ވޭޕް ވިއްކުމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކުރިއިރު ގޭގައި ވޭޕާއި ޑުރަގުސް، ނަމަވެސް ކޯޓުން ދޫކޮށްލައިފި
ތިނަދޫ ސިޓީގައި ފުލުހަކު ވޭޕް ވިއްކާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރިއިރު އޭނާގެ އަތުން މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ވޭޕް ފެނުނު ނަމަވެސް، ކޯޓުން އޭނާ މިނިވަންކޮށްފިއެވެ. ފުލުހުން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި، ތިނަދޫ ސިޓީ ޕޮލިސްގައި މަސައްކަތް ކުރާ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓެބުލްއަކު ގާނޫނާއި ގަވާއިދާ ޚިލާފަށް ދުންފަތުގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ވަނީ މައުލޫމާތު ލިބިފައެވެ. އެ މައުލޫމާތާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެއާއި ސައިކަލު ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ ދުންފަތާއި ނެނޯ ސްޓިކްސްއާއި ވޭޕާއި ވޭޕް ކާޓްރިޖާއި މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ 191.92 ގުރާމް ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ކޯޓު އަމުރު ސައްހަ ނޫން ކަަމަށް ކަނޑައަޅައި ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. "ބަންދުން ދޫކުރަން ކުރި އަމުރު އިސްތިއުނާފު ކުރުމުގެ މަސައްކަތް ޕީޖީ އޮފީހާ ގުޅިގެން ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ. އެ މައްސަލައާ ގުޅިގެން އޭނާ ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ދިވެހީންގެ އާންމު ސިއްހަތަށް އޮތް އެންމެ ބޮޑު އެއް ނުރައްކާ ކަމަށްވާ, ދުންފަތުގެ އިސްތިއުމާލުން މީހުން ސަލާމަތް ކުރުމަށް މި ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ތެރޭގައި ސިނގިރޭޓް ޑިއުޓީ ވަރަށް ބޮޑު ކުރުމާއި, ވޭޕް ބޭނުން ކުރުން މަނާކުރުން ހިމެނެއެވެ. ވޭޕް މަނާކުރަން ސަރުކާރުން ނިންމީ އުމުރުން ވަރަށް ހަގު, ކިޔަވާ ކުދިންއިން ފެށިގެން އެތައް ދިވެހީންނެއް އެ ނުރައްކާތެރި ވަބާގައި ޖެހިފައި ވަނިކޮށެވެ. މިހާރު ރާއްޖެއަށް ވޭޕް އެތެރެކުރުމާއި އޭގެ ވިޔަފާރި ކުރުމުގެ އިތުރުން އެ ބޭނުން ކުރުމަކީ ގާނޫނީ ކުށެކެވެ. އެކަންކަން ކުރާ މީހުންނަށް އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. މިހާރު ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނު އޮންނަ ގޮތުން މީހަކަށް ހިލޭ ވޭޕެއް ދިނަސް 10،000 ރުފިޔާގެ އަދަދުން ޖޫރިމަނާ ކުރެވެއެވެ. ވޭޕް ބޭނުންކުރާ ކޮންމެ މީހަކު 5،000 އިން ޖޫރިމަނާ ކުރެވެއެވެ. އަދި، ވޭޕް ވިއްކައިފި ނަމަ 20،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރާއިރު ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ