2028ގެ ކުރިން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރަން ލާޒިމު ކުރަނީ
ދެހާސް އަށާވީސް ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމްކޮށް ހިންގަން ފަށަން ލާޒިމުވާ ގޮތަށް، ފެނާއި ނަރުދަމާގެ ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު މިއަދު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މީހުން ދިރިއުޅޭ ހުރިިހާ ރަށެއްގައި ލަސްވެގެން 2027 ވަނަ އަހަރު ނިމުމުގެ ކުރިން އެ ރަށަކާ އެކަށޭނަ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމްކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖައްސަން ޖެހޭނެއެވެ. ދިއްދޫ ދާއިރާގެ މެންބަރު ލަތީފް: -- ފޮޓޯ/ މަޖިލިސް، ގާނޫނުގައި މިހާރު އޮންނަ ގޮތުން، ގާނޫނު އެކުލަވާލާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެތެރޭ ފެނާއި ނަރުދަމާގެ ނިޒާމުތައް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމްކޮށް ހިންގޭނެ އެންމެހާ އިންތިޒާމުތައް ހަމަޖެހިފައި ހުންނަން ވާނެއެވެ. ކުޑަ ރަށެއް, ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ކަމަށް ބުނެ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ވަނީ ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް ފަށައިފައެވެ. ނަމަވެސް ކޮވިޑްގެ އާލަމީ ވަބާ ވެސް ކުރިމަތިވި, އެ ވެރިކަން ނިމުނުއިރު އޭގެ ތެރެއިން ގިނަ މަޝްރޫއުތަކެއް ނިންމޭ ގޮތެއް ނުވިއެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅާފައިވަނީ، ނަރުދަމާގެ މަސައްކަތްތައް ނިމިފައިވާ ގިނަ ރަށްރަށުގައި ހިދުމަތް ނުދެވި ލަސްވަނީ ޔޫޒާ ރައިޓްސް އެގްރީމެންޓް (ޔޫއާރުއޭ) އަށް ބޭނުންވާ ލިޔެކިއުންތަކާއި ޓެންޑާ ބޯޑުން ނަގަން ޖެހޭ ހުއްދަތައް ނުނަގައި ހުރުމުން ކަމަށް، ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު މިދިޔަ ޖޫން މަހު މަޖިލީހުގައި ވިދާޅުވެފައި ވަނިކޮށެވެ. ފާހަގަކުރެވޭ ގޮތުގައި، ނ. އަތޮޅުގެ ރަށްރަށަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅުގެ މަނަދުއަށް ވަޑައިގެން އެ ރަށުގެ ނަރުދަމާގެ މައްސަލަ ދޮޅު އަހަރު ދުވަހުން ހައްލުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ރޭ ވިދާޅުވެފައިވެއެވެ. މަޝްރޫއުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ނުހިނގާ ކަމުގެ ކަންބޮޑުވުމަކީ މި ސަރުކާރު އައުމަށްފަހު ވެސް މިއަދާ ހަމައަށް ވެސް އޮތް ކަންބޮޑުވުމެކެވެ. މި ސަރުކާރުން މިދިޔަ އަހަރު ރަށްރަށުގައި ކުރިއަށް ގެންދަންޖެހޭ މަޝްރޫއުތައް ކުރިއަށް ނުގެންދެވުނީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި 2024 ވަނަ އަހަރުގެ ބަޖެޓުގައި 'ޖެއްސުން ކޮށްފައި' އޮތުމުން ކަމަށް ބުނެފައިވެއެވެ. އެގޮތުން އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އޭރު ފާސްކުރި ބަޖެޓުގައި މަޝްރޫއުތަކާ އެކަށީގެންވާ ވަރަށް ފައިސާ ޖަހާފައި ނެތް ކަމަށާއި، ބައެއް މަޝްރޫއުތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ވެސް ބަޖެޓުގައި ފައިސާ ޖަހާފައި ހުރުމުން މަޝްރޫއުތައް ކުރިއަށް ގެންދަން ދަތިވީ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. ނަމަވެސް މި ހިނގާ 20 ވަނަ މަޖިލީހުގައި ޕީއެންސީގެ ސުޕަ މެޖޯރިޓީން ފާސްކުރި ބަޖެޓާއެކު ވެސް އަދި މަޝްރޫއުތައް އުޅެނީ ރަނގަޅަށް ނުހިންގިގެން ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވެސް ދައްކާ ގޮތުން، ޕީއެސްއައިޕީ މަޝްރޫއުތަކަށް ދައުލަތުން ކުރި ޚަރަދު ވަނީ ދަށްވެފައެވެ. މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް، މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހޭދަކޮށްފައި ވަނީ 1.5 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 4.8 ބިލިއަން ރުފިޔާ ޚަރަދުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ