ކޮންމެ ބާވަތެއްގެ ވެރިކަމެއް ހިނގާ ކޮންމެ ތަނެއްގައިވެސް ސިޔާސީ ގޮތުން ދެ ފިކުރެއް އޮވެއެވެ. އެއީ އޭރެއްގައި ވެރިކަމުގައި ތިބޭ ބަޔެއްގެ ފިކުރާއި އެބަޔަކު ދުރުކޮށް ވެރިކަމަށް އަންނަން ބޭނުންވާ މީހުންގެ ފިކުރެވެ. މަލްޓި ޕާޓީ ޑިމޮކްރަސީ ނިޒާމެއް އޮތަސް އޮންނަނީ މައިގަނޑު ދެ ފިކުރެކެވެ. އެމެރިކާ ބައްލަވާށެވެ! އެންމެ ޕާޓީއަކުން ގައުމު ހިންގިޔަސް ޚުދުމުޚްތާރު ވެރިކަމެއް އޮތަސް ދެފިކުރެއް އޮވެއެވެ. ޗައިނާ ބައްލަވާށެވެ.
މިގޮތުގެ މަތީން އޮންނަ ސިޔާސީ ދެ ފިކުރަށް ފުރާނަ އެޅި، އެ ފިކުރު ފުފިގެންދަނީ އެބަޔަކުގެ ތެރޭގައި އޮންނަ ދީނެއްގެ ދަންނަ ބޭކަލުންގެ ބަޔަކާއި، އެކިއިރަށް އެކި ނަންނަމުގައި މިއޮންނަ ގާނޫނޭ މިކިޔާ އެތި ކިޔަވައިގެން ތިބޭ ނުވަތަ ގާނޫނު ދަންނަކަމަށް ދައުވާކުރާ މީހުންގެ ބަޔަކާއި ވިޔަފާރިވެރިންގެ ތެރެއިން ބަޔަކާއި މިއިން ފިކުރަކަށް އެއްބާރުލުންދޭ ހިސާބުންނެވެ. މިތިން ދާއިރާއިން އެއްބާރުލުން ނާންނަހާ ހިނދަކު އާންމުންގެ ކިތަންމެ ބައިވަރެއް ވަކި އެއްޗެކޭ ހިތައިގެން އުޅުނަކަސް އެ ހިތާ އެއްޗެއްގައި ވާތްގެއް ޖެހޭ ތަނެއް ނުފެނެއެވެ.
މިދެންނެވުނު ދުނިޔަވީ ހަމަ ނިޔާކޮށްފައި އޮންނަނީ، އެގައުމެއްގެ ދީނުގެ ދަންނަ ބޭކަލުންނާއި، ފަނޑިޔާރުކަމަށް ކުފޫހަމަވާ މީހުންނާއި ވިޔަފާރިވެރިންނަށް ބަލާއިރު، އުސޫލެއްގެ ގޮތުން ކޮންމެވެސް އެއްފިކުރަކާއި މިބައިމީހުންގެ ތެރެއިން ކޮންމެ މީހަކުމެ ކައިރިވެފައި ތިބުމަށެވެ. ވަކި އަތަކަށް އެއްވެސް މިންވަރަކަށް ނުޖެހި މެދުގައި ތިބޭ ދަންނަ ބޭކަލުންނާއި ފަނޑިޔާރު ބޭކަލުންނެއް އެއްވެސް ތަނެއްގައި އުޅޭތަނެއް ފެންނަމުން ނުދެއެވެ. ނަމަވެސް ވިޔަފާރީގެ ވިސްނުން ނޫން އެހެން ހަމަ އެއްވެސް ކަމެއް ހިތުގައި ނޯންނަ މަދު ވިޔަފާރިވެރިއަކު ވަކިއަތަކަށް ނުޖެހި އޭރެއްގައި އޮންނަ ސަރުކާރަކާ އެއްގޮތަކަށް ކުލަ ބަދަލުކޮށްލަކޮށްލާ ހުރެދާނެއެވެ.
ދުނިޔަވީ މި އުސޫލު މިހެން އޮންނަ ކަމަށްޓަކައި، ކޮންމެ ގައުމެއްގައިވެސް އެ ގައުމެއްގެ ވެރިކަމެއް ބަދަލުވާހިނދު، ވެރިކަމުގައި ތިބޭ ބަޔަކަށް ފަނޑިޔާރުގެތަކުން އަންނަ ދުއްތުރާތަކާއި އުނދަގުލާ ކުރިމަތިލާންޖެހެއެވެ. މީގެ އިދިކޮޅުގައި، ކޮންމެ ވެރިކަމެއް ބަދަލުވާހިނދު، އެވެރިކަމެއްގެ ސިޔާސީ ފިކުރާ ދުރު ފަނޑިޔާރުންނަށް އެވެރިކަމެއްގެ ފުށުން އަނިޔާއާއި ބަދުނަސީބުކަމާ ކުރިމަތިލާންޖެހެއެވެ. އެއީކީ މާބޮޑު މައްސަލައެއްކަމަކަށް އަޅުގަނޑަކަށް ނުފެނުނެވެ. އެއީ ދުނިޔޭގައި އުނި އިންސާނުންތައް އުޅެގަންނަން ދިމާކުރާ ގޮތުން ނުކުންނަ ވަރަށް ނެޗުރަލް ނަތީޖާއެއްކަމުގައި އަޅުގަނޑު ދެކެމެވެ.
ފުރަތަމަ ޤާނޫނުއަސާސީއަށްފަހު، 2008 ގައި އެމްޑީޕީން ވެރިކަމަށް އައިސްފައި، އޭރުގެ ސުޕްރީމް ކޯޓުގެ ގިނަ ފަނޑިޔާރުންނަކީ ވެރިކަމުގައި އޭރުތިބި ފަރާތްތަކުގެ ސިޔާސީ ފިކުރާ ދުރު ބަޔަކަށްވާތީ، އެ އުނދަގޫ ރައީސް ނަޝީދާއި އެމްޑީޕީއަށް ޖެހުނެވެ. އެކަމަކު ރައްޔިތުންގެ މަޖިލީސްވެސް އަތުގައި ނެތުމުން އެފަހަރު ފަނޑިޔާރުން މޮޅުވީއެވެ. ވެރިކަން ވެއްޓުނީއެވެ.
ދެން އޭގެ ފަހުން ރައީސް ޔާމީންގެ ދައުރުގެ ފަހުކޮޅު ހިނގާދިޔަ ކަންތައްތައް ވެސް ބައްލަވާށެވެ! 1 ފެބްރުއަރީގެ އަމުރާއެކު، އޭރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސިޔާސީ ވިސްނުމުގެ މުގޫ ރައީސް ޔާމީނު އަތުން ގެއްލިއްޖެކަން އެނގިވަޑައިގެންފިހިނދު، ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގަން އެމަނިކުފާނަށް ޖެހިވަޑައިގަތެވެ. އެފަހަރު ވެރިކަމުގައި ހުންނެވި ރައީސް ޔާމީން މޮޅުވީއެވެ. އެހެންވެ ސުޕްރީމް ކޯޓު ވެއްޓުނީއެވެ. ދެން ސުޕްރީމް ކޯޓަށް އަލަށް އައްޔަންކުރެވުނީ ރައީސް ޔާމީންގެ ސިޔާސީ ފިކުރާ ގާތް ބޭފުޅުންނެވެ.
އެއަށްފަހު އައި އެމްޑީޕީގެ ވެރިކަމުގައި މުޅި ސުޕްރީމް ކޯޓު އެކީއެކަށް ބަދަލުކޮށްލިއެވެ. އެމްޑީޕީގެ ފިކުރާ ގާތްކަން ބޮޑު ފަސް ބޭފުޅުން އެތަނަށް އައްޔަންކުރެވުނެވެ. އޭގެ ތެރޭގައި އޭގެ ކުރިން އޮތް ސަރުކާރުން މަގާމުގެ ކުރިއެރުމުން މަހުރޫމުވެފައިތިބި ތިން ފަނޑިޔާރަކުވެސް ހިމެނޭހެންނެވެ.
މިހާރު އަނެއްކާވެސް ވެރިކަން ބަދަލުވެފައިވާތީ، ސުޕްރީމް ކޯޓާއި ހައިކޯޓާއި އަދި އެހެން ކޯޓުތައް ވެސް ކޮންމެވެސް މިންވަރަކަށް ބަދަލުކޮށްގެން ނޫނީ ވެރިކަން ނުކުރެވޭނަކަމަށް އެންމެ ފުރަތަމަ އެއްބަސްވާނީ އަޅުގަނޑެވެ. އެއީ މި ލިޔުން ފެށުމުގައި މިދެންނެވި ދުނިޔަވީ ހަމައާއި އުސޫލު ނިޔާކޮށްފައި އޮތްގޮތެވެ. އަދި މިގައުމުގެ ތާރީޚަށް ބެއްޔަސް އެކަން އެހެން ފެންނާން އޮތީމައެވެ.
އަހަރެމެންނަށް ވުރެ މާބޮޑެތި ގައުމުތަކުންވެސް ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގައި، އެބާރު އެއިރެއްގައި ލިބިފައި ތިބި ބަޔެއްގެ ސިޔާސީ ފިކުރާ ގާތް ބޭބޭފުޅުންނަށް އިސްކަންދެއެވެ. އެއީކީ މައްސަލައެއް ނޫނެވެ. ރާއްޖޭގައި ވެސް އެކަން ހިނގާފައި އޮތްތަން ފެންނަނީ އެމަގަށެވެ. އެކަމަކު މިކަމުގައި ކޮށްގެން ނުވާނެ ކަންކަން ހުންނާނެއެވެ.
މިސާލަކަށް އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލީ ތިން ބޭފުޅުންގެ ތެރެއިން، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ލަފާއެއަރުވާ ބޭފުޅާއާމެދު މާބޮޑު ޝަކުވާއެއް ނެތެވެ. ތެދެކެވެ. އެޔަށްވުރެ ރަނގަޅު ބޭފުޅަކު ރާއްޖޭގައި ހުރެދާނެއެވެ. އެކަމަކު ކުރިމަތިލީ ބޭފުޅުންގެ ތެރެއިން ފަނޑިޔާރު ޣަނީ އިޚްތިޔާރުކުރެއްވުން ރަނގަޅެވެ. ޢަބްދުﷲ ގާޒީ އިޚްތިޔާރުކުރެއްވިނަމަވެސް ހަމަ އެންމެ ރަނގަޅުވީހެވެ. އެއީ ކިޔަވައިގެން ތިއްބެވި، އަދި ފަނޑިޔާރުކަމުގެ ތަޖުރިބާވެސް ހުރި ބޭބޭފުޅުންނެވެ.
އަދި ހަމަ އެހެންމެ މި ލިޔުމުގެ ފެށުމުގައި މިދެންނެވިހެން، ދެ ފިކުރަށް ބައިއެޅެމުންދާ ހުރިހާ ދާއިރާތަކެކޭ އެއްފަދައިން ދެ ފިކުރަށް ބައި އެޅިފައިވާ ދިވެހިރާއްޖޭގެ ގާނޫނީ ވަކީލުންގެ މުޖުތަމައުގައިވެސް އެމުޖުތަމައުގެ އެއްބަޔެއްގެ ލޯބި އިންތިހާއަށް އޮތް ދެބޭފުޅުންނެވެ. އަދި އެބޭފުޅުން މަގާމަށް ލެއްވީމާ މަނިކުފާނަށް މިދަންނަވާ ކްރައުޑްގެ ތާއީދުވެސް ލިބިވަޑައިގަންނަވާނެއެވެ.
އެކަމު ދިވެހިރާއްޖޭގެ ހައިކޯޓަށް އިޚްތިޔާރުކުރައްވައިގެން ތިއުޅުއްވާ، ޕީއެންސީގެ ސިޔާސީ އެކްޓިވިސްޓް މިދެންނެވި ދުނިޔޭގެ ހަމަޔާއި އުސޫލުގެ ތެރެއަކަށް ނުފެތެއެވެ. އެހެނީ އޭނާ ތިޔަ އައްޔަންކުރައްވަނީ މިރާއްޖޭގެ ކޯޓުތަކުގެ ހައިރާކީން ދެވަނައަށް އެންމެ މަތީ ކޯޓުގެ ފަނޑިޔާރަކަށެވެ.
ރައީސުލްޖުމްހޫރިއްޔާއެވެ! މަނިކުފާނު އިތުބާރުކުރައްވާ އުޅުއްވާ ވަކީލުންނާއި ފަނޑިޔާރުންނަށް ގުޅުއްވައިގެން އައްސަވާށެވެ! ހައިކޯޓަށް އިޚްތިޔާރުކުރެވިފައިވާ ބޭފުޅާ ކިތައް ޝަރީއަތަށް ވަޑައިގަތްތޯއާއި، އޭނާގެ ތަޖުރިބާއަކީ ކޮބައިތޯއެވެ. ފުލުހުންގެ އިންޓެލިޖެންސްއިން ބައްލަވާށެވެ! އިންޓެލިޖެންސުން ދެއްވާ މައުލޫމާތުހުރީ ޖަމިއްޔަތުއްސަލަފުގެ ދަންނަ ބޭކަލުން ރުހިވަޑައިގަންނަވާނެ ގޮތަށްތޯއެވެ! ޚުދު މިއީ ސަރުކާރުގައި ތިއްބެވި މަނިކުފާނަށް ތާއީދުކުރައްވާ ސަރުކާރުގެ ތާއީދު އިތުރުކުރަން ބޭނުންވާ އެތައް ބަޔެއްގެ ޝުޢޫރުވެސްމެއެވެ.
އިއްޒަތްތެރި މަނިކުފާނެވެ! މަނިކުފާނާ ސިޔާސީ ފިކުރުން ގާތް އަދި އަދާވާތްތެރި ނޫން އެތަކެއް ގާނޫނީ ބޭފުޅުން މިރާއްޖޭގައި އެބަތިއްބެވިއެވެ. އަދި ފަނޑިޔާރުންގެ ތެރޭގައިވެސް އެބަތިއްބެވިއެވެ. ސިޔާސީ ވިސްނުމާ ގާތް ބޭފުޅުން ފަނޑިޔާރު ގެއަށްލުމާއި އޭރެއްގެ ވެރިކަމުގެ ސިޔާސަތާ އަދާވާތްތެރި މީހުން ފަނޑިޔާރުގެއިން އެއްކައިރިކުރުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު ފަނޑިޔާރުގެ ފުނޑާނުލައްވާށެވެ! އަދި މަނިކުފާނަށް ތާއީދުކުޑަވެދާނެ ފަދައިން އިޚްތިޔާރެއް ނުނަންގަވާށެވެ!
ހައިކޯޓަށް ކުރިމަތިލައްވާފައިވާ އިއްޒަތްތެރި ބޭފުޅުންގެ ލިސްޓު އަލުން ބައްލަވާލައްވާށެވެ! އެ ލިސްޓުގައި ޚުދު މި ސަރުކާރުގައި ސުއޫދީ އަރަބިއްޔާގެ އެމްބަސީ ކަންތަކުގައި ނުހަނު ގަދަޔަށް މަނިކުފާނުގެ ސަރުކާރުގެ ރައުޔު ދިފާއުކުރެއްވި ވަކީލު ވެސް ހިމެނިވަޑައިގަންނަވައެވެ. އަދި މިދިޔަ ސަރުކާރުގައި އަދަބު ލިބިވަޑައިގެން ހުންނެވި ފަނޑިޔާރަކުވެސް ހިމެނިވަޑައިގަންނަވައެވެ. މިއިން ކޮންމެ ބޭފުޅަކީ ވެސް އެބޭފުޅަކު އިޚްތިޔާރުކޮށްގެން މަނިކުފާނުގެ ތާއީދު އިތުރުވުމުގެ އިތުރުން، ޖުޑީޝަރީއަށް ދެވޭ ހަމަލާއަކަށް ނުވާނެ ފަދަ ބޭބޭފުޅުންނެވެ.
ސިޓީބިޓީ: ހެޔޮއެދޭ މީހެއްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ސިޓީބިޓީ: ހެޔޮއެދޭ މީހެއްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ