މި އަހަރުގެ މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް އިއްޔެ ފަށައިފި އެވެ.
އިއްޔެ ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި ފެށީ 13 އަހަރުން ދަށުގެ މެޗުތަކެވެ. މުބާރާތުގައި ދެން ހިމެނެނީ 15 އަހަރުން ދަށް އަދި 18 އަހަރުން ދަށެވެ. މުބާރާތް ހުޅުއްވައިދެއްވީ ކުޅިވަރާ ބެހޭ މިނިސްޓަރުގެ ނައިބު ނާއިފް ޝައުކަތެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހެނދުނު 13 އަހަރުން ދަށުގެ ގްރޫޕް އެކެއްގައި ޣިޔާސުއްދީން ސްކޫލް އަތުން 3-1 އިން އަރަބިއްޔާ މޮޅުވިއިރު ދެ ވަނަ މެޗުގައި މުހިއްދީނާއި ކަލާފާނު ސްކޫލް ކުޅެ 1-1 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން މޮޅުވީ މުހިއްދީނެވެ.
ގްރޫޕް ދޭއްގައި މިއަދު ހެނދުނު ތާޖުއްދީން ސްކޫލާއި ޖަމާލުއްދީން ސްކޫލް ކުޅެ 2-2 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން މޮޅުވީ ޖަމާލުއްދީނެވެ. ދެ ވަނަ މެޗުގައި ބިލަބޮންގް ހައި ސްކޫލް އަތުން 10-0 އިން އިސްކަންދަރު ސްކޫލް ވަނީ މޮޅުވެފަ އެވެ.
މި މުބާރާތުގެ ގަވައިދު ބުނާ ގޮތުން ގްރޫޕް ސްޓޭޖުގެ މެޗުތައް އެއްވަރުވެއްޖެ ނަމަ ނަތީޖާ ނެރޭނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޖަހައިގެން މޮޅުވާ ޓީމަކަށް ދެ ޕޮއިންޓް ލިބޭއިރު ބަލިވާ ޓީމަކަށް އެއް ޕޮއިންޓް ލިބޭނެ އެވެ. ފުރިހަމަ ވަގުތު ހަމަވެގެން މޮޅުވާ ޓީމަކަށް ތިން ޕޮއިންޓު ލިބޭނެ އެވެ.
ތޭރަ އަހަރުން ދަށުގެ ގްރޫޕް އެކެއްގައި ހިމެނެނީ މުހްޔިއްދީން ސްކޫލާއި ކަލާފާނު ސްކޫލާއި އަރަބިއްޔާ ސްކޫލާއި ޣިޔާސުއްދީން ސްކޫލް އަދި އިމާދުއްދީން ސްކޫލެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ތާޖުއްދީން ސްކޫލާއި ޖަމާލުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލާއި އަދި ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލެވެ.
މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ