ރައީސް ޞާލިހު ލޯނު ނުނެންގެވިނަމަ ރައްޔިތުން ބަނޑަށް ޖެހުނީސް: ރޮޒައިނާ

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ދަރަނި އިތުރުވަމުންދާތީ ފާޑުކިޔާ ފަރާތްތަކަށް މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރައްދު ދެއްވައިފިއެވެ. 
ދިވެހި ސަރުކާރުގެ ދަރަންޏާއި ސަރުކާރުން ޒިންމާ ނަގާ ގޮތަށް އެކި ފަރާތްތަކުން ނަގާފައިވާ ޖުމުލަ ދަރަނި 100 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. 
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލައި އިރު ސަރުކާރަށް ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނީގެ އަދަދު 46 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި އެެތެރޭގެ ފަރާތްތަކުން ނަގާފައިވާ ދަރަނީގެ އަދަދު 53 ބިލިއަން ރުފިޔާއަށް އަރައެވެ.
Advertisement
މީގެ ތެރެއިން ސީދާ ސަރުކާރުން ނަގާފައިވާ ދަރަނީގެ އަދަދަކީ 84.8 ބިލިއަން ރުފިޔާއެވެ. އަދި ސަރުކާރުން ޒިންމާވާ ގޮތަށް ނަގާފައިވާ ދަރަނީގެ އަދަދަކީ 14.1 ބިލިއަން ރުފިޔާއެވެ.
އަދި 2023 ވަނަ އަހަރު މި ދަރަނި އިތުރަށް ބޮޑުވެގެންދާނެކަމަށް މާލީ އިދާރާތަކުން ދަނީ އަންދާޒާކުރަމުންނެވެ. 
ސަރުކާރުގެ ދަރަނި އިންތިހާއަށް އިތުރުވަމުންދިއުމާއި ގުޅިގެން ސަރުކާރުގެ ވާދަވެރިންގެ ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. އެގޮތުން ރައީސް ޞާލިހުގެ ވެރިކަމުގައި މީގެ ކުރިން އެއްވެސް ވެރިކަމެއްގައި ނަގާފައި ނުވާ ވަރަށް ދަރަނި ނަގާފައިވާކަމަށް އެ ފަރާތްތައް ގެންދަނީ ބުނަމުންނެވެ. އަދި ދަރަނި އިތުރުވަމުންދާއިރު، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށްވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާކަން އެ ފަރާތްތައް ފާހަގަކުރައްވައެވެ. 
މި ސަރުކާރުން ނަގާ ލޯނުތަކާއި ގުޅިގެން ފާޑުކިޔަމުންދާ ފަރާތްތަކަށް ރައްދުދެއްވަމުން ރައީސް ޞާލިހުގެ ޕްރައިމަރީގެ ކެމްޕެއިން ނިންމުމަށް އައްޑޫސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ ރައީސް ޞާލިހު ދަރަނި ނަންގަވަން ޖެހުނީ ކޯވިޑާއި ގުޅިގެން ކުރިމަތިވި އިގްތިސާދީ ކާރިސާގެ ސަބަބުން ކަމަށެވެ. 
ކޯވިޑްގެ ވަބާ ރާއްޖެއަށްވެސް ކުރިމަތިވިކަން ބަޔަކަށް ގަބޫލު ނުކުރެވުނު ނަމަވެސް، އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށްހީނަރުވެގެން ދިޔަ ކަމަށާއި، އެ ހާލަތުން އަރައިގަތުމަށް ކޮންމެހެންވެސް ލޯނު ނަންގަވަން ރައީސް ޞާލިހަށް ޖެހިވަޑައިގަތީކަމަށް ރޮޒައިނާ ވިދާޅުވިއެވެ. 
"ކޮވިޑަކީ އައި އެއްޗެއް.. ދެ އަހަރު ދުވަސް ވަންދެން އަޅުގަނޑުމެންގެ އިގްތިސާދު އޮތީ ވަޅުޖެހިފަ. އަޅުގަނޑުމެންގެ ގައުމަށް ވަންނަން ޖެހޭ ބޭރު ފައިސާއެއް ނުވަދޭ. ލޯނު ލޯނު ލޯނޭ މިއަދު ކިޔާއިރުގައި، އެ ލޯނު އެ ދުވަހު ނުނެގިނަމަ އަޅުގަނޑުމެން ތިބޭނީ ބަނޑަށޭ.. ދިވެހި ރައްޔިތުން ބަނޑަށް ޖެހޭއިރުގައި ނުނަގާ ލޯނެއް ދެން ކޮން އިރަކުތޯ ނަގަންވީ؟" 
މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ
ރޮޒައިނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކޯވިޑް މެނޭޖުކުރި ގޮތަށް ދުނިޔޭގެ އެކި ގައުމުތަކުންވެސް ތައުރީފު ކުރަމުންދާ ކަމަށެވެ. އެ ދަތި ހާލުގައިވެސް ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް އެމަނިކުފާނު ފުއްދަވާދެއްވާފައިވާކަމަށާއި، އެ ހާލުގައިވެސް ގައުމު ހިންގުމުގެ މަސައްކަތްޕުޅު ކާމިޔާބު ކަމާއެކު ކުރައްވާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ