވަޑައިގެންފި

މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރިމަތިނުލައްވާތީ ޅ. ނައިފަރު ރައްޔިތުން ވެސް ބޭނުންވަނީ 21 ވަނަ ގަރުނަށް ދުރުމީ އަޅާ ޕާޓީއެއް ކަމަށާއި އެހެންކަމުން އެމްޑީޕީ އަށް ވޯޓު ދޭން ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ އެދިވަޑައިގެންފި އެވެ.
ނައިފަރުގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އެއީ މައުމޫންގެ ދިގު 30 އަހަރުގައި އެމަނިކުފާނަށް ވަރަށް އިހްލާސްތެރިކަމާ އެކު ތާއީދުކުރި ރަށެއް ކަމަށެވެ. އެހެން ނަމަވެސް މައުމޫންގެ ސިޔާސީ ހަޔާތްޕުޅު މިހާރު ނިންމަވާލައްވާފައިވާ ކަމަށާއި އެހެންކަމުން ނައިފަރު ރައްޔިތުން ގޮތެއް ނިންމައި އެމްޑީޕީ އަށް ވޯޓު ދޭން ތައްޔާރު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ ރައީސް މައުމޫނުގެ ވެރިކަން އުފެއްދުމުގައި އެންމެ ބޮޑު ހިއްސާއެއްވާ އެއް އަތޮޅަކީ މި ފާދިއްޕޮޅު. އަދި ރައީސް މައުމޫނުގެ ވެރިކަން ދެމެހެއްޓުމުގައި ވެސް އެންމެ ބޮޑު ހިއްސާއެއްވާ އަތޮޅަކީ ވެސް މި ފާދިއްޕޮޅު،" ނަޝީދު ވިދާޅުވި އެވެ.
"މިއަދު ރައީސް މައުމޫނު ކުރިމަތިނުލައްވާ ކަމުން ފާދިއްޕޮޅުގެ ހަރު އުމުރުގެ ރައްޔިތުން، ދޮށީ އުމުރުގެ ބޭފުޅުން މިވަނީ އެ ބޭފުޅުންގެ ދަރިން ދޫކޮށްލާފައި. އެ ބޭފުޅުންގެ ދަރިންނަށް މިވަނީ އިރުޝާދު ދިނުން ހުއްޓާލައިފައި ސިޔާސީ ގޮތުން އެ ދަރިން ކަން ކުރާންވީ ގޮތާއި ގުޅޭ ގޮތުން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި 2008 ގެ ރިޔާސީ އިންތިހާބުގައި ވެސް ނައިފަރުގެ ގިނަ ރައްޔިތުން އެމްޑީޕީ އަށް ވޯޓުދޭން ބޭނުންވި އެވެ. އެހެން ނަމަވެސް އެއީ އިހްލާސްތެރިކަމާއި ވަފާތެރިކަމުގެ އަގު ވަޒަންކުރާ ބައެއް ކަމުން މައުމޫނާ އެކު ތިބީ ކަމަށާއި، "އެއީ ރަނގަޅު ނިންމުމެއް" ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ފެބުރުއަރީ ހަތެއްގައި ވެރިކަމުން އިސްތިއުފާ ދެއްވީ ކީއްވެގެންތޯ ބައެއް މީހުން އެމަނިކުފާނާ ސުވާލުކުރާ ކަމަށެވެ. އެ ދުވަހު އިސްތިއުފާ ދެއްވީ ނައިފަރު ރައްޔިތުން ވެސް އެގޮތަށް އެދޭނެތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ނައިފަރު ރައްޔިތުންނެއް ނޭދޭނެ އެ ދުވަހު އެތަނަށް އަޅުގަނޑު ބަޑި ޖަހާކަށް. އެ ދުވަހު ޖުމްހޫރީ މައިދާނަށް ބަޑި ޖަހަން އަމުރު ކުރުމަށް މި ރަށު ރައްޔިތުން ނޭދޭނެކަން އަޅުގަނޑަށް ޔަގީން ކަށަވަރު. އަޅުގަނޑުމެންނަށް އެ ފުލުހުންނާއި ސިފައިން ނުކިޔަމަންތެރިކަން ދައްކަމުން ދިޔަ ފުލުހުންނާއި ސިފައިން ހަންމަތަ ކުރެވުނީސް. އެހެންނަމަވެސް އެއީ އެއްވެސް ދިވެހި ދަރިއެއްގެ ލޭ މި ދިވެހި ބިމަށް އޮހޮރިގެން ގޮސްގެން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ބާރުގެ ބޭނުންކޮށްގެން ވެރިކަން ދެމެހެއްޓުމަކީ އެމްޑީޕީގެ ވިސްނުމެއް ނޫނެވެ. އެ ޕާޓީން ބޭނުން ވަނީ ރައްޔިތުންގެ ރުހުމާއި ލޯތްބާ އެކު އުފެދޭ ވެރިކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ