އައްޑޫ ސިޓީގެ ހިތަދޫއާއި، ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތަށް ބުރޫއަރައި މެދުކެނޑޭ މައްސަލަ ހައްލު ނުވެ ދިގުލައިގެން ދާތީ، ފެނަކަ ހާޒިރުކޮށް ކުންފުނިން މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތްތައް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސިސް ކޮމިޓީން ނިންމައިފިއެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކޮންމެ ދުވަހެއްގެ ވެސް އެކި ވަގުތުތަކުގައި ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ ހައްލުވެފައި ނުވާތީ ގިނަ ބައެއްގެ ބޮޑެތި ކަންބޮޑުވުންތައް އެބަހުއްޓެވެ. މައްސަލަ ދިމާވާން ފެށިފަހުން، ކުރިޔާލައި އެންގުމަކާއި ނުލައި ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު އާންމުގޮތެއްގައި ކެނޑައެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގައި ފެނަކައިގެ އިހުމާލުތަކެއްވާކަމަށް ބުނެ ކުންފުނީގެ ވެރިން ހާޒިރުކޮށްދޭން އެދި ކޮމިޓީއަށް ހުށަހެޅީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާނެވެ. އަޒާން ހުށަހެޅި މައްސަލައިގައި ވަނީ އައްޑުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އެއް އަހަރުވެގެން ދިޔައިރު އަދިވެސް ބައެއް އިންޖީނުތަކުގެ ސްޕެއާތައް ލިބިފައި ނުވާކަމަށެވެ. މި މައްސަލައިގެ ހައްލެއް ނުލިބި އެތައް ދުވަހެއްވެފައި ވުން އަޒާން ސިފަ ކުރެއްވީ ކުންފުނީގެ އިހުމާލާއި ފަރުވާކުޑަކަމުގެ ހެއްކެއްގެ ގޮތުގައެވެ.
މައްސަލައިގައި ގޮތެއް ނިންމުމަށް އޮތް ބައްދަލުވުމުގައި ބައެއް މެމްބަރުން ވިދާޅުވީ، އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތާއި ގުޅޭގޮތުން ފެނަކައިން ބަޔާނެއް އާންމުކޮށްފައި ވާތީ އިތުރަށް ކުންފުނި ހާޒިރު ކުރަން ޖެހޭ ހާލަތެއް އޮތްކަމަށް ނުފެންނަކަމަށެވެ. އެހެން ނަމަވެސް އެކަމަށް ދެކޮޅު ހައްދަވައި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ ބައްދަލުވެ ވާހަކަ ދެކެވިފައި ވަނީ ފެނަކައިގެ ކުރީގެ އިސްވެރިންނާއިކަމަށެވެ.
މިފަހުން ކުންފުނީގެ މެނޭޖްމަންޓަށް އައި ބަދަލުތަކަށް ފަހު، އިސްވެރިންނާއި ބައްދަލުވެފައި ނުވާކަމަށް ނާޒިމް ވިދާޅުވިއެވެ. އެކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ މައްސަލަ ހައްލު ކުރުމާއި ގުޅޭގޮތުން މެނޭޖްމަންޓު ގެންގުޅޭ ތަސައްވުރާއި އަމާޒު އެނގެން ޖެހޭކަމަށެވެ.
ނާޒިމް ވިދާޅުވީ އައްޑޫއަކީ ބޮޑު އާބާދީއެއް އޮތް، ރާއްޖޭގެ އެންމެ ބޮޑު އެއް ސިޓީކަމަށާއި އެހެންކަމުން ލިބެން ޖެހޭނީ ރަނގަޅު ހިދުމަތެއް ކަމަށެވެ. އަދި ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮތް ކުންފުންޏެއްގެ ހާލަތު އެހާ ދަށަށް ގޮސް މައްސަލަ ހައްލު ނުވެ ގޯސް ވަނީ ކޮން ސަބަބާއި ހުރެކަން އެނގެން ޖެހޭކަމަށް ނާޒިމް ވިދާޅުވި އެވެ.
މި މައްސަލައިގައި ފެނަކައިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލައަށް އަވަސް ހައްލެއް ލިބޭނެކަމަށެވެ. އަދި ސްޓެލްކޯއާއި އެކުވެފައިވާ އެއްބަސްވުމެއްގެ ދަށުން 1.8 މެގަވޮޓްގެ ޖަނަރޭޓަރު ސެޓެއް ހަމަޖެހި އައްޑޫއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުްނޏެވެ.
ފެނަކައިން ބުނެފައިވާ ގޮތުން މިހާރު އައްޑުއަށް ކަރަންޓުގެ ހިދުމަތް ދެމުން ދަނީ، ހަލާކުވެފައިވާ ތިން ޖަނަރޭޓަރުގެ ތެރެއިން މަރާމާތު ކުރި އެއް ޖަނަރޭޓަރުންނެވެ. އަދި ދެވަނަ ޖަނަރޭޓަރުގެ މަރާމާތު ނިމި، މި ފެށޭ ހަފްތާގެ ކުރިން ބޭނުން ކުރަން ފެށޭވަރުވާނެކަމަށް ވެއެވެ.
ގޯސްވެފައިވާ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ނުވާތީ، ފެނަކައިގެ އިސްވެރިންނާއި ބައްދަލު ކުރަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ