ޕީއެންސީ ތެރޭގައި ވަރުގަދަ ރެނދުތަކެއް އަޅައިފި

ސަރުކާރު ހިންގާ ޕީއެންސީގެ ތެރޭގައި ވަރުގަދަ ރެނދުތަކެއް އަޅާފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވެފައިމިވަނީ ޕީއެންސީގެ 13 ނުވަތަ 14 މެމްބަރަކު ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި އެ ޕާޓީ ދޫކުރައްވާނެ ކަމަށް، ރައްޔިތުންގެ މަޖިލިހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އައްބާސް ދާދިފަހުން ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް ޕީއެންސީގެ ލީޑަޝިޕްގެ އިސް ބޭފުޅުން ވަނީ އައްބާސްގެ ވާހަކަތައް ދޮގުކުރައްވާފަ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ރައްޔިތުންނަށް އަތް ނުފޯރާ ހިސާބަށް ދައުލަތް ވީރާނާވެ، ހަލާކުވަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ބައެއް މެމްބަރުންގެ ތެރޭގައި ވެސް މިކަމުގެ ހިތްހަމަނުޖެހުން އިންތިހާ އަށް އެބައޮތް ކަމަށެވެ.
މި ހިތް ނުތަނަވަސްކަން ޕީއެންސީގެ މެމްބަރުންގެ ތެރޭގައި އޮތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމެއް ނިންމަވާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އެގޮތުން ރަހުނުގައި އެއްޗެއް ބެހެއްޓުމަކާ ނުލައި، ރައީސް މުއިއްޒުގެ އަމިއްލަފުޅު ޖީބުން މެމްބަރުންނަށް 6 މިލިއަން ރުފިޔާއާ ހަމައަށް ލޯނުތައް ދެއްވަން މިހާރު ނިންމަވާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ބޮޑެތި އަދަދުގެ ފައިސާގެ ވާހަކަ މި އިވެނީ. ހަ މިލިއަނާއި ހަމައަށް ލޯނު ދެއްވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް. އެހެންވީމަ ފުދޭވަރެއްގެ ވަރުގަދަ ރެނދު އަޅައިފި،" ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން ޔާމީން ވަނީ މަޖިލިސް މެމްބަރުންނަށް ލިބޭ މުސާރައިގެ އިތުރަށް، ރައީސް މުއިއްޒު ޕީއެންސީގެ ގިނަ އަދަދެއްގެ މެމްބަރުންނަށް 50،000ރ. ދެއްވާ ކަމަށް ވިދާޅުވާ ވާހަކަ ވެސް ތަކުރާރު ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ