ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މޫސުން ގޯސް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދުވެސް ހުދު ސަމާލު ނެރެފިއެވެ.
މެޓުން ސަމާލު ނެރުނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅު ހިމެނޭ ސަރަހައްދަށެވެ. މެޓު އޮފީހުން ބުނީ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަަމަށެވެ.
އެސަރަހައްދުތަކަށް ވައިގަދަވާނެ ކަމަށާއި އާންމު ގޮތެއްގައި ވައިޖެހޭނީ 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިޔަކު 40 މޭލަށް ވައިގެ ބާރުމިން އެރުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ.
މިދުވަސްވަރު ރާއްޖެއަށް ކުރަމުން ދަނީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށުމާއި ދެމެދު ކުރާ "ދެ މޫސުން ބެދޭ ވިއްސާރަ" ކަމަށް މެޓުން މައުލޫމާތު ދެއެވެ.
މިދުވަސްވަރު ރާއްޖެ ސަރަހައްދުގައި ޖައްވު ނުސާފުކަން ވަނީ ފާހަގަކުރެވިފައެވެ.
މޫސުމާބެހޭ ޤަޢުމީ ޢިދާރާއިން ބުނީ އާއްމުކޮށް މޫސުން ރަނގަޅު ދުވަސްވަރު، ދުރު ފެންނަ މިންވަރު 10 ކިލޯ މީޓަރަށް ވުރެއް އިތުުރުވި ނަމަވެސް، މިދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގައި ދުރު ފެންނަ މިންވަރު ވަނީ 4 ކިލޯމީޓަރުން 5 ކިލޯމީޓަރަށް ދަށްވެފައި ކަމަށެވެ.
ބަނަފިނީގެ ސަބަބުން ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުންދާ މިދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގައި ދުރުފެންނަ މިންވަރު ދަށްވެފައިވަނީ އިންޑިއާގެ ހިމަލަޔަން ސަރަހައްދުގެ ހިރަފުހާއި ދުން، ވަޔާއިއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް، ރާއްޖެއާ ހަމައަށް ފޯރާތީ ކަމަށްވެސް މޫސުމާބެހޭ ޤައުމީ ޢިދާރާއިން ބުނެއެވެ.
އެއިދާރާއިން އިތުރަށް ބުނީ ބަނަފިނީގެ ސަބަބުން ރާއްޖޭގެ ޖައްވު ނުސާފުވާކަން ބޮޑަށް ފާހަގަ ކުރެވެނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް ކަމަށެވެ.
ވައިނުސާފުމުގެ ސަބަބުން ކުރިމަތިވެދާނޭ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށް މާސްކު އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް]ޕީ) އިން ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ