ﷲ ތަޢާލާ އެމީހަކަށް ދެއްވެވި ސިފައަށް ރުހި ސިފަ ބަދަލުނުކުރާ މީހަކަށް މާފުރިހަމަ ބައިވެރިއަކު ދެއްވަވާނެ! އިން ޝާ ﷲ

އަބަދުވެސް ހަނދާން ކޮށްދެވޭ ފަދައިން ކޮންމެ މީހަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ އެމީހަކު ދުނިޔޭގައި ހުރުމަށް ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ސިފައިގައެވެ. އެގޮތުން އެކި މީހުން ދުނިޔެއަށް ފޮނުއްވަވަނީ އެކި ސިފައިގައެވެ.  
އެހެންކަމުން އެއްވެސް މީހަކީ އެންމެންނަށް ރީތި މީހަކަށް ނުވެދާނެއެވެ. ގިނަބައަކަށް ރީތިވާފަދަ ސިފައެއް ދެއްވަވައިފިނަމަ އޮތީ އެކަމަށް ފަޚުރުވެރިވެ އުފާކުރުމެއް ނޫނެވެ. އެކަން ގިނަބައަކަށް ވެފައި އޮންނަނީ ދުނިޔެއާއި ޢާޚިރަތް ގެއްލިގެންދާ ސަބަބަކަށެވެ. ވީމާ ގިނަ ބައަކަށް އެކަން ވެގެންއެދަނީ އެމީހަކަށް ލިބޭ އެންމެ ބޮޑު ދެރައަކަށެވެ.  
މީސްތަކުންނޭވެ! ތިމާ ދުނިޔެއަށް ފޮނުއްވެވި ސިފަ މީހުން ބަލައިނުގެންފާނެ ކަމުގެ ބިރަށް ސިފަ ބަދަލުކުރަން ނުއުޅޭށެވެ. އެކަން ބޮޑުވެފައިވާ މިންވަރު ބުނެލަންހެއްޔެވެ؟ ދާދިފަހުން ޔޫއޭއީގައި ކުރެވުނު ކައިވެންޏެއްގައި އަނބިމީހާ މޭކަޕާއި ނުލައި ފެނުމުން ފިރިމީހާއަށް އޭނާ ވަކިކުރަންވެސް ނުއެނގުނެވެ. ނަތީޖާއަކަށްވީ ވަޤުތުން ކައިވެނި ރޫޅައިލުމެވެ.  
ފަހަރެއްގައި ތިބާގެ ސިފައަކީ ގިނަ ބައަކަށް ތަންކޮޅެއް ހުތުރު ސިފައަކަށްވެދާނެއެވެ. އެކަމަށް އަޅައިވެސް ނުލާށެވެ. ސިފަ ބަދަލުކުރަން އެއްވެސް ކަމެއް ނުކުރާށެވެ! ﷲ ތަޢާލާއަށް ޙަމްދުކުރާށެވެ! ޝުކުރުވެރިވާށެވެ! އަދި ތިމާއަށް ތިމާގެ ސިފަ ރީތިވާށެވެ! އެގޮތުގައި ޘާބިތުވެ ހުރެ، ﷲ ތަޢާލާއަށް ދުޢާކުރާށެވެ! ދުޢާކުރަންވީ ސިފަ ބަދަލުކޮށްދެއްވެވުން އެދިގެނެއް ނޫނެވެ. ދުޢާކުރަންވީ ރަނގަޅު ހެޔޮލަފާ ބައިވެރިއަކު ދެއްވެވުން އެދިގެންނެވެ. 
އަހުރެންނަށް ޣައިބުގައި ވާންހުރި ކަންކަން އެނގެނީއެއް ނޫނެވެ. ތަޖުރިބާގެ މައްޗަށް ބަލައި ބަލައި ބުނަމެވެ. މިބުނި ގޮތުގައި ޘާބިތުވެއްޖެނަމަ އެމީހަކަށް އެމީހަކު ދެކެ ލޯބިވާނެ ހެޔޮލަފާ ބައިވެރިއަކު ދެއްވަވާނެތެވެ. އެއީ އެއެމީހާ ﷲ ތަޢާލާގެ މިންވަރުފުޅަށް ރުހި ޝުކުރުވެރިވިކަމަށްޓަކައެވެ. 
ދެން އޮތީ އާޚިރަތް ދުވަހުއެވެ. އާޚިރަތްދުވަހު ސުވަރުގެ ވައްދަވާ އެންމެންވެސް ސުވަރުގެ ވައްދަވާނީ ޒުވާންކަންމަތީގައެވެ. ހިތަށްވެސް ނުގެނެވޭނެފަދަ ރިވެތި ސިފައިފގައެވެ. އަދި އެސިފަ ދުވަހަކުވެސް ގެއްލިގެނެއް ނުދާނެއެވެ. ދުވަހެއް ދުވަހަކަށް ދާނީ ޒުވާންކަމާއި ރީތިކަން އިތުރުވަމުންނެވެ. މިއީ ޙަދީޘްފުޅުތަކުން އެނގެން ހުރި ކަންކަމެވެ. ވީމާ ދުނިޔޭގައި ހޭދަކޮށްލަން ލިބޭ މަދު ދުވަސްކޮޅު ހުންނަން ޖެހޭ ސިފައަށް ކަްނބޮޑުވާންވީ ކީއްކުރަން ހެއްޔެވެ؟
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ