ސިއްޙީ ދާއިރާގެ ތަރައްޤީގައި ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުން ބޮޑު: ނައިބު ރައީސް

ރާއްޖޭގެ ޞިއްޙީދާއިރާ ތަރައްޤީކުރުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން ވަރަށް ބޮޑުކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެންވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ އޮޕަރޭޝަންތައް ކުރަންފެށުނު ދުވަސް ފާހަގަކުރުމުގެ ގޮތުން އޭޑީކޭ ހޮސްޕިޓަލުން ކުރިޔަށްގެންދާ، "ކާޑިއަކް ވޯކްޝޮޕް 2023" ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ޞިއްޙީ ދާއިރާ ކުރިއެރުވުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އަދި ޚާއްޞަކޮށް އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމަށް ގިނަ މަސަކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ޞިއްޙީ ފަރުވާއަށް ބޭނުންވާ ވަޞީލަތްތައް އިތުރުކޮށް ފެންވަރު ރަގަޅު ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށް ނައިބު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
އަދި ރާއްޖެއަށް ޞިއްޙީ ދާއިރާއިން ހޯދެމުން އަންނަ ކުރިއެރުންތަކުގައި، އައު ޓެކްނޮލޮޖީއާއެކު މަތީފެންވަރުގެ ޚިދުމަތްތަކާއި ފަރުވާތައް ތަޢާރަފްކޮށް ޞިއްޙީދާއިރާ ކުރިއެރުވުމަށް އޭޑީކޭ ހޮސްޕިޓަލުންކޮށްފައިވާ މަސައްކަތްތަކާއި ޙާޞިލްކޮށްފައިވާ ކާމިޔާބީތައް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ ވަޞީލަތްތަކާއި އެކު ޞިއްޙީ ދާއިރާއިން ތައްޔާރުވާން ޖެހޭ ކަމަށާއި އަދި ހަމައެގޮތަށް ޞިއްޙަތަށް ރައްކާތެރިވެ ދިރިއުޅުމުގެ އާދަތަކާއި މެދުވެސް ވިސްނަންޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ ޙާލަތަށް ބަލައި އާއްމުންގެ ހޭލުންތެރިކަން އިތުރުކޮށް ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެންނަން ޖެހޭކަމަށެވެ. އަދި އެކަމަށް އާއްމު ޞިއްޙަތާއި ނަފްސާނީ ޞިއްޙަތަށް މީހުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް އިތުރުކޮށްދެއްވުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
މިރަސްމިއްޔާތުގައި، އެމަނިކުފާނު ވަނީ، އޭޑީކޭ ހޮސްޕިޓަލުން ތައްޔާރުކޮށްފައިވާ "ކާޑިއަކް ޕޭޝަންޓް ހޭންޑް ބުކް" ނެރެދެއްވާފައެވެ.
އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބާއްވާ "ކާޑިއަކް ވޯކްޝޮޕް 2023" އަކީ، ރާއްޖޭގައި ހިތުގެ ބަލިތަކާއި ފަރުވާތަކާއި ގުޅޭ ގޮތުން، ސްކޫލުތަކުގެ ދަރިވަރުންނަށާއި، ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި ޞިއްޙީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދީ، އެކަމުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ވޯކްޝޮޕެކެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ހިތުގެ އޮޕަރޭޝަނެއް ކޮށްފައި ވަނީ، 08 އޮގަސްޓް 2018ގައި، އޭޑިކޭ ހޮސްޕިޓަލްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ