ޓެކް ޑައިވިންއާ ގުޅޭ ގާނޫނެއް ހަދަން މަޝްވަރާ ފަށައިފި

ޓެކްނިކަލް ޑައިވިންއާ ގުޅޭ ގާނޫނެއް ހެދުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި އެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ވީ ކިހިނެއް؟- އިޓަލީގެ ޑައިވަރުންތަކެއް ރާއްޖޭގެ ކަނޑުއަޑީގެ ހޮހޮޅައަކަށް ގެއްލުމާ ގުޅިގެން، އެ މީހުންގެ ހަށިގަނޑު ނެގުމުގެ މަސައްކަތް ކުރީ ބޭރުގެ އެކަމާ ގުޅޭ ތަޖުރިބާކާރު ޓެކްނިކަލް ޑައިވަރުންތަކެކެވެ.
ޓެކްނިކަލް ޑައިވިންއަކީ އާއްމުކޮށް ކުރާ ރެކްރިއޭޝަނަލް ޑައިވިންގެ ލިމިޓުގެ ބޭރުން، އިތުރަށް ބަލާ ހޯދުމަށް ފުރުސަތު ލިބޭ ފީނުމުގެ ބާވަތެކެވެ. އެއީ އެކަމާ ގުޅޭ ހާއްސަ ތަމްރީނާއި ވަސީލަތްތަކާ އެކު ކުރާ ކަމެކެވެ.
މިއަދު ހަވީރު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ތަރުޖަމާނު، މުހައްމަދު ހުސެން ޝަރީފް ވިދާޅުވީ ޓެކްނިކަލް ޑައިވިންއަކީ ހާއްސަ އާލާތްކަކާ އެކު، ހާއްސަ ފެންވަރުގެ ތަޖުރިބާއާ އެކު ކުރެވޭނެ ކަމެއް ކަމަށާއި އެއާ ގުޅޭ ގާނޫނެއް އަދިި ރާއްޖޭގައި ނެތް ކަމަށެވެ. އެހެންވެ، އެ ފަދަ ގާނޫނެއް ހެދުމުގެ ވިސްނުން ހުރުމުން، ކަމާ ގުޅޭ މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
"އެކަމަށް ހަރުދަނާ ގަވައިދުތަކެއް ހަދައި، ރެގިއުލޭޓް ކުރަން ޖެހޭ. އިރާދަކުރެއްވިއްޔާ މާލަހެއް ނުވެ އެ [ފަދަ ގާނޫނެއް] ހެދޭނެ،" މުހައްމަދު ހުސެން ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހިންގެ ތެރޭގައި ވެސް ވަރަށް ކުޅަދާނަ އަދި ވަރަށް ކުރިއްސުރެ ފީނާ ހަދާ ތަޖުރިބާކާރު ޑައިވަރުން އުޅޭ ކަމަށެވެ.
އެނގުން މުހިއްމު- ގެއްލުނު އިޓަލީގެ ޑައިވަރުންތަކުގެ ހަށިތައް ހޮހޮޅައިން ނެގީ، ފިންލޭންޑުގެ އެކަމާ ގުޅޭ ހާއްސަ ޓީމަކުންނެވެ. އެ މީހުންގެ ހަށިތައް މިހާރު އިޓަލީއަށް ފޮނުވާލައި، ދެ ގައުމުން ވެސް އަންނަނީ އެ ހާދިސާއާ ގުޅޭ ތަހުގީގެއް މިހާރު ފަށާފަ އެވެ.
ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު އެމްއެންޑީފްގެ އެންމެ ތަޖުރިބާކާރު ޑައިވަރުންގެ ތެރޭގައި ހިމެނޭ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ މަރުވެފަ އެވެ. މަހުދީ މަރުވުމުގައި އިހުމާލެއްވޭތޯ ބަލަން ދިވެހި ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ