ސައިފް އާއި އަކްޝޭއަށް ޑައިރެކްޓަރު ޕްރިޔާދަރުޝަންގެ ފިލްމެއް

ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ އަކްޝޭ ކުމާރު އަދި ސައިފް އަލީ ޚާން 17 އަހަރު ފަހުން އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމުގެ ނަން އިއުލާނުކޮށްފިއެވެ. ޑައިރެކްޓަރު ޕްރިޔާދަރުޝަން ގެނެސްދޭ މި ފިލްމަށް ދީފައިވާ ނަމަކީ "ހައިވާން" (ބީސްޓް)އެވެ. ފިލްމުގެ ނަމުންވެސް މިއީ ބެލުންތެރިންނަށް ވަރަށް ތަފާތު ވާހަކައެއް ގެނެސްދޭނެ ފިލްމެއްކަން ޔަގީންވެއްޖެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. ވަރަށް ވަރުގަދަ ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ މި ފިލްމަށް "ހައިވާން" މި ނަން ކިޔަންޖެހުނީ ފިލްމުގައި ގެނެސްދޭ ވާހަކައިގެ ގޮތުން ކަމަށާއި އިތުރު އެހެންގޮތަކަށް ފިލްމު ސިފަކުރާނެ ގޮތެއް ޑައިރެކްޓަރު ޕްރިޔާދަރުޝަންއަށް ނުވިސްނުނު ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމު "ތަޝަން"ގެ ޕޯސްޓަރެއްގައި އަކްޝޭ ކުމާރު، ސައިފް އަލީ ޚާން، އަނިލް ކަޕޫރު އަދި ބަތަލާ ކަރީނާ ކަޕޫރު--ފޮޓޯ/ޔަޝްރާޖްފިލްމްސް ފިލްމުގެ ޓައިޓްލެގެ ގޮތުގައި ހޮވި ނަމަކީ ހުށަހެޅުނު އެހެން ނަންތަކުގެ ތެރެއިން ފިލްމުގެ މައިގަނޑު ޕްލޮޓާއި އަދި ފިލްމުގައި ހިމެނޭ ކެރެކްޓާސްތަކާ އެންމެ ބޮޑަށް ގުޅޭ ނަން ކަމަށް މި ފިލްމާ ގުޅުންހުރި ފަރާތަކުން މީޑިއާގައި ވަނީ ބުނެފައެވެ. އަކްޝޭ އާއި ސައިފް މިހާރު މަސައްކަތް ފަށާފައިވާ ފިލްމުތަކުގެ ޝޫޓިންގް ނިމި ދެ ތަރިންގެ ޝެޑިއުލްއިން ވަގުތު ހުސްވިހާ އަވަހަކަށް މި އަހަރުގެ އޮގަސްޓް މަހުތެރޭ މި ފިލްމުގެ މަސައްކަތް ފަށަން ވަނީ ތާވަލުކޮށްފައެވެ. ޑައިރެކްޓަރު ޕްރިޔާދަރުޝަންގެ އަމާޒަކީ އަންނަ އަހަރު ވަރަށް ގްރޭންޑްކޮށް މި ފިލްމު ބެލުންތެރިންނަށް ގެނެސްދިނުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަކްޝޭ އާއި ސައިފް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2008 ވަނަ އަހަރު ރިލީޒްވި ފިލްމު "ތަޝަން"އިންނެވެ. އަކްޝޭގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބެމުން އަންނަ ފިލްމު "ހައުސްފުލް 5"އެވެ. މިދިޔަ އަހަރު ކެރިއަރުގެ ފުރަތަމަ ތެލުގޫ ފިލްމުން ބެލުންތެރިންނަށް ފެނުނު އެކްޓަރު ސައިފް އަލީ ޚާންގެ އެންމެފަހުން ރިލީޒްވި ފިލްމަކީ މިދިޔަ އޭޕްރިލް މަހު ނެޓްފްލިކްސްއިން ގެނެސްދިން ފިލްމު "ޖުވެލް ތީފް"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ