ކައިވެނި އަޤުދު ކޮށްދޭ މީހުން ހޯދަން ފެމިލީ ކޯޓުން އިއުލާނުކޮށްފި

ކޮންޓްރެކްޓް އުޞޫލުން ކައިވެނި ޢަޤުދުކޮށްދޭނެ ޝަރުޢީ މަޢުޛޫނުން ހޯދަން ފެމިލީ ކޯޓުން އިއުލާނުކޮށްފިއެވެ.
މި މަޤާމުގެ ޝަރުތުގެ ގޮތުގައި ހިމަނާފައިވަނީ ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައިވުމެވެ. އެލަވަންސްގެ ގޮތުގައި އެމީހާ ކޮށްދޭ ކޮންމެ ކައިވެންޏަކަށް 250 ރުފިޔާ ލިބެއެވެ.
މި މަޤާމަށް ހޮވޭ ފަރާތަކުން ރަސްމީ ގަޑީގައާއި ނުރަސްމީ ގަޑީގައި ކޯޓުން ކޮށްދޭންޖެހޭ ކައިވެނިތައް ކޮށްދިނުމުގެ މަސައްކަތްތައް ކުރަންޖެހެއެވެ.
އެކަމާ ގުޅޭގޮތުން ”ސަންގު“ ނޫހާ ވާހަކަ ދައްކަވަމުން ފެމިލީ ކޯޓުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ފެމިލީ ކޯޓުގައި ދާއިމީ މަޢުޛޫނުން ނުތިބޭ ކަމަށާއި، އެއީ ވަޒީފާގެ އޮނިގަނޑުގައި އެ މަޤާމު ނެތުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން ކޮންމެ އަހަރަކުވެސް ޝަރުއީ މަޢުޛޫނުން ހޮވުމަށް ހުޅުވާލައެވެ. އެގޮތުން މިހާރު ހުޅުވާލާފައިވާ މަޤާމުތަކަށް މަޢުޛޫނުން ނަގަނީ 1 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން، އެ މަޤާމުތަކަށް މީހުން ހޮވާނީ ތައުލީމާއި ތަޖުރިބާއަށް ބަލައިގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 13 ފެބުރުވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިންނެވެ.
މިމަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތްތައް ހޮވޭނީ މި މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށް ފަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ