ސްކޫލް ދަތުރެއްގައި ދަރިފުޅު މިސްކިތަށް ނުފޮނުވި ޖަރުމަނުގެ މައިންބަފައިން ކޯޓަށް

ބާލިން (އޮކްޓޯބަރު 31): މިސްކިތަކަށް ދިޔުމުން "ހައްދުފަހަނައަޅާފައިވާ މުސްލިމުންގެ ބަހަށް ދަރިފުޅު ހެއްލިދާނެތީ" ސްކޫލް ދަތުރެއްގައި ދަރިފުޅު މިސްކިތަށް ނުފޮނުވި ޖަރުމަނުވިލާތުގެ މައިންބަފައިން ކޯޓަށް ހާޒިރުވާން ޖެހިއްޖެ އެވެ. ޖަރުމަނުވިލާތުގެ ނޫހެއްގައިވާ ގޮތުން ރެންޑްސްބާގް ޓައުންގެ ސްކޫލަކުން ދަރިވަރުން ގޮވައިގެން މިސްކިތަކަށް ކުރި ދަތުރެއްގައި 13 އަހަރުގެ ދަރިފުޅު ބައިވެރި ނުކުރަން ކުއްޖާގެ މައިންބަފައިން ނިންމީ "އިސްލާމް ދީނުން ހިތްވަރު ލިބިގެން ހަމަނުޖެހުން ހިންގާ މުސްލިމުންގެ ރިޕޯޓުތައް" އެމީހުންނަށް އަޑު އިވިފައި ވުމުން، އެމީހުންގެ ދަރިފުޅު މިސްކިތަށް ދިޔުމުން ކުއްޖާއަށް އަނިޔާއެއް ލިބިދާނެ ކަމުގެ ބިރު ހީވާތީ އެވެ. ދަރިފުޅު ސްކޫލް ގަޑިއަކަށް މަގުބޫލު އުޒުރަކާ ނުލައި ނުފޮނުވައިފި ނަމަ ޖަރުމަނުގެ ގާނޫނުތަކުގެ ދަށުން އެކުއްޖާގެ މައިންބަފައިން ޖޫރިމަނާ ކުރެވޭނެ އެވެ. އެގޮތުން ކަމާ ބެހޭ ފަރާތްތަކުން އެކުއްޖާގެ މައިންބަފައިން، މީހަކަށް 164 ޑޮލަރުގެ މަގުން ޖޫރިމަނާ ދައްކަން އެންގުމުން މައިންބަފައިން ވަނީ ޖޫރިމަނާ ދައްކަން ދެކޮޅު ހަދާފަ އެވެ. އެހެންކަމުން މިހާރު އެ މައްސަލަ ވަނީ ޑިސްޓްރިކްޓް ކޯޓަކަށް ވައްދާފަ އެވެ. އެދެމީހުންގެ ވަކީލު އެލްގްޒެންޑާ ހޫމަން ވަނީ ކުއްޖާ މިސްކިތަށް ނުފޮނުވީ އިސްލާމްދީނަށް އޮންނަ ރުޅިވެރިކަމެއްގެ ސަބަބުން ނޫން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، އެ މައްސަލައަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ ހޫމަން އަކީ އިސްލާމް ދީނާ ދެކޮޅު މޫވްމެންޓެއް އުފެއްދުމުގައި އިސްކޮށް އުޅުނު އަދި ޖަރުމަނުވިލާތަށް ރެފިއުޖީން ހިޖުރަ ކުރުމާ ދެކޮޅު ޕާޓީއެއްގައި މީގެ ކުރިން އުޅުނު މީހެއް ކަމަށް ބުނެފަ އެވެ. (އިންޑިޕެންޑެންޓް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ