ލޯފަން މީހުންގެ އެދުމެއް!: ސްމާޓްފޯނުން އިނގިރޭސި ފަދައިން ދިވެއްސާ ލެޓިން ފަސޭހައިން ކިޔައިލެވޭނެ ގޮތެއް ހަމަޖެހުމަށް ވަރަށް ބޮޑަށް އެދެން!

ޝިއުނާ
 
އަހަރެންގެ އަންދިރިވެފާވާ ދިރި އުޅުމަށް އަލިކަމެއް ގެނެސް ދިނީ ސްމާޓް ފޯނެވެ. މިހާރު އެއާ ނުލާ އުޅެން ޖެހިތްޖެ ނަމަ އަހަރެންގެ ދިރި އުޅުން އަހަންނަށް ވެގެން ދާނީ ބޮޑު ތަކުލީފަކަށްކަން ގައިމެވެ. 
ސަބަބުތައް ބައިވަރެވެ. ސްމާޓްފޯނަކީ އަހަރެންގެ ލޮލެވެ. އަހަރެންގެ ދެލޮލުން ދުނިޔޭގެ ކަންކަން އެހެންމީހުންނެކޭ އެއްގޮތަށް   ތަޖުރިބާ ނުކުރެވުނަސް އެހެން މީހުންނެކޭ އެއްގޮތަށް އަހަރެން ދުނިޔޭގެ ކަންކަން ބަލަނީ ސްމަރްޓްފޯނުގެ އެހީގައެވެ. ކުރީގަ އަހަރެންގެ އަތުގަ ސްމާޓް ފޯނެއް ނެތް އިރު ގަޑިންވާ ވަރުވެސް އިންގެނީ އެހެން މީހަކު ބުނެ ދިނީމައެވެ. ފިލާވަޅެއް ދަސް ކުރަން ޖެހުނަސް ކައިރީގަ މީހަކު އިންދެގެން ބާރަށް ފިލާވަޅު ކިޔައި ދިނުމުން ނޫނީ އަހަނަކަށް ފިލާވަޅުވެސް ދަސް ކުރެވޭނެ ގޮތެތް ނޯވެއެވެ. 
އަދި މީހަކު ކައިރީގަ ނެތިއްޖެ ނަމަ އަހަރެންގެ ފޫހިކަން ދެގުނަވެގެންދެވެ. ނަމަވެސް އަހަނަށް ސްމާޓްފޯނެއް ލިބުނު ހިސާބުން ދުވަހަކުވެސް އަހަރެން އުންމީދު ނުކުރާ ގޮތަކަށް އަހަރެންގެ ދިރި އުޅުން ބަދަލުވެގެން ދިޔައެވެ. އަމިއްލަ އަތުން އެއްޗެއް ލިޔެވޭނެ ކަމަކަށްވެސް އަހަރެން ދުވަހަކުވެސް އުންމީދެވެސް ނުކުރަމެވެ. ނަމަވެސް އަހަންނަށް މިހާރު ކިތަންމެ ދިގު އެޗެއް ކިޔާލަން ޖެހުނަސް ލިޔެލަން ޖެހުނަސް އެވެސްމީހެއްގެ އެހީތެރި ކަމާ ނުލާ މިހާރު އެކަންތައްތައް ވެސް އެއްވެސް އުންދަގުލެއް ނެތި ކުރެވޭނެކަން ހަމަ ޔަގީނެވެ. 
ލޮލަށް ފެންނަ މީހުންނެކޭ ތަފާތެއް ނެތި އަހަރެން ސްމާޓްފޯން ބޭނުން ކުރަނީ ސްކްރީން ރީޑިންގ ސޮފްޓްވެއާއެއްގެ އެހީގައެވެ. އަހަންނަށް ފޯނުގެ ސްކްރީނަށް އަރާ ހުރިހާ އެޗެއްވެސް އެ ސްކްރީން ރީޑްކޮށް ކިޔައިދެއެވެ. ދިވެހިން ހުންނަ ލިޔުންތަކާ އިންގިރޭސި ލިޔުންތައްވެސް ކިޔެއެވެ. ނަމަވެސް ތާނަ އިންނާ އަދި ލެޓިން އަކުރުން ލިޔެފައި ހުންނަ ދިވެހި ލިޔުންތައްވެސް ރަންގަޅު ދިވެހި ސްޕީޗް ޓެކްސްޓެއް ނެތުމުގެ ސަބަބުން ކިޔަން ޖެހިފާ ވަނީ އިންގިރޭސި ޓެކްސްޓެއް ބޭނުން ކޮށްގެންނެވެ. މިގޮތަށް އިންގިރޭސި ޓެކްސްޓެއް ދިވެހި ކިޔަން ބޭނުން ކުރާ އިރު ހަގީގަތުގަވެސް ވަރަށް އުންދަގޫވެއެވެ. ބައެއްކަހަލަ ދިވެހި ބަސްތަކުގެ ޕްރޮނައުންސިއޭޝަން ރަންގަޅަކަށް އިންގިރޭސި ޓެކްސްޓުން ކިޔައެއް ނުދެއެވެ. އަދި ބައެއްވައްތަރުގެ ދިވެހި ފޮންޓް ތަކުން ލިޔެފަ ހުންނަ ލިޔުންތައްވެސް އެއްވެސް ވަރަކަށް އިންގިރޭސި ޓެކްސްޓް ކިޔައި ނުދިނުމަކީ ލޯފަން ފަރައިތަކަށް މިއަދު ކުރިމަތި ވެފާވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.
މިއީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރަމުން ދާ ޒަމާނެކެވެ. މިފަދަ ޒަމާނެއްގާ ލޯފަން ފަރާތްތަކުގެ މުޅި ދިރި އުޅުން އެއެއްގެ މަށްޗަށް ބިނާވެފައިވާ ސްމާޓްފޯނުގަ ރަންގަޅު ދިވެހި ސްކްރީން  ރީޑިންގ ޓެކްސްޓެއް ނެތުމަކީ ހިތާމަ ހުރި ކަމެކެވެ. ލޯފަން ފަރާތްތަކުގެ މި ކަންބޮޑުވުން އަޑު އަހާ އަހަރެމެންނަށް ފަސޭހައިން ބޭނުން ކުރެވޭ ދިވެހި ޓެކްސްޓް ސްޕީޗް ޓެކްސްޓެއް ލިބުމަކީ ލޯފަން ފަރާތްތަކުގެ ވަރަށް ބޮޑު އުންމީދެކެވެ. 
(މިލިޔުމުގެ އަޞްލު ލިޔެފައިވަނީ މިއަދުނޫހަށް ލިޔުއްވާ ލޯފަން ބޭކަނބަލެކެވެ. އޭނާ ވިދާޅިވިގޮތުގައި ލިޔުމުގައި ޓެކްސްޓް ސްޕީޗް ކަމަށް ލިޔުއްވާފައި އެވަނީ ޓެކްސްޓުން އަޑަށް ބަދަލުވުމަށެވެ.)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ