ގައުމީ މަޝްވަރާގެ ހަގީގީ ނަތީޖާ ފެންނާނީ ހަމައެކަނި ދެކެވޭ ވާހަަކައަކުން ނޫން، ކުރާ އަމަލުން: މެޑަމް ސާޖިދާ

ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުން ކުރެވޭ ގައުމީ މަޝްވަރާގެ ހަގީގީ ނަތީޖާ ފެންނާނީ، ހަމައެކަނި ދެކެވޭ ވާހަކައަކުން ނޫން ކަމަށާއި، ހަމައެއާއެކު، އެ މަޝްވަރާތައް ނިންމާލުމަށްފަހު އަމަލީ ގޮތުން ގެނެވޭ ހެޔޮ ބަދަލުތަކުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވެވި، ގައުމީ ކުޑަކުދިންގެ ދުވަހުގެ ”މަޝްވަރާ“ ފޯރަމް އިފްތިތާޙްކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.
މެޑަމް ސާޖިދާ ފާހަގަކުރެއްވި ގޮތުގައި، ކުދިންނަށް އަޅާލުމަކީ ހަމައެކަނި އެކުދިންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުން އެކަނި ނޫން ކަމަށެވެ.
އެކުދިންގެ ވިސްނުން ތަރައްގީ ކުރުމާއި، ހުލްގު ހެޔޮ ދަރީންތަކަކަށް އެކުދީން ހެދުމުގެ އިތުރުން، އެކުދީންގެ ހިތްތަކުގައި އީމާންތެރިކަމާއި، ހަމްދަރުދީއާއި، ސާބިތުކަން އަށެގެންނެވުމަށް މަސައްކަތް ކުރުމަކީވެސް އެކަމުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި ހަގީގީ ރައްކާތެރިކަން ފެނިގެންދާނީ ގޭތެރެއާއި، ސުކޫލުތަކާއި، މުޖުތަމައުގައި ދެމެހެއްޓޭ އުސޫލުތަކާއި ޢަމަލުތަކުންކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މިކަން ފާހަގަކުރައްވައި، ކުދިންނަށް އޯގާތެރިކަމާއި، އަދަބުވެރިކަމާއި، އިހުތިރާމާއި، ރަނގަޅު އާދަތައް އަބަދުވެސް ފެންނާނެ ފަދަ މާހައުލެއް ބިނާކުރުމަށް މައިންބަފައިންނަށާއި، މުދައްރިސުންނަށާއި، މުޖުތަމައުގެ އަފްރާދުންނަށް އެކަމަނާ ގޮވާލެއްވިއެވެ.
އަދި އެއީ ކުދީންގެ އަޑުއަހާ، އެކުދީން ބަލައިގަނެ، އެކުދީންގެ އަގުވަޒަންކުރުމާއިއެކު ލޯބިދޭ މާހައުލަކަށް ވާންޖެހޭނެ ކަމުގައިވެސް މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ކުދިންނަށް ކުރިމަތިވާ އަނިޔާއާއި، އިހުމާލުވުމާއި، ނަފްސާނީ ތަކްލީފުތަކަކީ ގިނަ ފަހަރަށް ހަނުހިމޭންކަމުގެ ތެރޭގައި ހިނގާ ކަންކަން ކަމުގައި ފާހަގަކުރައްވާ، މުޖުތަމަޢުތަކުން އަބަދުވެސް ފާރަވެރިވެ ތިބުމަށާއި، ކުދީންގެ ވާހަކަތައް ކަނުލާ އެހުމަށާއި، ކަންބޮޑުވުމެއް އުޅޭނަމަ އެކަމަކަށް ފިޔަވަޅު އެޅުމަށް، މެޑަމް ސާޖިދާ ބާރުއެޅުއްވިއެވެ.
ޑިޖިޓަލައިޒޭޝަނުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން، ޑިޖިޓަލް މާހައުލުގައި ކުދިންނަށް ޒިންމާދާރުކަމާއެކު މަގުދައްކައިދިނުމަށް މައިންބަފައިންނަށާއި، ބެލެނިވެރިންނަށާއި، ތައުލީމީ ދާއިރާގެ ހިދުމަތްތެރިންނަށް އެކަމަނާ ގޮވާލެއްވިއެވެ.
ޓެކްނޮލޮޖީގެ ސަބަބުން އުނގެނުމާއި، ގުޅުން ބަދަހިކުރުމާއި، އައު އީޖާދުތަކަށް ފުރުސަތު ލިބުނު ނަމަވެސް، ފާރަވެރިވެ ތިބުމާއި، ހޭލުންތެރިކަމާއި، އިރުޝާދުތަކަށް ލާޒިމުކުރާ ފަދަ ހިރާސްތަކެއް ވެސް އެކަމުގައި ހުރިކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އަދި ޓެކްނޮލޮޖީގެ ކުރިއެރުންތައް ހޯދަންވާނީ ކުދިންގެ ރައްކާތެރިކަމާއި، މައުސޫމުކަމާއި، ނަފްސާނީ ދުޅަހެޔޮކަން ގުރުބާންނުކޮށް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ