ހަލާލު ގޮތުގައި މާލީ މުއާމަލާތްތައް ކުރުން

ޝައްކާއި ވަހުމު އުފެދޭ މުއާމަލާތްތަކުން މަންފާ ލިބިގަތުމުގެ ބަދަލުގައި ޝައްކު ކަމެއް ނެތް ހުއްދަ މުއާމަލާތްތަކަށް ރުޖޫއަވާން ޖެހޭކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފި އެވެ.މިހަފްތާގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ "ޙަލާލު ގޮތުގައި މާލީ މުޢާމަލާތްތައް ކުރުން" މި މައުޟޫއަށެވެ.ހުތުބާގައި ބުނީ އިސްލާމްދީނުގައި އަޅުކަންތަކަށް އިސްކަންދީފައިވާ ފަދައިން މުއާމަލާތުގެ ބަޔަށް ވެސް އިސްކަންދީފައިވާ ކަމަށާއި އެހެންކަމުން އިންސާނާގެ ހަޔާތުގައި ދޭދޭ ފަރުދުންގެ މެދުގައި ކުރެވޭ ތަފާތު މުއާމަލާތްތަކާ މެދު ފަރުވާތެރިވާން ޖެހޭ ކަމަށެވެ.ހުތުބާގައި ބުނި ގޮތުގައި ބަވަނަވެފައިވާ ދުނިޔެއެއްގައި މުޅި އިގްތިސާދު ހުޅަނގުގެ ފަލްސަފާގެ މައްޗަށް ބިނާކުރެވިފައި އޮތްއިރު މާލީ މުއާމަލާތްތަކުގެ ތެރޭގައި ހިމެނޭ އިސްލާމްދީނުގައި ހަރާމްކޮށްފައިވާ ކަންކަމުން ސަލާމަތްވާންޖެހެ އެވެ.އޭގެއިތުރަށް، ޚުތުބާގައި ވަނީ ރިބާގެ ނުބައި ކަމާއި އެ ވަބާގައި ނުޖެހުމަށް ނަސޭހަތްތެރިވެފައެވެ. އެގޮތުން، ރިބާ ކާމީހާއާއި އެކަމުގައި ޝާމިލުވާ އެހެން މީހުންގެ ވެސް ފާފަވެރިވާނެ ކަމަށާއި އެ ވަބާގައި ޖެހޭ އެންމެނަށް މާތް ﷲ ލައުނަތް ލައްވާނެ ކަމަށް ހުތުބާގައި ބުންޏެވެ."އެކަލޭގެފާނު ހަދީޘްކުރައްވައިފައި ވެއެވެ. (لَعَنَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا، وَمُوْكِلَهُ، وَشَاهِدَهُ وَكَاتِبَهُ)[1] މާނައީ: "ރިބާ ކާމީހާއާއި، ރިބާގެ ގޮތުގައި ފައިސާއާއި މުދާ ދޫކުރާ މީހާއާއި، އެ މުޢާމަލާތުގައި ހެކިވާ މީހާއާއި، އެ ކަމުގެ ލިޔެކިޔުންތައް ލިޔެ، ބަލަހައްޓާ މީހާގެ މައްޗަށް ރަސޫލު ﷲ ލަޢުނަތް ލެއްވިއެވެ. ރިބާއަކީ، މުދަލުގެ ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްވެ، ލިބޭ މިންވަރާ މެދު ހިތްހަމަނުޖެހި، މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން މަތިމައްޗަށް އިތުރުކުރުވާ ނުރައްކާތެރި ވަބާއެކެވެ." ހުތުބާގައި ބުންޏެވެ.ހުތުބާގައި ބުނީ ރިބާއަކީ މުދަލުގެ ބަރަކާތް ވެސް ކަނޑުވާލާ އެއްޗެއް ކަމަށެވެ."ރިބާއަކީ މުދަލުގެ ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްވެ، ލިބޭ މިންވަރަށް ހިތްހަމަނުޖެހި، މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން މަތިމައްޗަށް އިތުރުކުރުވާ ނުރައްކާތެރި ވަބާއެެކެވެ،" ކީރިތި ގުރުއާނުގައި ރިބާއާ ދުރުހެލިވުމަށް އަންގަވާފައިވާ އެތައް އާޔަތެއްވާކަން ފާހަގަކޮށް ހުތުބާގައި ބުންޏެވެ.އެހެންވެ، ހުތުބާގައި ނަސޭހަތްތެރިވީ ކެއުމުގައި ވެސް ހަލާލު ތަކެތި ހޯދުމަށް އިސްކަންދޭ ގޮތަށް އެ ތަކެތި ގަތުމުގައި ވެސް ހަލާލު ފައިސާ ބޭނުންކުރުމަށެވެ. އަނބިދަރިންނަށް ކެއުމާއި އަންނައުނާއި ބޯހިޔާވަހިކަން ފޯރުކޮށްދެއިރު ރިބާގެ މުއާމަލާތުން ހޯދި ފައިސާ އިން ގަނެ އެތަކެތި ފޯރުކޮށް ނުދިނުމަށެވެ.ހުތުބާގައި ބުނީ ދުނިޔެއަށް މިހާތަނަށް ކުރިމަތިވެފައިވާ އިގްތިސާދީ ގިނަ ކާރިސާތައް މެދުވެރިވީ ސަބަބަކަށް ރިބާވެފައިވާ ކަމަށެވެ. ރިބާގެ ސަބަބުން އިގްތިސާދީ ނަފާވެރިކަން މަދު ބައެއްގެ އަތްމައްޗަށް ގޮސް، މުޅި މުޖުތަމައުގެ ތެރޭގައި އޮންނަން ޖެހޭ އިގްތިސާދީ އަދުލުވެރިކަން ނެތިކޮށްލާ ކަމަށެވެ.އެ ސަބަބުތަކާ ހުރެ، ރިބާގެ ނުރައްކާތެރި ވަބާ އިން މުޅި އިގްތިސާދީ ނިޒާމު ސަލާމަތްކުރުމަކީ މިއަދު މުޅި މުޖުތަމައުގެ ހައްގުގައި އަހަރެމެން ކުރަން ޖެހޭ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ