ސަރުކާރުން ވަނީ ބުޅާތައް މަރަން ދޫކޮށްލާފައި: އާޒިމް

މަގުމަތީގައި އުޅޭ ބުޅާތައް މަރަން ސަރުކާރުން ދޫކޮށްލާފައިވާ ކަމަށް ތުހުމަތުކުރައްވައި މާލެ ސިޓީ ކައުންސިލުން ހެދި ބުޅާ ފެސިލިޓީއަށް މަގުމަތީގައި ތިބި ހުރިހާ ބުޅާތައް ގެންދަން މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - މާލޭ މަގުމަތީގައި އެޅެމުންދިޔަ ބުޅާތައް މިދިޔަ ދެ މަހެއްހާ ދުވަހު ކުއްލިއަކަށް ވަނީ ގެއްލެން ފަށާފަ އެވެ. ބުޅަލުގެ ހައްގުގައި ވަކާލާތު ކުރާ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ބަޔަކު އެ އެ ބުޅާތައް މަރަނީ އެވެ. 
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އާޒިމް މިއަދު ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފަ އެވެ.
ބުނީ ކީކޭ؟ - އާޒިމްގެ ޕޯސްޓުގައި އޭނާ ވިދާޅުވި ގޮތުގައި:
ކައުންސިލުން ހެދި ބުޅާ ފެސިލިޓީ ސަރުކާރުން "ގަދަކަމުން އަތުލައިގަނެ"، އެ ތަނަށް ގެންގޮސްފައި ވަނީ އަމިއްލަ މީހުންގެ ބުޅާތައް ކަމަށް ހަބަރު ލިބޭ
އެ ތަނަކީ މަގުމަތީގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ކައުންސިލުން ހެދި ތަނެއް
"ނަމަވެސް އަދިވެސް ބުޅާތައް ނުގެންގޮސް، ރައްޔިތުންނަށް ބުޅާ ނަޖިހުގެ އުނދަގޫ ޖައްސާފައި އަދި ބުޅާތައް މަރުވާން ދޫކޮށްލައިގެން ސަރުކާރުން އެ ތިބީ،" އާޒިމް ވިދާޅުވި އެވެ.
މިކަން އާޒިމް ސިފަ ކުރެއްވީ "އަނިޔާވެރި އަދި ޒިންމާދާރުކަން ކުޑަ އަމަލެއް"ގެ ގޮތުގަ އެވެ.
އެއާ އެކު، އޭނާ ގޮވާލެއްވީ މަގުމަތީގައި އުޅޭ ބުޅާތައް އެ ފެސިލިޓީއަށް ވަގުތުން ގެންދިއުމަށެވެ.
"ބުޅާ ލާނެ ތަނެއް ނެތިގެން މިހާރު އުޅޭކަށް ނުޖެހޭނެ. އެހެރީ އެ ތަން ސިޓީ ކައުންސިލުން ހަދައިދީފައި،" އާޒިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ