ޔާމީން ނެތި ރިޔާސީ އިންތިހާބެއް ނޯންނާނެ: އަދުރޭ

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ނެތި ރިޔާސީ އިންތިހާބެއް ނޯންނާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޔާމީން މިނިވަން ކުރުމަށް ގޮވާލާ މިއަދު މާލޭގައި ބޭއްވި ހަރަކާތުގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ ޔާމީންގެ ހިޔަނީގައި ހިނގައިގެން ނުވަތަ ޕީޕީއެމްގެ ސަޕޯޓު ހޯދައިގެން ވެރިކަން ހޯދުމުގެ ހުވަފެން ދެކޭ ބޭފުޅުން އެ ހުވަފެންތައް ދެކުން ހުއްޓާލުން މާ ރަނގަޅުވާނެ ކަމަށެވެ.
"ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއް ނެތް ގޮތަށް އިރާދަކުރެއްވިއްޔާ މި އިންތިހާބެއް ނޯންނާނެ. އެ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމޭ އެއްހާސް ފަހަރު ބުނަން ޖެހުނަސް މި ތިބީ ބުނަން ތައްޔާރަށް." އަދުރޭ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު އެ މައްސަލަ ނިމިގެންދާނީ ޔާމީނާ އެއްކޮޅަށް ކަމަށް އަދުރޭ ވިދާޅުވި އެވެ. ޔާމީން މިނިވަންވެ އަލުން އަނބުރާ ވެރިކަމަށް ވަޑައިގަތުމަށް އެދޭ އެތައް ހާސް ރައްޔިތުންނެއް އެބަތިބި ކަމަށާއި އެކަން ހާސިލުކުރަން އިދިކޮޅުން ކުރާ މަސައްކަތް ދުވަހެއް ދުވަހަކަށް ވަރުގަދަ ކުރަންޖެހޭ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގަ އެވެ. އެ ދުވަހުން ފެށިގެން އިދިކޮޅު ސަޕޯޓަރުން އަންނަނީ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ކޮންމެ ރެޔަކު މާލޭގައި އިދިކޮޅުން އަންނަނީ އެއްވުންތައް ބާއްވަމުންނެވެ.
ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. ދައުވާތައް ސާބިތުވުމުން ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކޮށްފަ އެވެ.
މި ދައުވާތައް ސާބިތުވުމުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް މިހާރު ވަނީ ބަންދުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ