އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސްގެ ވެރިޔާ އަޝްރަފް ބަދަލުކޮށްފި

މަރުކަޒީ ބޭންކު، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިއަކަށް ހުންނެވި އަބްދުﷲ އަޝްރަފް، އެ ތަނުގެ އެހެން ޑިިޕާޓްމަންޓަކަށް ބަދަލުކުރިކަން 'ދައުރު'އަށް އެނގިއްޖެ އެވެ.
ވީ ކިހިނެއް؟ - އިއްޔެ ސޯޝަލް މީޑިއާގައި އާންމުވި ރިޕޯޓާ ގުޅިގެން އެފްއައިޔޫގެ ވެރިޔާގެ މަގާމުން އަޝްރަފް ބަދަލުކުރިކަން 'ދައުރު'އަށް އެއް މަސްދަރަށް ވުރެ ގިނަ މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެ މަގާމަށް އެހެން މީހަކު އައްޔަންކުރި ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ތަފްސީލު - އަޝްރަފް މަގާމުން ބަދަލުކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް އާއި އޭނާއާ ގުޅުން އޮންނަ އިތުރު ކުންފުނިތަކަކުން ހިންގި މުއާމަލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫއިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް ސޯޝަލް މީޑިއާގައި އިއްޔެ ވަނީ އާންމުވެފަ އެވެ. 
އާންމުވެފައިވާ ރިޕޯޓުގައި އެމްއެމްއޭގެ އެފްއައިޔޫއަށް ފާހަގަވި ބައެއް މުއާމަލާތްތަކަކީ:
ފިނޭންސް މިނިސްޓްރިން 13 ނޮވެމްބަރު 2023ގައި ސިވެކަށް 23 މިލިއަން ރުފިޔާ ދެއްކި؛ އެއީ ރައީސް މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހަރަދުކުރަން
އޭގެ ތެރެއިން 13 މިލިއަން ރުފިޔާ ސިވެކުން ޖަމާކުރީ އޮފިޝަލް އިވެންޓްސްއަށް
ހަމަ އެ އިވެންޓާ ގުޅުވައިގެން ސިވެކުން ޑީކިއު ހޯލްޑިންސްއަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ ޖަމާކުރި
ސިވެކުން އޮފިޝަލް އިވެންޓްސްއަށް ލިބުނު ފައިސާގެ ތެރެއިން 8 މިލިއަން ރުފިޔާ އެ ކުންފުނިން ހަރަދުކުރީ، ކުންފުނީގެ ހިއްސާދާރުންނަށް ރެއިންބޯއިން ތަރައްގީކުރާ ރެއިންޕާލް ރެސިޑެންސްގެ ދެ އެޕާޓްމަންޓު ގަތުމަށް، ކޮމިޓްމަންޓް ފީގެ ގޮތުގައި
އޭގެ ތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ޖުމުލަ އަގަކީ 20 މިލިއަން ރުފިޔާ
އޭގެ އިތުރުން މާލޭ ސިޓީ ކައުންސިލް، ވެމްކޯ، އެޗުޑީސީ، އެމްއޭސީއެލް އަދި އެސްޓީއޯއިން ވެސް ބޮޑެތި އަދަދުތަކުން އޮފިޝަލް އިވެންޓްސްއަށް ފައިސާ ލިބިފައިވާ ކަމަށް އާންމުވެފައިވާ ރިޕޯޓުން ދައްކާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ