ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމު ދުނިޔޭގެ 63 ވަނައިގައި އަދި އޭޝިއާގެ 12 ވަނައިގައި

ދުނިޔޭގެ ވޮލީބޯޅަ ޖަމިއްޔާ، އެފްއައިވީބީގެ ރޭންކިން ސިސްޓަމްގެ ތެރޭގައި ފުރަތަމަ ފަހަރަށް ހިމެނުނު ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމުން ދުނިޔޭގެ 63 ވަނަ މަގާމުގެ އިތުރުން އޭޝިއާގެ 12 ވަނަ ޓީމުގެ ގޮތުގައި ރޭންކްކޮށްފި އެވެ. 
އެފްއައިވީބީން މިއަދު އާންމުކުރި، 93 ގައުމު ހިމެނޭ ރޭންކިންގައިވާ ގޮތުން އަންހެން ރޭންކިންގައި ދެ ވަނަ އަށް އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ދެކުނު އޭޝިއާގެ ތިން ގައުމުންނެވެ. އެއީ، ރާއްޖެ އާއި ނޭޕާލް އަދި ބަންގްލަދޭޝް އެވެ.
އެ ގޮތުން، ރާއްޖޭން އިއްޔެ، ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި 3-0 އިން ކިރްގިސްތާން އަތުން ބަލިވިއިރު، އެ މެޗުގެ ވެސް ސްކޯރިންއާ ކަންކަމަށް ބަލައިފައި، ސްކޯރިން ސިސްޓަމް ޕޮއިންޓްތަކަށް ފަހު، ރާއްޖެ ރޭންކްކުރެވިފައިވަނީ، 63 ވަނައިގަ އެވެ. އަދި، 62 ވަނައިގައި އޮތީ ކިރްގިސްތާން އެވެ.
ކިރްގިސްތާންގެ 53.39 ޕޮއިންޓް އޮތްއިރު، ރާއްޖޭގެ އޮތީ 51.74 ޕޮއިންޓެވެ. 
އިއްޔެގެ މެޗުން ކިރްގިސްތާން އަތުން ރާއްޖެ ބަލިވިއިރު، ސެޓުތައް ދިޔައީ، 25-19، 25-16 އަދި 25-22 އިންނެވެ. 
އެފްއައިވީބީގެ މި ރޭންކިންގައި އޭޝިއާ ސަރަހައްދަށް ބަލާއިރު، ރާއްޖެ އަކީ 12 ވަނަ އެވެ. ދުނިޔޭގެ ރޭންކިން އާއި އޭޝިއާގެ ރޭންކިން އަށް ބަލާއިރު، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ކުރީގައި އޮތީ ދުނިޔޭގެ 60 ވަނައިގައި އޮތް ނޭޕާލް އެވެ. ދެ ވަނައިގައި ރާއްޖެ އޮތްއިރު، ތިން ވަނައިގައި އޮތީ 67 ވަނައިގައި އޮތް ބަންގްލަދޭޝް އެވެ. އަދި، އިންޑިއާ އަށް ލިބެނީ 70 ވަނަ އެވެ. ދެކުނު އޭޝިއާގެ ސްރީ ލަންކާ، ޕާކިސްތާން އަދި ބޫޓާން އަށް ރޭންކިން އިން ފުރުސަތު ލިބިފައިނުވެ އެވެ.
ރާއްޖޭން މި ވަގުތު އޭޝިއާގެ 12 ވަނައިގައި އޮތްއިރު،. މި މަގާމު ދަމަހައްޓަމުންދާނަަމަ އޭޝިއާ ލެވަލްގެ އެންމެ މަތީ ރޭންކްތަކުގެ ޓީމުތަކަށް ޖާގަ ލިބޭ މުބާރާތްތަކުން ރާއްޖެ އަށް ފުރުސަތު ލިބޭނެ އެވެ. ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމަށް އަދި، އެފްއައިވީބީ ރޭންކިން އެއް ލިިބިފައި ނެތެވެ. 
ނޭޕާލުގެ ކަތުމަންޑޫގައި މިހާރު ކުރިއަށްދާ ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ މައިގަނޑު އެއް އަމާޒަކީ ރޭންކިން ރަނގަޅު ކުރުން ކަމަށް ވަނީ ބުނެފަ އެވެ. 
ކާވާ މުބާރާތުގައި މިއަދު ރާއްޖޭން ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އަދި، ގްރޫޕްގެ ފަހު މެޗުގައި މާދަމާ ނޭޕާލާ ބައްދަލުކުރާނެ އެވެ. 
ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުމަށް ފަހު، ދެން އޮންނާނީ ރޭންކިން ބުރެކެވެ. ކްލަސިފިކޭޝަން ރައުންޑްގެ ނަމުގައި ކުޅޭ މި ބުރުގައި މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން 5-8 ވަނަ އަށް ދާ ގައުމުތައް ރޭންކް ކުރެވިގެންދާނެ އެވެ. އެ ބުރުގެ މެޗުތައް އޮންނާނީ، މި މަހުގެ 26 އާއި 27 ވަނަ ދުވަހު އެވެ. އަދި، މުބާރާތުގެ 28 އާއި 29 ވަނަ ދުވަހު އޮންނާނީ ސެމީ ފައިނަލް މެޗުތަކާއި ތިން ވަނަ ހޮވާ މެޗާއި ފައިނަލް މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ