ފައިސާގެ ނުފޫޒު ބޭނުންކޮށްގެން ވޯޓު އަނބުރަން މަސައްކަތްކޮށްފާނެ - އުމަރު

ފައިސާގެ ނުފޫޒު ބޭނުންކޮށްގެން އެކިތަންތަނުގައި ވޯޓު ކޮޅުކޮޅަށް އަނބުރަން ބަޔަކު މަސައްކަތްކޮށްފާނެކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި ޕީޕީއެމްގެ އެއްވެސް މެންބަރަކު ވޯޓު ނުވިއްކުމަށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ކުރީގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.
އުމަރު ޓީމުގެ ފަރާތުން އާޓިފިޝަލް ބީޗުގައި ބޭއްވި އުމަރު ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރެއްވި އުމަރު ނަސީރު ވިދާޅުވީ ޕީޕީއެމްއަށް ރިޔާސީ އިންތިހާބު ކާމިޔާބުވުމާއި ނުވުން އޮތީ 30 މާޗުގައި ޕީޕީއެމް މެންބަރުންދޭ ވޯޓުން ކަމަށާއި ގައުމު 2013 އިން ފެށިގެން ކުރިއަށް އޮތް ތަނުގައި ދަތުރުކުރާނީ ކޮން ދިމާލަކަށްތޯ ވެސް ނިންމާނީ މިފަހަރު ޕީޕީއެމްގެ މެންބަރުން ކަމަށެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އެބަހުރި ފައިސާގެ ނުފޫޒު ބޭނުންކޮށްގެން އެކިތަންތަނުގައި ވޯޓު އަނބުރަން ބަޔަކު މަސައްކަތްކޮށްފާނެ ކަމުގެ މައުލޫމާތު، އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވާނީ ތިބޭފުޅުންގެ ވޯޓު އެއްގޮތަކަށް ވެސް ނުވިއްކަވައްޗޭ އެއްވެސް މީހަކަށް، ވަރަށް ގިނަ މީހުން ފައިސާ ދަބަސް ދަބަހަށް އަޅައިގެން އަންނާނެ، އެއްގޮތަކަށް ވެސް ތިބޭފުޅުންގެ ވޯޓު ވިއްކަވައިގެން ނުވާނެ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ދާދި ފަހުން އޭނާ އަތޮޅުތަކަށް ކުރެއްވި ދަތުރުތަކުގައި ވަރަށް ގިނަ ފަރާތްތަކާއި ބައްދަލުވި ކަމަށާއި އެގޮތުން ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ ޔާމީން އަބްދުލްގައްޔޫމް 13 އަހަރު ދުވަސްވަންދެން މެންބަރުކަން ކުރެއްވި ނ.އަތޮޅުގެ ބައެއް ރަށް ރަށަށް ވަޑައިގެންފައިވާ ކަމަށެވެ. އަދި ޔާމީން މިހާރު ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަން ކުރައްވަމުން ގެންދަވާ މ.އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑު އެބޭބޭފުޅުން ކުރިން އަހާލިން ކޮން ކަހަލަ ތަޖުރިބާއެއްތޯއޭ ތިޔަބޭފުޅުންނަށް ކުރެއްވުނީ، އޭގެން ބައެއް ބޭފުޅުން ވިދާޅުވި އުމަރު ނަސީރުގެ ތަޖުރިބާއެއް ނެތޭ، އެބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން ވިދާޅުވި ވަރަށް ހިތި ތަޖުރިބާއެކޭ ތިމަންނަމެން ކުރީ، 13 އަހަރު ދުވަހު ނ.އަތޮޅުގައި މެންބަރުކަން ކުރެއްވިއިރުގައި ދެފަހަރަށޭ ނ.އަތޮޅަށް ވަޑައިގެންނެވީ، މ.އަތޮޅުގައި ހަތަރު އަހަރު މެންބަރަކަމުގައި ހުންނެވިއިރުގައި އަދި އެންމެ ފަހަރަކުވެސް ހުރިހާ ރަށަކަށް ނާދެވޭ." އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މިވާހަކަތައް ދަންނަވާލީ ޔާމީނަށް "ހަމަލާއެއް" ދޭން ނޫން ކަމަށެވެ. އަދި އޭނާ ރާއްޖޭގެ 175 ރަށަށް ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އަރާފައިވާ ކަމަށާއި މިއީ "މަގުމަތީ މީހަކަށްވެގެން" ވާކަމެއް ނޫން ކަމަށެވެ. މިއީ މުރާލި ކަމާއި ހީވާގި ކަމާއިއެކީގައިވާ ކަމެއް ކަމަށް ވެސް އިސްލާމިކް ޑިމޮކްރަޓިކް ޕާޓީ (އައިޑީޕީ) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އުމަރު ވިދާޅުވި އެވެ.
"ތިބޭފުޅުންގެ ގައުމަށް ބޭނުންވަނީ ރަނގަޅު ހީވާގި މުރާލި މީހެއް، ތިބޭފުޅުންނަށް ބޭނުމެއް ނުވާނެ އެއާ ކޮންޑިޝަނުގެ ތެރެއިން ފޯނުކޮށްގެން ހަމައެކަނި ކަންކަން ހަމަޖައްސާ މީހުން، އަޅުގަނޑު ފަޙުރުވެރިވޭ ބައެއް ފަހަރަށް މަގުމަތީ މީހެކޭ އުމަރު ނަސީރު ބުނީމަ، ސަބަބަކީ އޭގެ ފަހަތުގައި އޮތީ ކޮންއެއްޗެއްތޯ؟ އޭގެ ފަހަތުގައި އޮތީ ކެރުމާއި ހިތްވަރާއި މުރާލި ކަމާއި ޖެހިލުންކުޑަ ކަމުގެ މިސާލުތަކެއް އޭގެ ފަހަތުގައި ހުރީ." އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ނުދެވިދާނެ ކަމަށާއި ނަމަވެސް ވަރަށް ގިނަ ރަށްތަކަށް ދަތުރުކުރެވޭތޯ ބަލަމުންގެންދާ ކަމަށެވެ. އަދި ހުރިހާ ރަށަކަށް ނާދެވުނަސް އަމާނާތްތެރިކަމާއި އިހްލާސްތެރިކަމަށާއި އަމަން އަމާންކަމަށް ވޯޓުދެއްވުމަށް އުމަރު މިރޭ ވަނީ އެދިވަޑައިގެންފައެވެ.
އުމަރު ވަނީ މިރޭ ޔާމީނަށް ނުސީދާ ގޮތެއްގައި ބަހުގެ ހަމަލާތަކެއް ވެސް ދެއްވާފައެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި މީހުންނަށް އެސްއެމްއެސްތައް ފޮނުވަމުންދިޔައީ އެއްވެސް ވަރަކަށް އިންތިހާބެއް އަންނާތީ ނޫން ކަމަށާއި ނަމަވެސް މިއަދު އިންތިހާބެއް ބޯމަތިވަމުން އަންނާތީ ބައެއް ބޭފުޅުން "ހޭބޯނާރާ" އެސްއެމްއެސްކުރައްވަމުން ގެންދަވާ ކަމަށެވެ.
އަދި ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން އޭނާ އާއި އެއްވަރަށް އެއްވެސް ސިޔާސީ ލީޑަރެއް އެސްއެމްއެސް ކުރައްވާފައިނުވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑު އާންމު މެންބަރުންނަށް ދަންނަވާނީ މާދަމާ ވެސް އިންތިހާބު ނިމުނީމަ ނިމުނީއޭ، ދެން ހަމަ ހަބަރެއް ވެސް ހިލަމެއް ވެސް ނުވާނެއޭ، އެކަމަކު މިގައުމަށް ނުރައްކާ ދިމާވާ ކޮންމެ ފަހަރަކު މިގައުމުގެ ތެރެއިން އަބަދުވެސް މީހުން ނިކުމެ މިގައުމު ސަލާމަތްކުރާ ގޮތަށް މުހައްމަދު ނަޝީދުގެ ކިބައިން ވެސް އަޅުގަނޑު މިގައުމު ސަލާމަތްކުރީމޭ، ދެންވެސް ތިބޭފުޅުންނަށް ބޭނުންވޭ މިކަހަލަ ޖެހިލުން ކުޑަ އިހްލާސްތެރި މީހުން، އެހެންވީމާ މިފަހަރު ތިބޭފުޅުން ވޯޓުދެއްވާއިރުގައި މި ނުކުތާތަކަށް ވިސްނަވާތި." އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މީގެކުރިން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ޔާމީނަށް ބަހުސްއަކަށް ވަޑައިގަތުމަށް ދައުވަތުދެއްވި ކަމަށާއި އެ ދައުވަތަށް މިއަދާއި ހަމައަށް ވެސް ޔާމީން އިޖާބަދެއްވާފައިނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ޔާމީން އެއްވެސް ބަހުސަކަށް ވަޑައިގަތުމަށް ބޭނުންނުވާ ކަން އެނގިވަޑައިގަންނަވާފައިވާ ކަމަށެވެ.
އުމަރު ވަނީ ރިޔާސީ ކެންޑިޑޭޓަކަށް ހޮވާ ބޭފުޅަކު ރިޔާސީ އިންތިހާބުގައި ނިކުމެ ބަހުސަކަށް ދާން ބޭނުންނުވާ ކަމަށް ވިދާޅުވުމުން އެބޭފުޅެއް ހޮވަން ބޭނުންފުޅުތޯ ސުވާލުކުރައްވާފައެވެ. އަދި އެގޮތަށް އެބޭފުޅަކު ކަންތައްކުރައްވައިފިނަމަ ޕީޕީއެމްގެ އާންމު މެންބަރުން އަނެއްކާވެސް ޑިފެންސަށް ފައިބަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވަނީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކުގައި ބަހުސަކަށް ވަޑައިގަތުމަށް ޔާމީނަށް މިރޭ ވެސް ދައުވަތު އަރުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ