ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ ސަބަބުން ގިނަ އާ ކުޅުންތެރިންނަށް ހުނަރު ދައްކާލުމަށް ފުރުސަތު ފަހިވެގެންދާ ކަމަށް މިލައިދޫ މޯލްޑިވްސްގެ ކޯޗަކަށް ހުރި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ތަރި، އިޝާން އިބްރާހިމް (ސައްޓު) ބުނެފި އެވެ.
ރިސޯޓް ލީގުން ލިބޭ ފުރުސަތުގެ ސަބަބުން ގިނަ ކުޅުންތެރިންތަކަަކަށް ފުޓްސަލްގައި ކެރިއަރެއް ބިނާކުރަން ފުރުސަތު ލިބިގެންދެ އެވެ. އަދި، މި މުބާރާތުގެ މެޗުތަކުން ފާހަގަވެގެންދާ އެއް ކަމަކީ، ރިސޯޓް ސެކްޓާގައި ވެސް ހުނަރުވެރި ކުޅުންތެރިން އެބަތިބި ކަމެވެ.
ރާއްޖޭގެ ވަރުގަދަ ފުޓްސަލް މުބާރާތްތަކުގައި ކާމިޔާބު ހޯދާފައިވާ ސައްޓު ބުނީ، ރިސޯޓް ލީގުގައި ވަރަށް ހުނަރުވެރި ކުޅުންތެރިން އެބަތިބި ކަމަށާއި އެ ކުޅުންތެރިންނަށް މަދުވަނީ ލިބޭ ފުރުސަތުތައް ކަމަށެވެ.
"އަސްލު ވަރަށް ޓެލެންޓެޑް ކުޅުންތެރިން އެބަތިބި ކުރިން ވެސް މި ފާހަގަކުރިހެން، އަސްލު މި ކަހަލަ ޕްލެޓްފޯމްތައް މަދީ ކަންނޭނގެ ލިބޭލެއް، ބައިވަރު ރިސޯޓް، ބައިވަރު ހަމަ (ކުޅުންތެރިން) އަޅުގަނޑުމެން ރިސޯޓްގައި ވެސް އެބަތިބި، ޔަންގް، މި ޓީމުގައި ވެސް އެބަތިބި، ޔަންގް، އަދި އަޅުގަނޑުމެންނަށް ބޭނުންނުކުރެވޭ (ކުޅުންތެރިން) އެއީ، މުބާރާތަށް އާ ވީމައާ، މެޗު ޕްރެޝަރު އެއްޗެހި ގިނައިން ކުޅުުނު ވަރަކަށް ކަންނޭނގެ އޭތި ޔަންގް ޕްލޭޔަރުންނަށް މީގެ ތެރެއަށް ވަދެވޭނީ،" ސައްޓު ބުންޏެވެ.
"މި ކަހަލަ ޕްލެޓްފޯމްތައް ގިނަ ކުރަންވީ މި ކަހަލަ މުބާރާތްތައް، އަސްލު މި ފުރުސަތުގައި އިއުމާޒަށް (ރިސޯޓް ލީގުގެ ފައުންޑަރު) ޝުކުރު އަދާކުރަން ބޭނުން. މި މި ގޮތަށް ކުރިއަށްގެންދާތީ، އަސްލު ވަރަށް ގިނަ ޗާންސް ނުލިބި ތިބި ޕްލޭޔަރުންނަށް ޗާންސެއް މި ހޯދައިދެނީ އެ މީހުންގެ ޓެލަންޓް ދައްކާލަން،"
ރިސޯޓް ލީގުގެ އެންމެ ފޯރިގަދަ އެއް ޒޯން، ބ. އަތޮޅުގެ ބުރުގައި، މިލައިދޫން ވަނީ ކުޅުނު ދެ މެޗުން މޮޅުވެ، ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. ކުޅުނު ފުރަތަމަ މެޗުން، މުބާރާތް ހޯސްޓް ކުރާ އަވަނި+ފަރެސް އަތުން މިލައިދޫ މޮޅުވީ 2-1 އިންނެވެ. ދެ ވަނަ މެޗުގައި މިލައިދޫން ފޯ ސީޒަން ލަނޑާގިރާވަރު ބަލިކުރީ ވެސް 2-1 އިންނެވެ.
ސައްޓު ބުނީ، ދެ މެޗުން މޮޅުވެގެން، ސެމީ ފައިނަލަށް ދިއުމުން ހިތްހަަމަޖެހޭ ކަމަށެވެ. އަދި، ޓީމުގެ ވަރަށް މުހިންމު ކުޅުންތެރިއަކު ނުލައި ކުޅެން ޖެހުނުއިރު، އުންމީދަކީ ސެމީ ފައިނަލުގައި އެ ކުޅުންތެރިޔާއާ އެކުގައި އިތުރަށް ޓީމު ވަރުގަދަވެގެން ދިއުން ކަމަށް ވަނީ ބުނެފަ އެވެ.
"ދެން އިނީ ނޮކައުޓް މެޗެއް، މޮޅުވެއްޖިއްޔާ ފައިނަލަށްދާނެކަން ބަލިވިއްޔާ ކަޓާނެކަން ދަނެގެން ތައްޔާރުވާން ޖެހޭނީ ފައިނަލުގައި ޖެހޭނެ ޓީމެއް އަދި ނޭނގުނަސް ތައްޔާރީތައް ކުރިއަށްދާނީ ލިބިފައި މި ހަތަރު ދުވަހުގައި،" ސައްޓު ބުންޏެވެ.
ރިސޯޓް ލީގުގައި އިއްޔެ ކުުޅެން އޮތް މެޗުތައް ވިއްސާރައިގެ ސަބަބުން ވަނީ މިއަދަށް ފަސްކޮށްފަ އެވެ.
ރިސޯޓް ލީގުން ގިނަ އާ ކުޅުންތެރިންނަށް ފުރުސަތު ފަހިވެގެންދޭ ރިސޯޓް ލީގުން ގިނަ އާ ކުޅުންތެރިންނަށް ފުރުސަތު ފަހިވެގެންދޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ