ޕާޓީއެއް ހެދުމުގެ ޝުއޫރުތައް ދިވެހި އުންމަތަށް ގެނައުމަށްޓަކައި އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ކަމަށް އޭނާ ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ރޭ ތާޖުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް އިބްރާހިމް ވިދާޅުވީ ރައްޔިތުން ކުރަމުން ގެންދާ ޝަކުވާއަކީ ފުރިހަމަ މިނިވަންކަމެއް ނެތުމުގެ ޝަކުވާ ކަމަށާއި މިޝަކުވާ އަޑުއައްސަވައި އެކަން ކުރުމަށް އެންމެ ފުރަތަމަ އުފެއްދި ޕާޓީއަށް ސޮއިކުރައްވައި އެކަން ކުރުމަށް ޚަރަދު ކުރެއްވީ ވެސް އޭނާ ކަމަށެވެ.
މީގެއިތުރުން ގާސިމް ރޭ ވިދާޅުވީ ރައްޔިތުންނަށް މިނިވަންކަން ބޭނުންވެފައިވާ ދަނޑިވަޅުގައި މިހާރު އިސްލާހުކޮށްފައިވާ ގާނޫނު އަސާސީ ވުޖޫދު ކުރެއްވުމަށް އެމަނުކުފާނު ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި ކަމަށާއި މިދެކަންތައް ކުރެއްވުމުގައި ވެސް ވަރަށް ބޮޑެތި ޖިހާދެއް ކުރެއްވި ކަމަށެވެ.
"މިދެންނެވި ގޮތަށް އެ އުސޫލުތައް ދިރުވުމަށްޓަކައި، ކުރިއެރުވުމަށްޓަކައި، ކުރެވުނު ހިޔާލުތަކާއި ދެކެވެނު ވާހަކަތަކާއި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އިއުލާންކުރެވުމާއި ގުޅިގެން އެސަބަބުތަކެއް ހުރެގެން ރައްޔިތުންގެ އަޑުތަކާއި ބައިނަލްއަގުވާމީ ޕްރެޝަރާއި ކަންތައްތަކުގެ ސަބަބުން އަޅުގަނޑުމެން ގާނޫނު އަސާސީ އިސްލާހުކުރަން ދިމާވީ." ގާސިމް ވިދާޅުވި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރު ކަމުން ވަކި ކުރަން އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން ވައްދާފައިވިޔަސް އެކަމާ ކަންބޮޑުވެވަޑައި ނުގަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވަނީ އެއްލައްކަ ރުފިޔާގެ މުސާރައިގެ ޝައުގުވެރިކަމުގައި ނޫން ކަމަށާއި ވެރިކަމަށް ކުރިމަތިލައްވައިގެން އުޅުއްވަނީ އެމަނިކުފާނު ކެނޑުއްވި ކަނޑުލެއްގެ ހިތިފިލުވަން ކަމަށެވެ.
އަދި ރިޔާސީ ކެންޑިޑޭޓަކަށްވީ ޕާޓީގެ ކައުންސިލަށް ބޭފުޅަކު ނަން ހުށަހަޅުއްވައިގެން ޕާޓީގެ ކައުންސިލްގެ އާއި އާންމު މެންބަރުންގެ ތާއީދާއި އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ސާބިތު ކަމާއެކު ދަންނަވަން ތިޔަބޭފުޅުން އަޅުގަނޑާ ހަވާލުކޮށްދީފިވިއްޔާ ދިވެހި ރައްޔިތުން ރޯޝަނީކަން ގެނެސްދޭނަން، އެއްލައްކަ ރުފިޔާގެ މުސާރަ ހޯދާކަށް ނޫން އަޅުގަނޑު މިއުޅެނީ އަޅުގަނޑަށް ވަނީ މި ދައުލަތު ދަށުގައިވާ އެއްވެސް މީހަކަށް ދެއްވި އެންމެ މަތީ ނިއުމަތް ދެއްވާފައި،" ގާސިމް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީއެއް ފުރަތަމަ އުފައްދަން މަސައްކަތްކުރީ އަޅުގަނޑު - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ