މަހުޒޫމް އާއި ޝިމަން އަށް ދައުވާކުރުން ކުށްވެރިކޮށްފި

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި، ޒުވާނުންތަކެއް ކުރި މުޒާހަރާތަކުގައި އިސްކޮށް އުޅުނު އައިޝަތު ޝިމަން އަހުމަދާއި އަބްދުﷲ މަހްޒޫމް މާޖިދުގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ދައުވާއެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެކަން ކުށްވެރި ކުރައްވައިފިއެވެ.ޒުވާނުންގެ މުޒާހަރާގެ ތެރެއިން މަހުޒޫމް އާއި ޝިމަން ހައްޔަރުކޮށް ތިން ދުވަހަށް ބަންދުވެސް ކުރި އެވެ. ނަމަވެސް ފަހުން ވަނީ އެ ދެ ޒުވާނުން ދޫކޮށްލާފަ އެވެ.ޕީޖީ އޮފީހުން ބުނީ މަހުޒޫމްގެ މައްޗަށް އުފުލާފައިވަނީ އަނިޔާއެއް ކުރުމުގެ ދައުވާ ކަމަށާއި މި ދައުވާ އުފުލާފައިވަނީ މަހްޒޫމް ފުލުހެއްގެ މޭ މަތީގައި ކަނާއަތުން އަޅައި ކޮއްޕާލާފައިވާތީ ކަމަށެވެ. އަދި ޝިމަންގެ މައްޗަށް ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ފުލުހުންގެ ސަފު ރޫޅާލުމަށް ފަހު ފުލުހުންގެ ތެރެއަށް ގަދަކަމުން ވަދެ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއަޅާފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.އެކްސްގައި ކުރި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މަހުޒޫމް އާއި ޝިމަން އަށް ދައުވާ ކުރުން ކުށްވެރިކުރާ ކަމަށާއި އެ ޒުވާނުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އިހްތިޖާޖުކުރުމުގެ ހައްޤު ބޭނުންކުރުމުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމަށް ނާއިންސާފުން ވައްދާލުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.އަދި ސިޔާސީ ބޭނުމަށް ދޮގު ޝަރީއަތްތައް ހިންގުން ތަކުރާރުވަމުންދާތަން ފެނުމަކީ ހިތާމަހުރި ކަމެއް ކަމަށާއި މިއީ ޒުވާނުންގެ ހިތްހަމަނުޖެހުންތައް ފާޅުކުރުން ހުއްޓުވަން ސަރުކާރުން ކުރާ ދެރަވަރު މަސައްކަތެއް ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.އެ މުޒާހަރާތަކާ ގުޅިގެން މަހްޒޫމާއި ޝިމަންއަށް ދައުވާކުރަން ނިންމި މައްސަލާގައި ގިނަ ބަޔަކު ފާޑުކިޔަމުންދަނިކޮށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ތަރުޖަމާނު އަދި ގާނޫނީ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ އެ ދެމީހުންނަށް ވެސް ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ކުރިން ދިން ކަމަށާއި އަދި އެ ފުރުސަތު މިހާރު ވެސް އެބަ އޮތް ކަމަށެވެ.އެކަމަކު ދެ މީހުން ވެސް އެ ހުށަހެޅުމަށް އިންކާރުކޮށްފައިވާ ކަމަށް ޝަފީއު ވިދާޅުވި އެވެ. ނަސޭހަތުގެ އެއްބަސްވުމަކީ އިތުރު ކުށެއް ނުކުރަން ޝަރުތު ކުރުމަށް ފަހު ދައުވާ ނުކޮށް ދޫކޮށްލަން ހަދާ އެއްބަސްވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ