ކުރީ ސަރުކާރުން ހަދާފައި އޮތް އެއްބަސްވުން ބާތިލުކޮށް ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއަށް ކުރީ ސަރުކާރުން ހަދާފައި އޮތް އެއްބަސްވުން ބާތިލުކޮށް ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއަށް

ބ. ތުޅާދޫގައި ގާއިމު ކުރަން ނިންމާފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް މިދިޔަ ސަރުކާރުން ހަދާފައި އޮތް އެއްބަސްވުން ބާތިލު ކުރުމަށްފަހު އެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ތުޅާދޫގައި ގާއިމު ކުރަން ނިންމާފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން މިދިޔަ ސަރުކާރުން ހަވާލު ކޮށްފައި އޮތީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލު ކުރީ ޖުލައި 12، 2023 ގަ އެވެ.
ނަމަވެސް އެ އެއްބަސްވުން ބާތިލުކޮށް، ތުޅާދޫގައި ގާއިމު ކުރަން ނިންމާފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއާ ހަވާލު ކުރީ އެއް އަހަރާއި އަށް މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށް 570 މިލިއަން ރުފިޔާއަށެވެ.
އޭގެއިތުރުން މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ތުޅާދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.
އެ މަޝްރޫއުގެ ދަށުން 55.4 ހެކްޓަރުގެ ބިން ހިއްކައި 2804 މީޓަރުގެ ތޮށި (ރޮކް ރިވެޓްމެންޓް) އަދި 1677 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓް ޖަހަން ޖެހޭނެ އެވެ.
އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ހަސަން ރަޝީދު އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޖަމްޝީދު އެވެ.
ތުޅާދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުން އެ ރަށު ބަނދަރު ތަރައްގީ ކުރުމާއި އިތުރު ބިން ހިއްކުމުގެ މަޝްރޫއުއެއް ވެސް އެމްޓީސީސީއާ ސަރުކާރުން މިއަދު ހަވާކު ކުރި އެވެ.
ވަކިން ސޮއި ކުރި އެ އެއްބަސްވުމުގެ ދަށުން ތުޅާދޫގެ ބަނދަރު އަދި ނެރު ސަރަހައްދު ފުން ކުރުމާއި 11.2 ހެކްޓަރުގެ ބިން ހިއްކަން ޖެހޭނެ އެވެ.
އަދި އެމްޓީސީސީން އެ ރަށުގެ އެއްގަމު ތޮށި ލުމާއި ޖެޓީ އަޅަން ޖެހޭނެ އެވެ.
އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 450 ދުވަސް ތެރޭގައި ނިންމަންޖެހޭ ގޮތަށް 119 މިލިއަން ރުފިޔާ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ