ހުލާސާކޮށް އިއްޔެ: ނުލިބި ހުރި ފައިސާ ހޯދަން މަސައްކަތެއް ނުކުރޭ ހުލާސާކޮށް އިއްޔެ: ނުލިބި ހުރި ފައިސާ ހޯދަން މަސައްކަތެއް ނުކުރޭ

ދައުލަތަށް ލިބެން ޖެހި ނުލިބި ހުރި ފައިސާގެ ހޯދަން މިނިސްޓްރީތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އޮޑިޓު އޮފީހުން ނެރެފައިވާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ 2023 ވަނަ އަހަރުގެ އޮޑިޓުގައި މިކަން ފާހަގަކުރީ، ދަައުލަތަށް އާމްދަނީގެ ގޮތުގައި އެ އިދާރާއަށް ލިބެން ޖެހި ނުލިބި ހުރި ފައިސާގެ މައްސަލައިގައި ދެކޭ ގޮތް ހިއްސާކުރަމުންނެވެ.
މީރާގެ އޮޑިޓުން ދައްކާ ގޮތުގައި، ހުސްވި އަހަރުގެ ނިޔަލަށް ނުލިބި ހުރި އަދަދު 13.2 ބިލިއަން ރުފިޔާއަށް އަރަ އެވެ. މީގެ ތެރޭގައި ޓެކުހާއި ޓެކްސް ނޫން އާމްދަނީ ވެސް ހިމެނެ އެވެ.
ޓެކްސް ނޫން އާމްދަނީއާ ގުޅޭ އެއްބަސްވުންތައް ހަދަނީ ކަމާގުޅޭ މިނިސްޓްރީތަކާއި އިދާރާތަކާ އެވެ. މީރާގެ މަސައްކަތަކީ މި ފައިސާއާ ގުޅިގެން ބަލަހައްޓަން ޖެހޭ ހިސާބުތައް ބެލެހެއްޓުމާއި ފައިސާ ބަލައިގަތުމެވެ. ކުލި ނުދައްކައިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ ޓޫރިޒަމް މިނިސްޓްރީގެ ޒިންމާއެކެވެ.
އޮޑިޓަރުން ބުނީ 2023 ގެ ނިޔަލަށް ޓެކްސް ނޫން އާމްދަނީގެ ނުލިބި ހުރި އަދަދު 6.6 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. މީގެ ތެރޭގައި ރިސޯޓު ހަދަން ދޫކޮށްފައި ހުރި ރަށްތަކުގެ ކުއްޔާއި ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ކުއްޔާއި ވިޔަފާރިކުރަން ދޫކޮށްފައި ހުރި ބިންތަކުގެ ކުއްޔާއި އެކިއެކި ފީތަކާއި ޖޫރިމަނާތައް ހިމެނެ އެެވެ.
މިގޮތުން ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރި ނަމަވެސް މި ފައިސާތައް ހޯދަން ކަމާބެހޭ މިނިސްޓްރީން އަޅަން ޖެހޭ ފިޔަވަޅުތައް ގަވާއިދުން އަޅާފައި ނުވާ ކަމަށް އޮޑިޓު ރިޕޯޓުގައި ވެ އެވެ.
"ނަމަވެސް، ފައިސާ ނުދައްކާ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް ގަވާއިދުން އަޅަމުން ނުގެންދިއުމުގެ ސަބަބުން ފައިސާ ނުދައްކާ ގިނަ ދުވަސްތަކެއްވެފައިވާ ފައިސާ މީގެ ތެރޭގައި ހުރިކަން ފާހަގަކުރަން،" ރިޕޯޓުގައި ބުންޏެވެ.
ދައުލަތަށް ނުލިިބި ހުރި ފައިސާގެ ތެރެއިން އެންމެ ބޮޑީ ރިސޯޓު ކުލި ނުލިބޭ މައްސަލަ އެވެ. ނުލިބި ހުރި ފައިސާގެ ތެރެއިން 45 ޕަސެންޓު (5.9 ބިލިއަން ރުފިޔާ) އަކީ ރިސޯޓުތަކުުގެ ކުއްޔެވެ.
ރިިސޯޓު ކުލި ނުލިބޭ މައްސަލައިގައި ހުރި ކަންކަން ތަފުސީލުކޮށްދެމުން އޮޑިޓު އޮފީހުން ބުނީ ޓެކްސް ގާނޫނުތައް މިހާރު އޮންނަ ގޮތުން މީރާއަށް އެޅޭނެ ކަމަށް ބުނާ ފިޔަވަޅުތަކަކީ އެ ފައިސާ ހޯދަން އެކަށީގެންވާ ފިޔަވަޅުތަކެއް ނޫން ކަމަށެވެ. އެހެންކަމުން އެ ފިޔަވަޅުތަކަށް އިޖާބަދޭ ފަރާތްތައް ވެސް މަދު ކަމަށް އޮޑިޓުގައި ބުންޏެވެ.
މި މައްސަލައިގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ ޓޫރިޒަމް މިނިސްޓްރީގެ ޒިންމާއެކެވެ. ނަމަވެސް މިނިސްޓްރީން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާތީ، ނުލިބިވާ ފައިސާ އިތުރުވާ ސަބަބެއް ކަމަށް އޮޑިޓު އޮފީހުން ގަބޫލުކުރެ އެވެ.
ޓޫރިޒަމުން ފިޔަވަޅު ނާޅާ ތަނުގައި އެއްބަސްވުމަށް އިހުތިރާމުނުކުރާ މީހުންނާއެކީ ތަކުރާރުކޮށް ޑެފާމަންޓް އެއްބަސްވުންތައް ސޮއިކުރަމުން ގެންދާ މައްސަލައިގައި ވެސް އޮޑިޓަރުންގެ ކަންބޮޑުވުން އެބަހުއްޓެވެ. މިކަމުގައި ސަރުކާރުތަކުން ދޭ ލުއިތަކުގެ ނަހަމަ ބޭނުން ހިފައި، ކުލި ނުދެއްކުމުގެ ރޫހެއް އުފެދި، ކުލި ނުދައްކަން ހިތްވަރު ލިބޭ ކަމަށް ވެސް އޮޑިޓުގައި ފާހަގަކުރި އެވެ.
ދައުލަތަށް ނުލިބި ހުރި ފައިސާގެ މައްސަލަ އޮޑިޓަރުން ފާހަގަކުރިއިރު، މި ސަރުކާރުން ވަނީ އެ ފައިސާ ހޯދަން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ބުނެފަ އެވެ. މިކަން އިއުލާންކުރައްވަމުން މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ، ކުރީ ސަރުކާރުތަކުން ނުހޯދާ ހުރި ފައިސާ މި ސަރުކާރުން ހޯދާނެ ކަމަށެވެ.
މި ގޮތުން ކުރެވުނު މަސައްކަތުގެ ދަށުން 3.7 ބިލިއަން ރުފިޔާ ހޯދިފައިވާ ކަމަށް މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި މުއިއްޒު ވިދާޅުވި އެވެ. އެކަމަކު އެ ފައިސާގެ އިތުރު ތަފުސީލެއް ނުދޭތީ ހޯދި ފައިސާގެ ތެރޭގައި ހިމެނެނީ ކޮން ފައިސާތަކެއް ކަަމާއި އެ ފައިސާ ހޯދިކަން ވެސް ކަށަވަރުކުރެވޭނެ ގޮތެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ