ކަނޑުން ބައެއް ދޫކޮށްލަން ރައީީސް ނިންމެވީ، ޣައިރު ޤާނޫނީ ނިންމެވުމެއް: އުމަރު

ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމެވި ނިންމެވުމަކީ ޣައިރު ޤާނޫނީ ނިންމެވުމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު، އަދި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ނިންމަވައިފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޗާގޯސް މައްސަލައާ ގުޅޭގޮތުން، ޗެނަލް13ގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، ޗާގޯސްގެ ސިޔާދަތީ ބާރު، މޮރިޝަސްއަށް ލިބިގެންވާ ކަމަށް އެއްބަސްވެވަޑައިގެން، ރައީސް ޞާލިޙު، އެ ޤައުމުގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއެކު، ރާއްޖޭގެ ކަނޑުން 45،000 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ގެއްލިފައިވާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި، ރައީސްއަށް އެ ނިންމެވުން ނުނިންމެވޭނެ ކަމަށެވެ. އެގޮތުން މިކަމުގައި ވަޒީރުންގެ މަޖިލީހާއި، ޤައުމީ ސަލާމަތާ ބެހޭ މަޖިލީހާއި، ރައްޔިތުންގެ މަޖިލިސް ވެސް، މިކަމުގެ ތެރެއަށް ވައްދަން ޖެހޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.
މި މައްސަލަ އަނެއްކާވެސް ސުޕްރީމް ކޯޓަށް ހުށަހަޅަން ތައްޔާރުވަމުން އަންނަކަން ފާހަގަކުރައްވައި، އުމަރު ވަނީ މައްސަލަ ކާމިޔާބުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އުމަރު ވިދާޅުވީ، 1956 ވަނަ އަހަރުގައި ރާއްޖެއަށް މިފަދަ މައްސަލައެއް ދިމާވި ކަމަށާއި، އޭރު ހުންނެވި ބޮޑުވަޒީރު، ކިލެގެފާނު، ސްރީލަންކާގައި ހުންނަ އިނގެރޭސި ހައިކޮމިޝަނަށް ގެންދެވުމަށްފަހު، އައްޑޫ ސިޓީ ގަން، އިނގެރޭސީންނަށް 100 އަހަރަށް ދިނުމަށް ސޮއިކޮށްދެއްވުމަށް، އިނގެރޭސީން އެދުނު ކަމަށެވެ. އޭރު ބޮޑުވަޒީރު، ކިލެގެފާނު، އިނގެރޭސީން ވަރަށް ބޮޑަށް "އޮޅުކޮށްފައިވުމުން" އެކަމަށް އެއްބަސްވެވަޑައިގެންނެވި ކަމަށާއި، މަޖިލީހުގެ ބަހެެއް ނެތި، އޭރު އެ ނިންމެވި ނިންމެވުން ބަދަލު ކުރެއްވީ ފަހުން އައި ސަރުކާރުން ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ، ދިވެހި މަސްކަނޑުން ބައެއް ދޫކޮށްލީ އިންޑިއާގެ ނުފޫޒާއެކުގައި ކަމަށެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)ގެ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ޗެމްބަރަކުން ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައެޅުމުގެ މައްސަލަ ބައްލަވައި، އިއްވެވި ޙުކުމްގައި ވަނީ، ރާއްޖެ އާއި މޮރިޝަސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަޙައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.
އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމުލަ 47،232 އަކަކިލޯމީޓަރު ލިބެއެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަ ކިލޯމީޓަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ