ދެ އަހަރުވާން ކައިރިވާއިރު ވެސް ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކުރަން ނުފެށޭ

ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުންގެ މުސާރައިން އުނިކުރާ ޕެންޝަން ފައިސާ، ޕެންޝަން ފަންޑަށް ޖަމާނުވާ މައްސަލަ އަދިވެސް ހައްލު ނުވާ ކަމަށާއި އެކަން ހައްލު ކުރަން ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ވެމްކޯއިން މައުލޫމާތުދިން ގޮތުގައި މި މައްސަލަ ހައްލުކުރުމަށް މިހާރު ފިނޭންސް މިނިސްޓްރީއާއި ޕެންޝަން އޮފީހާއެކު ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މި ފައިސާ ޖަމާ ނުވާ މައްސަލައިގައި އެ ކުންފުނީގެ ބައެއް މުވައްޒަފުން އަންނަނީ ދޭތެރެދޭތެރެއިން އިހުތިޖާޖުތައް ވެސް ކުރަމުންނެވެ. ވެމްކޯގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، މުވައްޒަފުންގެ މުސާރަ މިހާރު ބަރާބަރަށް ދެވޭ ކަމަށާއި ނަމަވެސް ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. https://sun.mv/216648 "މުސާރަ ބަރާބަރަށް ދީފި، ދެން ޕެނަޝަން ފަންޑުގެ މައްސަލަ ހައްލުކުރަން މަޝްވަރާތައް ކުރެވެމުން ދަނީ. ފިނޭންސް އާއި ޕެންޝަން އޮފީސް އަދި ވެމްކޯ ގުޅިގެން އެ މައްސަލަ ހައްލުކުރަން މަޝްވަރާކުރަމުންދަނީ،" އޮފިޝަލް ވިދާޅުވިއެވެ. މި މައްސަލަ ދިމާވާން މެދުވެރިވި ސަބަބެއް ކަމަށް ވެމްކޯއިން މީގެ ކުރިން ބުނެފައިވަނީ، އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަށް ލިބެންޖެހޭ ފައިސާ ގަވާއިދުން ނުލިބި، މާލީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހުމެވެ. ޚާއްޞަކޮށް މާލެ ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަންޖެހޭ ބޮޑު އަދަދެއް ނުލިބި އޮތްކަން އެ ކުންފުނިން ފާހަގަކުރެއެވެ. އެ ފައިސާ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވެމްކޯއިން އެންމެ ފަހުން ޕެންޝަން ފަންޑަށް ފައިސާ ދައްކާފައިވަނީ އޮކްޓޫބަރު 2024 ގައެވެ. އޭގެ ފަހުން ވޭތުވެދިޔަ 19 މަސްދުވަހު އެ ކުންފުނިން ޕެންޝަން ފައިސާ ދައްކާފައެއް ނުވެއެވެ. މުވައްޒަފުންގެ މުސާރައިން ހަތް އިންސައްތަ އުނިކުރި ނަމަވެސް، އެ ފައިސާ ފަންޑަށް ޖަމާނުވުމަކީ މުވައްޒަފުންގެ ކަންބޮޑުވުން އޮތް ކަމެކެވެ. https://sun.mv/218994 ޕެންޝަން ގާނޫނު ބުނާގޮތުން ވަޒީފާދޭ ފަރާތުން ހަތް އިންސައްތަ އަދި މުވައްޒަފުގެ މުސާރައިން ހަތް އިންސައްތައާއެކު ޖުމުލަ 14 އިންސައްތަ ކޮންމެ މަހަކު ޕެންޝަން ފަންޑަށް ޖަމާކުރަންޖެހެއެވެ. ވެމްކޯއިން ބުނީ މުވައްޒަފުންގެ މުސާރައިން އުނިކުރާ ފައިސާއަކީ އެ މުވައްޒަފުންގެ ހައްގެއް ކަމަށާއި، ކުންފުންޏަށް އާމްދަނީ ހޯދުމުގައި ހުރި ދަތިތަކާ ހުރެ އެ ފައިސާ ޖަމާނުކުރެވި އޮތް އޮތުން ހައްލުކުރުމަކީ މިހާރު އެންމެ އިސްކަންދޭ އެއް މަސައްކަތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ