މާދަމާއިން ފެށިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ މޫސުން ރަނގަޅުވާން ފަށާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މިއަދު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ވިއްސާރައިގެ އަސަރުކުރާނެކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގެ ދެކުނަށް ކެރީގެ އަސަރުކުރާމާއެކު މެދު ރާއްޖެތެރެއަށް މިއަދު މެންދުރުފަހު ބޯކޮށް ވާރޭވެހޭނެކަމަށް ވިދާޅުވިއެވެ.
މިއަދު މޫސުން ގޯސްވާނެކަމަށް ލަފާކޮށް މިއަދު 09:30 އިން ފެށިގެން 15:30 އާއި ހަމައަށް މެޓް އޮފީހުން ވަނީ މެދުރާއްޖެތެރެއަށް ހުދު ސަމާލު ނެރެފައެވެ. އެއީ ޅ އަތޮޅުން ފެށިގެން ފ އަތޮޅާހަމައަށެވެ. ހުދު ސަމާލު ނެރެފައިވަނީ ބޯކޮށްވާރޭވެހުމާއެކު، ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނޭކަމަށް ލަފާކުރެވޭތީކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
ކަނޑުތައް މިއަދު އުޅެނީ އުތުރާއި މެދުރާއްޖެތެރެއަށް ގަދަކޮށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެކަމަށެވެ. އަދި އަންގާރަ ދުވަހުން ފެށިގެން ވިއްސާރަ އަލިވާނެކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމުން ދަތުރުފަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ: މެޓް އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ