ޓްރޭޑްމާކް ބިލަކީ ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކުގެ ޝައުޤުވެރިކަން ހޯދުމަށް މުހިންމު ބިލެއް: ސަޢީދު

‎ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ޓްރޭޑްމާރކާއި ބެހޭ ބިލަކީ ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކުގެ ޝައުޤުވެރިކަން ހޯދުމަށް މުހިއްމު ބިލެއްކަމަށް އިގްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާަޅުވެއްޖެއެވެ. 
ފޭކު މުދަލެއް ވިއްކައިފިނަމަ ދެ މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް ޓްރޭޑް މާކު ބިލު މި ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރެވެ.
ޓްރޭޑްމާކް ބިލާ ބެހޭގޮތުން ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ބިލަކީ ނުގެނެވި ލަސްވެފައިވާ، ދިވެހިރާއްޖޭގެ ވިޔަފާރީގެ މާހައުލު ހަރުދަނާކޮށް އިތުބާރުއުފެއްދުމަށް ނުހަނު ބޭނުންތެރި އަދި މުހިއްމު ބިލެއް ކަމަށެވެ.
”މި ޤާނޫނު ވުޖޫދަށް އައުމުން ދިވެހިރާއްޖޭގެ ވިޔަފާރީގެ މާޙައުލަށް ވިޔަފާރިތަކުންކުރާ އިތުބާރު އިތުރުކޮށްދީ، ފިކުރީމުދަލުގެ ހައްޤުތައް ރައްކާތެރިކޮށްދިނުމަށް ސަރުކާރުން ދޭ އަހްމިއްޔަތު ހާމަކޮށްދޭ، އަދި މިއީ ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކުގެ ޝައުޤުވެރިކަން ހޯދުމަށްވެސް މުހިއްމު ބިލެއްކަން ފާހަގަ ކޮށްލަން“ ސަޢީދު ވިދާޅުވިއެވެ. 
އެ ބިލުގައި ޓްރޭޑްމާކުގެ ވެރިފަރާތަށް ލިބިގެންވާ ހައްގުތަކަކީ ކޮބައިކަން ބަޔާންކޮށްފައިވެއެވެ. އަދި އެ ހައްގުތަކަށް އަރައިގަނެއްޖެނަމަ އެޅޭނެ ފިޔަވަޅުތައްވެސް ބިލުގައި ތަފުސީލުކޮށް ބަޔާންކޮށްދީ، ފިޔަވަޅު އެޅުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅާފައިވެއެވެ.
ބިލުގައި ބަޔާންކުރާ ގޮތުން ޓްރޭޑްމާކު ރަޖިސްޓްރީކުރެވޭނީ ދިހަ އަހަރުގެ މުހުލަތަކަށެވެ. އެ މުހުލަތު ހަމަވުމުން އިތުރު ދިހަ އަހަރަށް ޓްރޭޑްމާކުގެ ރަޖިސްޓްރޭޝަން މުހުލަތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމުގައި ބިލުގައި ބުނެފައިވެއެވެ.
އޭގެ އިތުރަށް ކައުންޓާފިޓް މުދާ ރާއްޖޭގައި އުފެއްދުމާއި ވިއްކުމާއި ރާއްޖެއިން ބޭރުކުރުން ބިލުގައި މަނާކޮށްފައިވެއެވެ. އަދި އެފަދަ މުދަލެއް އުފައްދައި، އެއިން ވިޔަފާރިކޮށް، ރާއްޖެއިން ބޭރުކުރުމުގެ އަމަލެއް ހިންގައިފިނަމަ އެ ފަރާތެއް 100،000 ރުފިޔާއާއި 2،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަަނާކުރެވޭނެ ކަމަށް ބިލުގައި ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ