އެމެރިކާއިން ހުށަހަޅާފައިވާ ސުލްޙައިގެ ޝަރުޠުތައް އީރާނުން މުތާލިޢާ ކުރަމުންދާއިރު، އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ "ވަރަށް އަވަހަށް" ނިމުމަކަށް ގެނެވޭނެ ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. މޭ 6 ވަނަ ދުވަހު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކުރެވުނު މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށާއި، އީރާނުން ވެސް އެއްބަސްވުމެއް އެކުލަވައިލުމަށް ބޭނުންވާ ކަމުގައެވެ. ފެބުރުވަރީ 28 ގައި ޞަހްޔޫނީން ރުއްސުމަށް ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި އެމެރިކާއިން ވަނީ 14 ނުކުތާގެ މައްޗަށް އެކުލެވޭ އެއްބަސްވުމެއް ހުށަހަޅާފައެވެ. ނަމަވެސް، އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ތަރުޖަމާނު އިބްރާހީމް ރިޒާއީ ވަނީ، ޓްރަމްޕްގެ ހުށަހެޅުމަކީ ޙަޤީޤަތާ ދުރު، ވޮޝިންގޓަނުގެ އުންމީދުތަކުގެ ލިސްޓެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ޓްރަމްޕްގެ ހުށަހެޅުއްވުމުގެ ދަށުން އީރާނުން 12 އަހަރުގެ މުއްދަތަށް ޔުރޭނިޔަމް މުއްސަނދިކުރުން ހުއްޓައިލައި، ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓައިލުމަށް އިޤުރާރުވާން ޖެހޭނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އޭގެ ބަދަލެއްގެ ގޮތުގައި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން އުވައިލައި، ހިފަހައްޓާފައިވާ އެތަކެއް ބިލިޔަން އެމެރިކާ ޑޮލަރެއްގެ މުދަލާއި ފައިސާ ދޫކޮށްލަން ޖެހޭނެއެވެ. އަދި، ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހުރްމުޒް ކަނޑުއޮޅި، އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަހުގެ ތެރޭގައި ދަތުރުފަތުރަށް ހުޅުވައިލުމަށް ޓްރަމްޕްގެ ހުށަހެޅުއްވުމުގައި ހިމަނާފައިވެއެވެ.
ސުލްޙައިގެ ވާހަކަތަކާއެކު ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގު %11 ދަށަށް ގޮސް، ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 98 ޑޮލަރަށް ވެއްޓުނެވެ. މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ދާދިފަހުން ވަނީ ވޮޝިންގޓަނުން ދައްކަމުންދާ ވާހަކަަތަކަށް މަލާމާތް ރައްދުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅި ހުޅުވުމުގެ ނަމުގައި އެމެރިކާއިން ހިންގި އަސްކަރީ ހަރަކާތްތައް ނާކާމިޔާބުވުމުން، އެ ކަން ފޮރުވުމަށް ޓްރަމްޕް ދޮގު ޚަބަރުތަކެއް ފަތުރައްވަމުން ގެންދަވާ ކަމުގައެވެ. މި ނުތަނަވަސްކަމުގެ ތެރެއިން ވެސް، ޕާކިސްތާނުގެ މެދުވެރިކަމާއެކު ކުރަމުންދާ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމުގައި ޓްރަމްޕް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ހަނގުރާމައިގެ އަސްކަރީ މައިދާން އަދިވެސް ހޫނުކޮށް އޮތްއިރު، އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން ވަނީ އީރާނުގެ ބަނދަރަކަށް ދަތުރުކުރި 'އެމްޓީ ޙަސްނާ' ނަމަކަށް ކިޔާ ތެޔޮ އުފުލާ އުޅަނދަކަށް ޙަމަލާދީ، އެ އުޅަނދު ހުއްޓުވާފައެވެ. ނަމަވެސް، ޓްރަމްޕް ވިދާޅުވީ، ކުރިއަށް އޮތް ހަފުތާގައި އޭނާ ޗައިނާއަށް ކުރެއްވުމަށް ހަމަޖެހިފައި އޮތް ދަތުރުފުޅުގެ ކުރިން އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމުގައެވެ. އަދި، މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ، އަލުން އީރާނާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ފަށްޓަވާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވާފައެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޓޮމީ ޕިގޯ ވިދާޅުވީ، ޓްރަމްޕް ބޭނުންފުޅު ވަނީ ޚާރިޖީ ޙައްލެއް ކަމަށާއި، ނަމަވެސް އީރާނަށް ނިއުކްލިޔަރ ހަތިޔާރު ހޯދުމުގެ ފުރުސަތު އެއްވެސް ޙާލެއްގައި ނުދެއްވާނެ ކަމުގައެވެ.
އީރާން ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ