މީގެ އަހަރެއް ކުރިން އަޅުގަނޑު ވަނީ އަމީނީމަގުގައި ހުންނަ ލޯކަލް މާރުކޭޓަށެވެ. އެއީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، ފޮނުވާލުމުގެ އޮޕަރޭޝަނާ ގުޅިގެން ލޯކަލް މާރުކޭޓް ކަހަލަ ކުދި ވިޔަފާރިތައް ދިވެހިންގެ އަތްމައްޗަށް އަރަނީ ކަމަށް ބެލެވުނު ދުވަސްވަރެވެ.
އަޅުގަނޑު 27 ޖުލައި 2024ގައި އެތަނަށް ވަންއިރު ގިނަ ގޮޅިތައް ހުރީ ހުހަށެވެ. ކުރިން އެތަންތަނުގައި ތިބި ބިދޭސީން ދިޔައީ އެވެ. ނުވަތަ ދިވެހިންނަށް ގޮޅިތައް ދޫކުރަން އެ މީހުން އަތުން ނެގީ އެވެ.
ހިންގަމުން ދިޔަ މަދު ގޮޅިތަކެއްގައި ތިބީ ދިވެހިންނެވެ. އުޅުނު ބިދޭސީއެއް ވިއްޔާ އެއީ އެ ގޮޅީގެ ދިވެހި ވިޔަފާރިވެރިޔާގެ މުވައްޒަފެކެވެ.
ބައެއް މީހުން ބުނީ ދެން މިތަންތަން ހިންގާނީ 'އަހަރެމެން ދިވެހިން' ކަމަށެވެ. ރަނގަޅަށް އެއްޗެހި ލިބޭ ކަމަށް ވާ ނަމަ ފުދޭވަރެއްގެ އާމްދަނީއެއް ހޯދޭނެކަން ފާހަގަކުރި އެވެ. އޭރު އެ މީހުންގެ އުއްމީދުތައް ހުރީ މަތީގަ އެވެ. ފުރުސަތު އޮންނަންވާނީ ދިވެހިންނަށް ކަމާއި ސަރުކާރުން ހިންގާ އޮޕަރޭޝަނުން އެކަން ހާސިލްވަމުން އަންނަކަން ވެސް، 'ދައުރު'ން ވާހަކަދެއްކި ބައެއް މީހުން ފާހަގަކުރި އެވެ.
އަހަރެއް ފަހުން މިއަދު އެ މާރުކޭޓަށް ވަދެލީމެވެ. މިދިއަ އަހަރު ނެގި ފޮޓޯތަކުން ފެންނަ ހުސްކަމުގެ ބަދަލުގައި މުޅިތަން އޮތީ 'ދޮންވެފަ' އެވެ. ތާޒާ މޭވާ އާއި ތަރުތާކީތަކުން ފުރިފަ އެވެ. އެކަމަކު މިއަދު އެ ގޮޅިތައް ހިންގަން ތިބީ 'އަހަރެމެންގެ ފަހުރުވެރި ދިވެހިންނެއް' ނޫނެވެ. އެންމެ ދެ ދިވެހިން ފިޔަވައި ދެން ތިބީ މުޅިން ވެސް ބަންގްލަދޭޝްގެ ވަރުބަލިވުމެއް ނެތް ބުރަ މަސައްކަތްތެރިންނެވެ.
މިވީ ކިހިނެއް ހެއްޔެވެ؟ ދިރާސާތައް ހަދައިގެން ޖަވާބެއް ހޯދަން ޖެހޭ ސުވާލެއް ވެސް ނޫނެވެ. ކޮންމެ މީހަކަށް ވެސް ބުނެލެވޭނީ މިކަމުގައި ދިވެހިންނަށް ވުރެ ބަންގްލަދޭޝްގެ އަވަށްޓެރިން މާ މޮޅީ އެވެ. ދިވެހިންގެ ކަންނެތްކަމަށް ވުރެ އެ މީހުންގެ ހީވާގިކަން މާ މަތީ އެވެ. ދިވެހިންނަށް ވުރެ ދިރިއުޅުން ކޮޅަށް ޖަހަން އެ މީހުން ދެކޭ އުއްމީދުތައް މާ ގިނައީ އެވެ. އެ އުއްމީދުތަކުގައި މާޔޫސްވުމެއް ނެތި ކުރިއަށް ދަނީ އެވެ.
ބުރަކޮށް އުޅެގެން ލިބޭ 'ކުޑަ އާމްދަނީ' ހޯދުމަކީ ދިވެހިންގެ މިހާރުގެ ސިފައެއް ނޫނެވެ. އެހެން ގޮތަކަށް ބުނާ ނަމަ ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި އިނދެގެން ޖީބަށް ވަންނަ ލާރިއަށް ވުރެ ފަސޭހައިން އުޅެގެން ހޯދޭ ކުޑަ އާމްދަނީ ވެސް މާ ރަނގަޅެވެ.
އަމީނީމަގު ގޮޅިއެއްގައި އިން ދިވެއްސަކު ބުނީ ބަންގްލަދޭޝްގެ މީހުން ހޭބޯނާރާ މަސައްކަތްކުރާ ކަމަށެވެ. ދިވެހިން އެގޮތަށް އުޅެން ބޭނުންނުވާތީ ކުޑަ އެއްޗަކަށް ގޮޅި ކުއްޔަށް ދެނީ ކަމަށް ވެސް އޭނާ ބުނެލި އެވެ.
"އެހަރަ ގޮޅިއަށް އަންނާނެ ރޭގަނޑު 9:30 ހާއިރު މީހަކު [ދިވެއްސެއް]. އެ ދޭ އެއްޗެއް ހިފައިގެން އޭނާ ދާނީ،" ބަންގްލަދޭޝްގެ މީހަކަށް ގޮޅި ކުއްޔަށް ދީގެން ކުޑަ ފައިސާކޮޅެއް ހޯދާ މީހަކާ ބެހޭ ގޮތުން އޭނާ ބުންޏެވެ.
މީގެ އަހަރެއް ކުރިން އަމީނީމަގު ލޯކަލް މާރުކޭޓު ގޮޅިތައް ހިންގަން ހަވާލުވި ދިވެހިން އޭރު ތިބީ އުފަލުންނެވެ. އެކަމަކު އޭރު ވެސް އެކަން ކާމިޔާބުނުވާނެކަން، އެތަނުން ދިމާވި ބައެއް މީހުން ބުންޏެވެ. ލޯކަލް މާރުކޭޓުގެ މުޅި ސަޕްލައި އޮންނަނީ ބިދޭސީންގެ އަތްމަތީގަ އެވެ. ރަށްރަށުގައި ދަނޑު ހައްދަނީ އެމީހުންނެވެ. މާލެއަށް އެ އެއްޗެހި ގެންނަ ދޯނިފަހަރުގައި އެ މީހުންެނެވެ. މާލެއިން އެ އެއްޗެހި ގަންނަނީ ވެސް އެމީހުންނެވެ. އެހެންކަމުން ދިވެހިންގެ އަތަށް އެއްޗެއް އަރަނީ އެ މަރުހަލާތަކަށް ފަހު އެވެ.
މާލޭގެ މައި ލޯކަލް މާރުކޭޓުގެ ގޮޅިތައް ހިންގާ ބައެއް ދިވެހިން، މިދިއަ އަހަރު ވެސް އެކަން ފާހަގަކުރި އެވެ.
"މީގެ އެންމެ ގޯސް ކަމަކީ [ތަރުކާރީ އާއި މޭވާ] އެމީހުން [ބިދޭސީން] މި ނަގަނީ ބޯޓުފަހަރުން. ބޯޓުފަހަރުން އަންނަ މީހުން އެމީހުންނަށް މި ދެނީ. ދެން އެމީހުން އަޅުގަނޑުމެންނަށް މި ވިއްކަނީ،" މާލޭގެ އުތުރު ބަނދަރުމަތީގައި ހުންނަ ލޯކަލް މާރުކޭޓުގެ ގޮޅިއެއް ހިންގާ ދިވެއްސަކު އޭރު ބުންޏެވެ.
"މި މައްސަލަ ހައްލުވާނީ ބިދޭސީންނަށް އެ ފުރުސަތު ދިވެހިން ނުދޭންވީ. އަނެއްކާ އިމިގްރޭޝަނާއި ޕޮލިހާއި ސިޓީ ކައުންސިލާ މި ތިން ބައި ގުޅިގެން ވެސް ކުރެވޭނެ ކަންތައް. މިސާލަކަށް ބޯޓުތަކުން މުދާ ބާލާ ގަޑީގައި އެ ތަން ކޮންޓްރޯލު ކުރެވޭނެ."
އެކަމަކު ހަގީގަތަކީ ރާއްޖޭގެ އިގުތިސާދުގައި ބިދޭސީންގެ ދައުރު މިހާރު މާ ބޮޑުވުމެވެ. ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި 132،000 އަށް ވުރެ ގިނަ ބިދޭސީން އުޅެ އެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ލައިފި ނަމަ އެއަށް ވުރެ މަތިވާނެ އެވެ. މީގެ ތެރެއިން އެތައް ހާސް ބަޔަކު އަންނަނީ ދަނޑުވެރިކަމާއި ދަނޑުވެރިކަމާ ގުޅިފައި ހުރި އެހެން ވިޔަފާރީތަކުގައި އަމަލީ ގޮތުން ބައިވެރިވަމުންނެވެ. އޭގެ ބަދަލުގައި ގިނަ ދިވެހިން ދަނޑުތައް ދޫކޮށް ގެއަށް ވަދެއްޖެ އެވެ.
އަމީނީމަގު ލޯކަލް މާރުކޭޓުން އަހަރެއްގެ ތެރޭގައި މި ފެނުނު ތަފާތުން އެނގެނީ ބިދޭސީން ނުލައި މިކަހަލަ ވިޔަފާރިތައް ރާއްޖޭގައި ދެން ނުހިންގޭނެ ކަމެވެ. ދިވެހިންނަށް ފުރުސަތު އޮތް ނަމަ އެ ފުރުސަތު ހޯދައިދޭން މިޖެހެނީ ހައްދާ ދަނޑުތަކާ ހަމައިން، ދިވެހިންގެ މަސްލަހަތު އިސްކުރާ ސިޔާސަތެއް ތަންފީޒުކޮށްގެން ކަމެވެ. ނަމަވެސް އެއީ ދާއިމީ ގޮތެއްގައި ކުރެވޭނެ ކަމެއް ކަމަކަށް ނުފެނެ އެވެ.
ދެން ބިދޭސީންނާ ދެކޮޅަށް އޮޕަރޭޝަނެއް ހިންގާ ފަހަރަކުން 'އަހަރެމެން ދިވެހިންނަށް ފުރުސަތު ލިބެނިއްޔޭ' ބުނެލަން އުނދަގޫވާނެ އެވެ. އޭގެ ބަދަލުގައި ބުނެލުން ރަނގަޅުވާނީ 'ގަވާއިދަށް ފައްތާފައި ތިޔަ މީހުން ތިޔަ ކަމުގައި ބައިތިއްބާށޭ' އެވެ.
އަހަރެމެން ދިވެހިން ކޮބާ ؟ އަހަރެއްގެ ތެރޭގައި ގެއްލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ