ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާނެ ކަމަށާއި ނާޒިމްއާއެކު ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ އެއްވެސް މެމްބަރަކު ނުދާނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނާޒިމް މަޖިލީހުގެ ނައިބު ރައީސް ކަމުން ދުރުކުރުމަށް މަސައްކަތް ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން މަސައްކަތް ކުރައްވާތީ ކަމަށާއި އެ މަސައްކަތުގައި ނާޒިމްއާ އެކު ޕީއެންސީގެ 23 މެންބަރަކު ތިއްބެވި ކަމަށް ވިދާޅުވެފަ އެވެ.
މިދިޔަ ހަފްތާގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފަ އެވެ. އަދި ބެލެވޭ ގޮތުގައި މި ހަފްތާގައި ބާއްވާ މަޖިލީހުގެ ޖަލްސާގައި އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނެ އެވެ.
މިދިޔަ އޭޕްރީލް މަހުގެ ބޭއްވި ކައުންސިލް އިންތިހާބުގައި އއ. ތޮއްޑޫއިން ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ މަޖިލިސް މެންބަރުންނަށް ލިބިވަޑައިގަންނަވާ މަގާމުތަކަކީ ޕާޓީގެ އުސޫލުތައް ގަބޫލުކޮށްގެން، ޕާޓީގެ ޓިކެޓުގައި ހޮވުމުން ޕާޓީން ދޭ މަގާމުތަކެއް ކަމަށެވެ. އަދި އެފަދަ މަގާމެއްގައި ހުންނަ މީހެއްގެ އިތުބާރު ގެއްލިއްޖެ ނަމަ، އެ މީހެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނަގާނެ ކަމަށާއި އެއީ މި ނިޒާމުގައި އެކަން އޮންނަ ގޮތް ކަމަށް ޝުޖާއު ވިދާޅުވި އެވެ. ނިޒާމުގެ ތެރެއިން އޮންނަ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން އެއީ ޕާޓީގެ ލީޑަރަށް ވިޔަސް، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށްވިޔަސް، އިތުބާރު ގެއްލިއްޖެ ނަމަ ޕާޓީގެ 75 މެންބަރުންގެ ތާއީދެއް އެ ބޭފުޅަކަށް ނޯންނާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"އިތުބާރު ނެތް މީހަކާއެކީގައި ދާނެ އެއްވެސް އިއްޒަތްތެރި މެމްބަރެއް އަޅުގަނޑުމެންގެ ޕާޓީގައި ނުހުންނާނެ،" ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވަނީ މި މައްސަލައިގެ ތެރެއަށް އެމްޑީޕީން ވަންނަން އުޅޭނެ ކަމެއް ނެތް ކަމަށާއި އެކަން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ކުރިއަށްގެންދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
"އެމަނިކުފާނާއެކީގައި (ނާޒިމް) ޕީއެންސީގެ ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން އެއްވެސް ބޭފުޅަކު ވަޑައެއްނުގަންނަވާނެ. ޚުދު އެ މަނިކުފާނު ވެސް ޕީއެންސީ ދޫކުރައްވާފައި ވަޑައެއްނުގަންނަވާނެ،" ޝުޖާއު ވިދާޅުވި އެވެ.
ނާޒިމް ވަކިކުރުމަށް ޕީއެންސީން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، މަޖިލީހުގައި ފިތުނަ އުފައްދައި މަސްލަހަތު ގެއްލުވާލުމަށް އޭނާ ތަކުރާރުކޮށް މަސައްކަތްކުރައްވާފައިވާ ކަމަށެވެ. އެ ގަރާރުގައި ޕީއެންސީގެ 73 މެންބަރަކު ސޮއިކުރައްވާފައިވެ އެވެ.
ނާޒިމްއާއެކު ޕީއެންސީގެ އެއްވެސް މެމްބަރަކު ނުދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ