ޒެންޑެޔާގެ އޭއައި ކައިވެނީގެ ފޮޓޯތަކަށް ސްޓައިލިސްޓް ފާޑުކިޔައިފި

ހޮލީވުޑްގެ މަގުބޫލު ފިލްމީ ތަރިން ކަމަށްވާ ޒެންޑޭއާ އާއި ޓޮމް ހޮލެންޑްގެ ކައިވެނީގެ ފޮޓޯތައް ކަމަށްބުނާ އޭއައި މެދުވެރިކޮށް އުފައްދާފައިވާ ފޮޓޯތަކަށް ބަތަލާގެ ސްޓައިލިސްޓް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. މި އަހަރުގެ ކުރީކޮޅު ސޯޝަލް މީޑިއާތަކުގައި ދައުރުވި މި ފޮޓޯތަކަށް ފާޑުކިޔަމުން ބަތަލާގެ ސްޓައިލިސްޓް ލޯ ރޯޗް ބުނީ، ޒެންޑޭއާގެ އަސްލު ކައިވެނީގެ ހެދުން މާ ރީތިވެފައި ފުރިހަމަވާނެ ކަމަށެވެ. އެ ފޮޓޯގައި ޒެންޑޭއާ ލައިގެން ހުރި ކައިވެނީގެ ހެދުމަށް އިޝާރާތްކޮށް، ލޯ ރޯޗް ބުނީ އެ ހެދުން އޭނާ ހިތްހަމަޖެހޭ ވަރާ ގާތްވެސް ނުވާ ކަމަށެވެ. އަދި އަސްލު ކައިވެނީގެ ހެދުން އެއަށްވުރެ މާ ފުރިހަމަވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދީފައެވެ. ޒެންޑޭއާ އާއި ޓޮމްގެ ކައިވެނީގެ އޭއައި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާންފެށީ، މި އަހަރުގެ މާޗް މަހުގެ އެކެއްގައި ބޭއްވި "އެކްޓަރު އެވޯޑްސް"ގައި، އެ ދެ ތަރިން ކައިވެނިކޮށްފައިވާ ކަމަށް ބުނެ ރޯޗް ދިން ބަޔާނަކާ ގުޅިގެންނެވެ. ޒެންޑޭއާ ސްޓައިލިސްޓް ލޯ ރޯޗްއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ މިކަމާ ގުޅޭގޮތުން "ގުޑް މޯނިންގް އެމެރިކާ" ޝޯގައި ވާހަކަ ދައްކަމުން ރޯޗް ބުނީ، އެ ފޮޓޯގައި ފެންނަ ހެދުމަކީ ޒެންޑޭއާ އާ އެކަށީގެންވާ ވަރުގެ ހެދުމެއް ނޫން ކަމަށެވެ. އަދި އަސްލު ހެދުމާއި އެ ފޮޓޯއާ އެއްވެސް ގުޅުމެއް ހުރިތޯ ސުވާލުކުރުމުން، ހިނިގަނޑަކާ އެކު އޭނާ ބުނީ އެއީ މުޅިން ތަފާތު އެއްޗެއް ކަމަށެވެ. ޓޮމް ހޮލަންޑް ވެސް ވަނީ އޭނާ އާއި ޒެންޑޭއާ މިހާރު ކައިވެނިކޮށްގެން އުޅޭކަން ކަށަވަރުކޮށްދީފައެވެ. ދާދިފަހުން "އެސްކުއަޔަ"އަށް ދިން އިންޓަވިއުއެއްގައި ޓޮމް ބުނީ، އެ ދެމީހުންގެ އަސްލު ކައިވެނީގެ ހަފުލާގައި އާއިލާގެ ހުރިހާ މެމްބަރުން ބައިވެރިވެފައިވާތީ އޭއައި ފޮޓޯތަކަކީ އަސްލެއް ނޫންކަން އާއިލާގެ އެންމެންނަށް ވެސް އެނގޭ ކަމަށެވެ. ސެންޑޭއާ އާއި ޓޮމްގެ ލޯބީގެ ގުޅުން ފެށުނީ ދެ ތަރިން އެކީގައި މަސައްކަތްކުރި 'ސްޕައިޑަމޭން"ގެ ސެޓުގައެވެ. ދެ ތަރިންގެ ކައިވެނީގެ އަޑުތައް ގަދަވެފައިވަނީ މިދިޔަ އަހަރުގެ ގޯލްޑަން ގްލޯބްސް އެވޯޑް ހަފުލާގައި ޒެންޑޭއާގެ އިނގިލީގައި އަލިމަހުގެ އަނގޮޓިއެއް އޮތްތަން ފެނުމާ ގުޅިގެންނެވެ. މަސައްކަތުގެ ދާއިރާއަށް ބަލާއިރު، ކުރިއަށް އޮތް "ސްޕައިޑަރމޭން: ބްރޭންޑް ނިއު ޑޭ"އިން ޓޮމް ހޮލަންޑް އަދި ޒެންޑޭއާ އެކީގައި ފެންނާނެއިރު، ޒެންޑޭއާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދަ އޮޑިސީ" އަދި "ޑޫން: ޕާޓް ތްރީ" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ