އާސެނަލުން ލީގު ކާމިޔާބުކުރަން ލިވަޕޫލް ބަލިކުރަންޖެހޭ: އާޓެޓާ އާސެނަލުން ލީގު ކާމިޔާބުކުރަން ލިވަޕޫލް ބަލިކުރަންޖެހޭ: އާޓެޓާ

ލަންޑަން (އޮގަސްޓް 31) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދަން އާސެނަލުން ކުރާ މަސައްކަތުގައި މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން ލިވަޕޫލް ފަދަ ޓީމުތައް ބަލިކުރަން ޖެހޭ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
މިދިޔަ ތިން ސީޒަނުގައި ވެސް ލީގުގެ ދެ ވަނަ ހޯދި އާސެނަލުން ވަނީ ފާއިތުވި ސީޒަނުގައި ލީގު ޗެމްޕިއަންކަން ހޯދި ލިވަޕޫލަށް ޗެލެންޖެއް ދީފަ އެވެ. މި ފަހަރުގެ ސީޒަން ފަށައިގެން ތިން ވަނަ ހަފްތާގައި އާސެނަލުން މިރޭ ލިވަޕޫލް ދަނޑުގައި ކުޅޭނެ އެވެ. އާޓެޓާ ބުނީ، މިދިޔަ ސީޒަނުގެ ކަންކަމަށް ބަލާއިރު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ލިވަޕޫލަށް ލީގު ޗެމްޕިއަންކަން ހައްގު ކަމަށެވެ.
"އެ މީހުންނަކީ ޗެމްޕިއަނުން، އެ މީހުން ޗެމްޕިއަނުންނަށް ވި ސަބަބުތައް ވެސް އެބަހުރި. އެ މީހުން އެއް ފެންވަރެއްގައި ގިނަ މެޗުތަކުގައި ކުޅެ ނަތީޖާ ނެރެފައި އެބަހުރި، އެ ކަންކަމަށް ބަލާއިރު އެ މީހުންނަށް ލިބުނީ ހައްގު ކާމިޔާބެއް. އަހަރެމެން މި އަހަރު ކާމިޔާބު ހޯދަން ބޭނުން، އެ މީހުން (ލިވަޕޫލް) ބަލިކުރަން ވެސް ބޭނުން،" އާޓެޓާ ބުންޏެވެ.
މިއީ، ސީޒަނުގައި ކުރިއަށްދިއުމުގައި މުހިންމު ކަންތައްތަކެއް ކަނޑައެޅިގެންދާނެ މެޗެއްތޯ ސުވާލުކުރުމުން އާޓެޓާ ބުނީ، އެ އަށް ސީދާ ޖަވާބެއް ދިނުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ޔަގީނުން ވެސް ދެ ޓީމުގެ ރަނގަޅު ފެށުން ކުރިއަށްގެންގޮސް، ރަނގަޅު ހިސާބެއްގައި ކުރިއަށްދިއުމަށްޓަކައި މި މެޗުން މޮޅުވުން މުހިންމު ކަމަށެވެ.
އެންމެ ފަހުން އާސެނަލް ކުޅުނު މެޗުގައި އެ ޓީމުގެ މާޓިން އޮޑެގާޑް އާއި ބުކާޔޯ ސަކާ ވަނީ އަނިޔާވެގެން ބަދަލުކޮށްފަ އެވެ. ސަކާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ކުރިއަށް އޮތް ހަފްތާތަކުގައި އޭނާ ނުފެންނާނެ ކަމަށް އާޓެޓާ ބުނި ނަމަވެސް، އޮޑެގާޑާ މެދު ސީދާ ޖަވާބެއް ނުދެ އެވެ.
މިދިޔަ ސީޒަނުގައި އާސެނަލުން ލިވަޕޫލް ދަނޑުގައި ކުޅުނު މެޗުގައި ވަނީ 2-2 އިން އެއްވަރުވެފަ އެވެ. އާސެނަލް ދަނޑުގައި ކުޅުނު މެޗު ވެސް ނިމުނީ އެ ނަތީޖާ އިންނެވެ.
އާސެނަލާއި ލިވަޕޫލް ކުޅޭ މެޗު ފަށާނީ މިރޭ 20:30 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ