ހާބަރު ފުޑްކޯޓުން ގޭސް ފުޅިއެއް ވަގަށް ނެގި މީހަކު ފަނަރަ ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފި ހާބަރު ފުޑްކޯޓުން ގޭސް ފުޅިއެއް ވަގަށް ނެގި މީހަކު ފަނަރަ ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފި

އަމީނީ މަގު ފުޑް ކޯޓުން ގޭސްފުޅިއެއް ވަގަށް ނެގި މީހަކު 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އުމުރުން 45 އަހަރުގެ އެ މީހާ އިތުރު މީހަކާ ބައިވެރިވެގެން އަމީނީ މަގު ފުޑް ކޯޓުން ގޭސްފުޅިއެއް ހިފައިގެން ނުކުމެ، އެ ދެމީހުން އެކުގައި އަމީނީ މަގުން ދުވެފައި ދަނިކޮށް އެމީހުން ފެނުނީ އެމަގުން އެ ވަގުތު ދިޔަ ފުލުހުންނަށެވެ.
އެ ދެމީހުންގެ އަމަލުތައް ހުރި ގޮތުން ޝައްކުވެގެން ހުއްޓުވައި ސުވާލުކުރުމުން، އެ މީހުން ވަނީ އެއީ ފުޑް ކޯޓުން ވަގަށް ނެގި ގޭސްފުޅިއެއް ކަމަށް އެއްބަސްވެފަ އެވެ. އަދި އެ ގޭސްފުޅި ވަގަށް ނެގީ އެ ދެމީހުންގެ ތެރެއިން އަބްދުﷲ ސަފީރު ކިޔާ މީހާ ކަމަށް ވެސް މި ދެމީހުން އެ ވަގުތު ފުލުހުންނަށް ކިޔައިދީފައި ވެ އެވެ.
އަބްދުﷲ ސަފީރު، އެ ގޭސްފުޅި ވަގަށް ނަގާފައިވަނީ ފުޑްކޯޓުގައި ހުންނަ ޑޯސާ ޕޮއިންޓް ކިޔާ ރެސްޓޯރަންޓުންނެވެ. މި މީހާއަކީ އެކި ކުށްކުށުގެ ތުހުމަތުގައި މީގެ ކުރިން ވެސް 53 ފަހަރު ހައްޔަރު ކުރެވިފައިވާ މީހެކެވެ. އޭގެ ތެރެއިން 25 ފަހަރު އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައި ވެ އެވެ. އެހެންނަމަވެސް އޭނާގެ މައްޗަށް އެއިން އެއްވެސް ފަހަރަކު ދައުވާކޮށް، ކުށެއް ސާބިތު ކުރެވިފައިވާކަން ކޯޓު އަމުރުން އެނގޭކަށް ނެތެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުމުން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އޭނާ ބަންދުކުރުމުގެ އިޖުރާއަތު ހިންގާފައިވަނީ ރަނގަޅަށް ކަމަށެވެ. އަދި އޭނާ ކުށްކުރި ކަމަށް ބެލެވޭ އެކަށީގެންވާ މިންވަރެއްގެ ހެކި ހުރުމާއި، ތަކުރާރުކޮށް ކުށްކުރާ ކަމަށް ތުހުމަތުކުރެވޭތީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ކަމަށް ބެލެވޭތީ 15 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ