މަޖިލިސް މެންބަރުންތަކަކަށް މުއިއްޒު ރިޝްވަތުދިން: ވޮޝިންޓަން ޕޯސްޓް

ރައްޔިތުންގެ މަޖިލިސްގެ މެންބަރުންތަކަކަށް ރައީސް މުއިއްޒު ރިޝްވަތު ދިންކަމަށް ވޮޝިންޓަަން ޕޯސްޓް ރިޕޯޓްކޮށްފިއެވެ. އެއްފަހަރާ މަޖިލީހުގެ 13 މެންބަރަކު މުއިއްޒު ގަނެލީ މެންބަރަކަށް 2 މިލިޔަން ޑޮލަރު ރިޝްވަތުގެ ގޮތުގައިދީގެން ކަމަށް ވޮޝިންޓަން ޕޯސްޓް ބުނެއެވެ.  
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޮތީ އިދިކޮޅު އެމްޑީޕީގެ ސާފު މެޖޯރިޓީއެވެ. މުއިއްޒަށް ތާއީދުކުރާ ވިއްސަކަށް މެންބަރުންވެސް ނެތެވެ. އެމްޑީޕީން ބޭނުންވިނަމަ ރައީސް މުއިއްޒު އަޒުލު ކުރުމަކީ އެހާ އުދަގޫ ކަމަކަށް ނުވާނެއެވެ. އެއްވެސް އިރަކު އެމްޑީޕީއަކީ ރައްޔިތުންގެ ވޯޓުން ނޫން ގޮތަކަށް ވެރިކަމެއް ބަދަލު ކުރަން ތާއީދުކުރާ ޕާޓީއެއް ނޫނެވެ. އެހެން ކަމުން ގާނޫނީ ހަމަތަކުގެ މަތީން މުއިއްޒު ވެރިކަމުން ބޭލުމަކީ އެމްޑީޕީއަށް އޭރަކު އުނދަގޫ ކަމެއްނޫނެވެ. 
އެމްޑީޕީން ބޭނުންވިނަމަ މުއިއްޒު އަޒުލް ކުރުމަށް އޭރަކު އެއްވެސް ހުރަހެއްނެތެވެ. އެމްޑީޕީ ލީޑަރޝިޕުން މުއިއްޒު އަޒުލް ކުރަން ބޭނުންވެގެން އިންޑިއާއިން ނުވަތަ އެހެން ތާކުން ފައިސާ ހޯދައިގެން މެންބަރުން ލޮއްސަންޖެހޭނީ އެކަން ވާންނެތް ނަމަތާއެވެ. އެހެން ނޫނަސް އެއްވެސް އިރަކު އިންޑިއާއަކީ ރާއްޖޭގެ ވެރިކަމުގައި ވަކިބަޔަކު ބައިތިއްބަން ބޭނުންވާ ބައެއް ނޫނެވެ. އިންޑިއާއިން ރާއްޖޭގެ ވެރިކަމާ ތޮޅެ ވެރިކަމެއް ބަދަލުކުރަން ބޭނުންނަމަ އެކަމަކީ އިންޑިއާއަށް އުދަގޫ ކަމަކަށް ނުވާނެކަން މުޅި ދުނިޔެވެސް ގަބޫލު ކުރާނެއެވެ. 
މުއިއްޒު ވެރިކަން ހޯދުމަށްޓަކާއި ރައްޔިތުންނަށް އޮޅުވާލާ ހެދި ދޮގުތަކާއި ވެރިކަން ލިބުމަށްފަހުވެސް ދޮގާއި މަކަރާއި ހީލަތްހަދާ ގާނޫނު އަސާސީއާއި ހިލާފުވެ، ޑިމޮކްރެޓިކް ހަމަތަކާ ހިލާފުވާތީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮވެއެވެ. ބައިނަލް އަގުވާމީ ބެސްޓް ޕްރެކްޓިސްއާއި ވެވޭ އެއްބަސްވުންތަކަށް އިހުތިރާމް ނުކުރުމާއި ވައުދާ ހިލާފުވެ މެޖޯރިޓީ ވިސްނުމާ ދެކޮޅަށް މުއިއްޒު ވެރިކަން ކުރާތީ މުއިއްޒު އަޒުލު ކުރަންޖެހޭ ކަމަށް އެތައް ބަޔަކު ގަބޫލުކުރިއެވެ.
ރައްޔިތުންގެ މަޖިލީހުން ރައީސް އަޒުލްކުރަން އުޅުމަކީ ބަގާވާތެއްނޫނެވެ. އެމްޑީޕީއަކީ ބަގާވާތްކުރާ ބައެއް ނޫނެވެ. މުއިއްޒު އަޒުލް ކުރަން ޖެހިއްޖެނަމަ އަޒުލުކުރެވޭ ވަރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސޮއިވެސް އޭރު އޮތީ ހަމަވެފައެވެ. ނަމަވެސް އެމްޑީޕީ ލީޑަރޝިޕުން އެކަން ހުއްޓުވުމުން އެކަން އޮތީ ނުކޮށެވެ. 
އެކަމަކު އިތުބާރު ނެތްކަމުގެ ވޯޓުނަގާ މުއިއްޒު ވެރިކަމުން އަޒުލްކޮށްފާނެ ކަމަށް ބިރުން މޭކަރައިގެން އުޅުނީ މުއިއްޒެވެ. އެމްޑީޕީގެ ސާފު މެޖޯރިޓީއޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން މުއިއްޒު ވެރިކަމުން އަޒުލް ކޮށްފާނެކަމަށް މަޖިލިސް މެންބަރުންތަކަކަށް ރިޝްވަތުދިނީ މުއިއްޒެވެ. މުއިއްޒު އަޒުލްކުރަން އުޅޭކަމަށް ދައްކައިގެން މަޖިލީހުގެ ތެރޭގައި އުޅުނު ބަޔަކު ދެމި ގުއިރޯނުގައި ވެރިކަމުގެ ދަހިވެތިކަމުގައި މުއިއްޒު ޖެހުނީއެވެ. ހަށިވިއްކި 13 މެންބަރުންކުރެ ކޮންމެ މެންބަރަކަށް 2 މިލިޔަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ދީގެން ގަނެލީއެވެ. 
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތުދިން ކަމަށް ދުނިޔޭގެ ނަންހިނގާ މީޑިއާތަކުން ރިޕޯޓްކުރުމަކީ އާދައިގެ ކަމެއްނޫނެވެ. ރައީސް މުއިއްޒު ރިޝްވަތު ދިންކަމަށް ވާނަމަ ރައީސްކަމުގައި ހުރުމުގެ ގާނޫނީ ސައްހަކަން މުއިއްޒުގެ ކިބައިން ކެނޑިގެން ހިނގައްޖެއެވެ. ސްޕްރީމް ކޯޓުން އަމިއްލައަށް އިސްނަގައިގެން ވެސް އެ މައްސަލަ ބަލާ ރޫލިންގއެއް ނެރެންޖެހެއެވެ. ރައީސް ކަމުގެ ޒިންމާތަކުން މުއިއްޒު އެއްފަރާތްކޮށް ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ތަހުގީގެއް ހިންގަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ