މައުމޫން ހަމީދުގެ ނަން ދިރާސާކުރަން ކޮމިޓީ އަށް ފޮނުވައިފި

ހުސްވެފައިވާ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް އައްޔަންކުރުމަށްޓަކައި މަޖިލީހުގެ ރުހުން ހޯދަން ފޮނުވާފައިވާ ހ. މީނާޒް މައުމޫން ހަމީދުގެ ނަން ދިރާސާކުރަން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
ކުރީގެ އެޓޯލްސް މިނިސްޓަރު އަބްދުﷲ ހަމީދުގެ ދަރިކަލުން މައުމޫން ހަމީދަކީ މިހާރުގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.
ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު މުއިއްޒުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ވޯޓު ނަގަން އުޅުމުން މިދިޔަ މަހު އޭނާ އިސްތިއުފާދެއްވުމުންނެވެ. މުއިއްޒަކީ ރާއްޖޭގެ އެންމެ ފުރަތަމަ ޕީޖީ އެވެ.
މައުމޫން ހަމީދުގެ އިތުރުން ޕީޖީ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު މ. ވައިނުޖެހޭގޭ ޑރ. މަރިޔަމް ޒުލްފާ އާއި ޑެޕިއުޓީ ޕީޖީގެ މަގާމުގައި މިހާރު ހުންނެވި، ހ. ހިޔާކަން، ހުސެން ޝަމީމާއި ޕީޖީގެ އިސް ވަކީލެއް ކަމަށްވާ ދަފްތަރު 5514 އައިޝަތު ފަޒްނާ އަހުމަދު އަދި މއ. ބިންމާވިލާ އިސްމާއިލް ވަހީދު ވެސް ކުރިމަތިލެއްވި އެވެ.
ޕީޖީގެ ގާނޫނު ބުނާ ގޮތުން އެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި މީހަކު އައްޔަން ކުރަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ