ސާފް ކްލަބް ޗެމްޕިއަންޝިޕް 2028 ގެ ކުރިން ބޭއްވުމުގެ ފުރުސަތު އަދި ނެތް

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން، ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ކްލަބް ޗެމްޕިއަންޝިޕް ބާއްވަން ކުރާ މަސައްކަތުގައި އަމަލީ ސިފައެއް ކުރިއަށް އޮތް އަހަރު ވެސް ޖެހޭނެ ކަމަށް ނުބެލެވޭ ކަމަށް ސާފްގެ ޖެނެރަލް ސެކްރެޓަރީ، ޕްރުޝޮތަމް ކަޓޭލް ވިދާޅުވެއްޖެ އެވެ. 
އެކި ފަހަރު މަތިން މަސައްކަތްކޮށްގެން ވެސް ސާފް އަށް އަދިވެސް ކްލަބް ޗެމްޕިއަންޝިޕް ބޭއްވޭ ގޮތެއްނުވެ އެވެ. ކްލަބް ޗެމްޕިއަންޝިޕްގެ ވާހަކަ ދައްކަމުން އަންނަތާ 15 ވަރަކަށް އަހަރުވާނެ އެވެ. 
ޓައިމްސް އޮފް އިންޑިއާ (ޓީއޯއައި) އަށް ކަޓޭލް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، ހަގީގަތަށް ބުނާނަަމަ، އަންނަ އަހަރަށް ވެސް ސާފް ކްލަބް ޗެމްޕިއަންޝިޕް ޕްލޭންކޮށްފައި ނެތް ކަމަށެވެ.
މި ފަހުން، ކްލަބް ޗެމްޕިއަންޝިޕް ބޭއްވުމަށްޓަކައި، ޕްލޭން ކުރެވުނީ މި އަހަރު ކަމަށާއި ސަބަބަކީ އޭރު ކޮމާޝަލް ޕާޓްނަރެއް ހަމަޖެހިފައި އޮތުން ކަމަށް ކަޓޭލް ފާހަގަކުރެއްވި އެވެ. އެކަމަކު، މިހާރު ކޮމާޝަލް ޕާޓްނަރެއް ވެސް ނެތުމާއި އެކިއެކި ސަބަބުތަކާ ހުރެ އަނެއްކާ ވެސް ކްލަބް ޗެމްޕިއަންޝިޕް އޮތީ މަޑުޖެހިފައިކަމަށް ކަޓޭލް ވިދާޅުވި އެވެ. 
"ހަގީގަތަކީ އަންނަ އަހަރަށް ވެސް ނެތް (ކްލަބް ޗެމްޕިއަންޝިޕް) ޕްލޭން ކުރެވިފައެއް. މިދިޔަ އަހަރު އަހަރެމެން ސާފްގެ ކަލަންޑަރަށް މަސައްކަތްކުރިއިރު، ސަރަަހައްދުގެ ގައުމުތަކުގެ ލީގުތައް އޮތީ އެންމެ ރަނގަޅަކަށް ނޫން. ސްރީ ލަންކާ އާއި ނޭޕާލް އަދި ޕާކިސްތާނުގައި ލީގެއް ނެތް. ރާއްޖެ ވެސް ދިޔައީ ވަރަށް ހާލުގައި. އެ ވަގުތު ހަމައެކަނި ލީގު ދިޔައީ ބަންގްލަދޭޝް އާއި ބޫޓާންގައި. އަމުދުން އިންޑިއާގައި ވަރަށް ފަހުން ފެށީ ވެސް. އަހަރެމެންގެ ސާފް ގަައުމުތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ލީގުތައް ނޯންނަ މައްސަލަ މި އޮތީ،" މީގެ ކުރިން 17 އަހަރު އޭއެފްސީގައި މަސައްކަތް ކުރެއްވުމަށް ފަހު، މިދިޔަ އަހަރު ސާފްގެ މަގާމާ ހަވާލުވި ކަޓޭލް ވިދާޅުވި އެވެ. 
"ދެމެހެއްޓެނިވި ގޮތެއްގައި ލީގު ނޯންނަ ކަމަށްވާނަމަ އެކަމުން ފައިދާއެއް ނެތް. އެއް އަހަރު ކްލަބް ޗެމްޕިއަންޝިޕް ބާއްވާފައި، ދެން އަންނަ އަހަރު ނުބޭއްވުމަކީ ގޮތެއް ނޫން. އޭގެއިން ކްލަބް މުބާރާތެއް ބޭއްވުމުގެ ފައިދާއެއް ނުނިކުންނާނެ. ދެން، މި މުބާރާތް ބާއްވަން ބަލާއިރު ލޮޖިސްޓިކަލީ ވެސް ޗެލެންޖު އެބަހުރި، ސެންޓްރަލައިޒް ވެނިއު އަކު ބާއްވައިގެން މީހުންގެ ޝައުގުވެރިކަމެއް ނުލިބޭނެ،" 
އެންމެ ފުރަތަމަ ސާފް ކްލަބް ޗެމްޕިއަންޝިޕެއްގެ ވާހަކަ ދެކެވުނީ، 2009 ވަނަ އަހަރު އެވެ.
އެކަމަކު، ސާފް އިން އެންމެ ފުރަތަމަ ރަސްމީކޮށް ކްލަބް ޗެމްޕިއަންޝިޕް ބޭއްވުމުގެ ޝައުގުވެރިކަން ފާޅުކޮށް އެކަން އިއުލާނުކުރީ 2011 ވަނަ އަހަރު އެވެ. އެ ފަަހަރު، ނިންމީ ސާފްގެ ފުރަތަމަ ކްލަބް މުބާރާތް ބަންގްލަދޭޝްގައި ބޭއްވުމަށެވެ. އެކަަމަކު، އެކި ސަބަބުތަކާ ހުރެ އެ ފަހަރު އެ މުބާރާތް ނުބޭއްވި ޖެހުނީ ފަސްކުރާށެވެ.
ދެ ވަނަ ފަހަރަށް ކްލަބް ޗެމްޕިއަންޝިޕްގެ ވާހަކަ ދެކެވުނީ 2013 ވަނަ އަހަރުގެ ޖުލައި މަހުގަ އެވެ. އެ ފަހަރު ނިންމީ 2014 ވަނަ އަހަރު ސްރީ ލަންކާގައި ފުރަތަމަ ކްލަބް ޗެމްޕިއަންޝިޕް ހޯސްޓް ކުރާގޮތަށެވެ. އެ ފަހަރު، މުބާރާތް ނުބޭއްވުނު އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ސަރަހައްދުގެ ގަދަބާރު އިންޑިއާ އިން މުބާރާތް ކުރިއަށް ގެންދަން މާ ބޮޑު ޝައުގުވެރިކަމެއް ނުގެންގުޅޭތީ އެވެ.
އޭގެ ފަހުން 2016، 2017 އަދި 2018 ވަަނަ އަހަރު ވެސް ކްލަބް ޗެމްޕިއަންޝިޕްގެ ވާހަކަ އެކި ފަހަރު މަތިން ދެކެވުނު ނަމަވެސް އޮތީ ރަސްމީކޮށް އެ މުބާރާތް ނުފެށި އެވެ.
އެންމެ ފަހުން، 2021 ވަނަ އަހަރު ރާއްޖޭގައި އުރީދޫ ސާފް ޗެމްޕިއަންޝިޕް ނިންމާލުމަށް ފަހު ހޮޓެލް ޖެންގައި ބޭއްވި ސާފްގެ އާންމު ޖަލްސާގައި ވަނީ 2022 އަހަރު ބާއްވާނެ މުބާރާތްތަކާ މެދު މަޝްވަރާކޮށްފަ އެވެ. ސާފްގެ ހިންގާ ކޮމިޓީން ފަސް މުބާރާތެއް 2022 އަށް ޝެޑިއުލްކުރިއިރު، އޭގެ ތެރޭގައި ކްލަބް ޗެމްޕިއަންޝިޕް ވެސް ހިމެނި އެވެ. އަދި ކްލަބް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތް 2022 ވަނަ އަހަރު ބޭއްވުން ކޮންމެހެން މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރި އެވެ. އެކަމަކު، އެ އަހަރު ވެސް އެކަންނުވި އެވެ.
އެންމެ ފަހުން، 2023 ވަނަ އަހަރު، ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ހަވާސާގައި ބޭއްވި، ސާފްގެ އާންމު ޖަލްސާގައި ނިންމާފައިވަނީ، މި އަހަރު ކްލަބް ޗެމްޕިއަންޝިޕް ބޭއްވުމުގެ ކަންކަން ވަރުގަދަ އަށް ކުރުމަށެވެ.
ސާފްގެ ރައީސްކަން ކުރަމުން އަންނަ ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، ކާޒީ ސަލާހުއްދީން، ދާދި ފަހުން ބަންގްލަދޭޝް މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ކްލަބް ޗެމްޕިއަންޝިޕްގެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"(ސާފް ކްލަބް ޗެމްޕިއަންޝިޕް ބޭއްވުމުގެ) ހުވަފެން ހަގީގަތަކަށް ހެދޭނެ ކަމަށް މި ބަލަނީ،" ކާޒީ ވިދާޅުވި އެވެ.
އެ ގޮތުން، ލަސްވެގެން 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ސާފް ކްލަބް ޗެމްޕިއަންޝިޕް ފެށޭތޯ ކުރެވެން ހުރި މަސައްކަތެއް ކުރަން ވަނީ ނިންމައިފަ އެވެ. އަދި، މުބާރާތުގެ ފޯމެޓެއް ވެސް އެކުލަވާލެވުނެވެ. 
އެ ގޮތުން، ފޯމެޓަކީ، އިންޑިއާ އަށް ސާފް ކްލަބް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތުން ދެ ސްލޮޓް ދޭގޮތަށެވެ. އެއީ، ސުޕަ ލީގުގެ އެއް ވަނަ އާއި ދެ ވަނަ ޓީމަށެެވެ. އެއީ ސަރަަހައްދުގެ ރޭންކިން ކުރީގައި އިންޑިއާ އޮތުމުންނެވެ. އެ އަށް ފަހު، އަށް ޓީމުގެ މެދުގައި ކުޅޭ ކްލަބް ޗެމްޕިއަންޝިޕްގެ ބާކީ ހަ ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ގައުމަކަށް އެއް ސްލޮޓްގެ އުސޫލުންނެވެ. އެއީ، އެ ގައުމުގެ ލީގު ޗެމްޕިއަނުންނަށް ދޭ ޖާގަ އެވެ. 
އެކަމަކު، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ތެރޭގައި ޕާކިސްތާންގެ މީޑިއާ އިން ރިޕޯޓްކޮށްފައިވަނީ، އެ ގައުުމުގެ ކްލަބް ފުޓްބޯޅައިގެ ހާލަތު އޮތްގޮތުން، ސާފް ކްލަބް ޗެމްޕިއަންޝިޕްގައި އެ ޓީމު ނުފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި، އޭގެ ފަހުން، މިދިޔަ ތިން އަހަރު ވެސް އެކި ސަަބަބުތަކާ ހުރެ ސާފް ކްލަބް ޗެމްޕިއަންޝިޕް ބޭއްވޭ ގޮތެއްނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ