ސްކޭމަރުންގެ އާ އުކުޅެއް! ބޭންކް އެކައުންޓް ކުއްޔަށް ނަގައިގެން ''ފައިސާ ދޮންނަނީ''

މަކަރާއި ހީލަތުން ފައިސާ ހޯދައި, އެ ފައިސާ ލޯންޑާ ކުރުމުގެ ބޮޑު ކުށް ކުރާ، ސްކޭމަރުން ބޭންކް ސިސްޓަމްގެ ތެރެއިން ފައިސާ ނެރުމަށްޓަކައި, އާއްމުންގެ ބޭންކް އެކައުންޓްތައް ކުއްޔަށް ނެގުން އިތުރުވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ކުށްކޮށްގެން ހޯދާ ފައިސާއަކީ ރަނގަޅަށް މަސައްކަތް ކޮށްގެން ހޯދި އާމްދަނީއެއް ކަމަށް ދެއްކުމަށްޓަކައި ކުރާ ކުށަކީ "މަނީލޯންޑްރިން"އެވެ. މިއީ ރާއްޖޭގެ ގާނޫނުތަކުގައި ވެސް ހަރުކަށި އަދަބުތަކެއް ކަނޑައެޅިފައިވާ ކުށެކެވެ. އެސްއެސްޓީވީގެ, "ސައިގަޑި" ޕްރޮގްރާމްގައި އެންޓި ސްކޭމް ސެންޓަރުގައި މަސައްކަތް ކުރައްވާ, އިންސްޕެކްޓާ އޮފް ޕޮލިސް, ޝާމް މުޙައްމަދު ވިދާޅުވިގޮތުގައި ދިވެހި ރާއްޖޭގައި މި ހިންގާ ގިނަ ސްކޭމްތަކަށް ބަލާއިރު އެ ކުށް ކޮށްފައި ހުންނަނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ހޯދައިގެންނެވެ. އެގޮތުން ސްކޭމަރުން ހޯދާ ފައިސާ, 2000 ރުފިޔާ ނުވަތަ އެއަށްވުރެން ބޮޑު އަދަދެއް ދޭ ގޮތަށް އޭޓީއެމްއިން ނަގައިދީފައި އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ އެކައުންޓްތައް ވަގުތުން ފްރީޒު ކުރުމުގެ ބާރު މިފަހުން ގާނޫނީގޮތުން ފުލުހުންނަށް ލިބި, އެ ގޮތަށް އަމަލު ކުރަން ފެށުމާއެކު މިހާރު ސްކޭމަރުން އެކަން ކުރާ ގޮތަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ޝާމް ވިދާޅިވިއެވެ. އެގޮތުން ކުށްކޮށްގެން ހޯދާ ފައިސާ ފައިނޭންޝަލް ސިސްޓަމުގެ ތެރެއިން ނެރުމަށް, އާ އުކުޅެއް މިހާރު ސްކޭމަރުން ބޭނުން ކުރަމުން އަންނަ ކަމަށް ޝާމް ވިދާޅުވިއެވެ. އެއީ ކުށްކޮށްގެން ހޯދާ ފައިސާ, ކުޑަ ފީއެއް ދޭ ގޮތަށް އެހެން މީހުންގެ އެއް އެކައުންޓުން, އަނެއް އެކައުންޓަށް ދައުރު ކުރަން ފެށުމެވެ. "މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނާލަން ޖެހޭ ކަމެއް. މަދު ފައިސާ ފޮއްޗަކަށް މި ދެނީ ކުށްކުރާ މީހުންގެ އަތަށް އެކައުންޓްތައް. މިހާރު ވެސް މިގޮތަށް އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައި ހުރި އެކައުންޓްތަކުގެ މައްސަލަ ތަހުގީގު ކުރަމުން މިދަނީ," ޝާމް ވިދާޅުވިއެވެ. "ބޭންކުން ތިމާ ބޭނުން ކުރަން ހުޅުވަދޭ އެކައުންޓް އެހެން މީހެއް ބޭނުން ކުރަން 2000ރ އަށް 5000ރ. އަށް އަދި އެއަށްވުރެ ބޮޑަށް ވެސް މި ދެނީ." ސްކޭމަރުން އެގޮތަށް އެކަން ކުރަނީ ކުށްކޮށްގެން ހޯދާ ފައިސާ, އެ މީހުން ފިލާތިބެ, ފައިނޭންޝަލް ސިސްޓަމްގެ ތެރެއިން ނެރުމަށްޓަކައި ކަމަށް ޝާމް ވިދާޅުވިއެވެ. އެކަމަށްޓަކައި މީހުންނަށް ކުދިކުދި ފީތައް ދީގެން އެ މީހުންގެ އެކައުންޓްތައް ބޭނުން ކުރާކަން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ސްކޭމަރުންގެ ކުށްތައް ހުއްޓުވުމަށް މި ގޮތަށް އެކައުންޓް ކުއްޔަށް ދިނުން ހުއްޓާލުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި ކުށްކޮށްގެން ހޯދާ ފައިސާ މިގޮތަށް ދައުރު ކޮށްދޭނަމަ އެއީ މަނީލޯންޑްރިންގެ ކުށަކަށްވެ އަދަބު ލިބުމުގެ ފުރުސަތު ވެސް ބޮޑެވެ. އެ މީހަކު އާމްދަނީ ހޯދަން ކުރާ މަސައްކަތަށް ވުރެން އިތުރަށް އެކައުންޓްތަކަށް ފައިސާ ވަންނަނަމަ އެކަން ބަލައި ސުވާލު ކުރުމުގެ ބާރު ޚިދުމަތް ދޭ ފަރާތްތަކާއި ތަހުގީގީ އިދާރާތަކަށް އޮވެއެވެ. މިކަން އޮޅުވާލުމަށްޓަކައި އެ ގޮތަށް އެކައުންޓް ކުއްޔަށް ދޭ މީހުން, އެކިއެކި ކުންފުނިތަކުގައި މަސައްކަތް ކުރާ ކަމާއި ރަނގަޅު އާމްދަނީއެއް ލިބޭ ކަމުގެ ލިޔުން ބޭންކްތަކަށް ހުށަހަޅާފައި ހުންނަކަން "ސަން" އަށް ވަނީ އެނގިފައެވެ. މަކަރާއި ހީލަތުގެ މައްސަލައަށް ޚާއްސަ އެންޓި ސްކޭމް ސެންޓަރު ފުލުހުން މާޗް މަހު އުފެއްދުމާ ހަމައަށް އެ އިދާރާއިން ތަހުގީގު ކުރަމުން އައީ ސްކޭމްތަކާ ގުޅޭ 88 މައްސަލައެވެ. އެންޓި ސްކޭމް ސެންޓަރަށް ފަސް މަސް ވެގެން ދާއިރު 843 މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ