ވަކި މުއްދަތެއްގައި ރޭންކު ބަދަލުނުވެއްޖެ ނަމަ ސިފައިންގެ ހިދުމަތުން ރިޓަޔާކުރަންޖެހޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، ރޭންކު ބަދަލުނުވިޔަސް ހިދުމަތުގައި ދެމިހުރެވޭ ގޮތަށް ސިފައިންގެ ރިޓަޔާމަންޓް ގަވާއިދު އިސްލާހުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިިހިނެއް؟ - ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިފައިންގެ ގާނޫނާއި ގަވާއިދުތަކުގައި ރަނގަޅުކުރަންޖެހޭ ބައެއް ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން، ސިފައިންގެ ރިޓަޔާމަންޓް ގަވާއިދުގައި ހުރި އިސްލާހުކުރަންޖެހޭ ބައެއް ކަންކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ، ސިފައިންގެ ރިޓަޔާމަންޓް ގަވާއިދު މިހާރު އޮންނަގޮތުން ވަކި މުއްދަތެއްގެ ތެރޭ ރޭންކު ބަދަލު ނުވެއްޖެ ނަމަ ސިފައިންގެ ހިދުމަތުން ދުރަށްދާންޖެހޭ ކަމަށެވެ. އެފަދަ ހިފެހެެއްޓުންތަކަކީ ސިފައިންގެ ހިދުމަތުގައި އިހުލާސްތެރިކަމާ އެކު މަސައްކަތްކުރާ މީހާއަށް އެންމެ އަދުލުވެރި ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމާ ސިފައިންގެ ހިދުމަތުގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު ހިދުމަތް ކުރާ ސިފައިން، ރޭންކުގައި ވަކި މުއްދަތެއް ވިޔަސް، މިހާރު އޮތް ގަވާއިދުގެ ތެރެއިން ހަމަވާ ގޮތަށް އޮތް އޮތުން އެއީ ބަދަލުކުރަންޖެހޭ ކަމެއް. އެގޮތަށް ބަދަލުކޮށްދީ، ސިފައިންގެ ހިދުމަތުގައި ދެމިހުރެވޭ ގޮތް ހަދަން ގަސްތުކުރަން. އެގޮތަށް އިރާދަކުރެއްވިއްޔާ ބަދަލުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
ސިފައިންގެ ރިޓަޔާމަންޓް ގަވާއިދަށް އިތުރު އިސްލާހުތައް ވެސް ގެންނަންޖެހޭކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވީ:
މިހާރު ގަވާއިދު އޮތް ގޮތުން، ރިޓަޔާކުރާއިރު ލިބޭ އެލަވަންސްއަށް ބަލާއިރު ހިދުމަތުގައި 30 އަހަރު ވެފައިވާ މީހަކާއި އެއަށް ވުރެ ގިނަ ދުވަސްވެފައިވާ މީހަކާ ދެމެދު ވެސް ވަކި ތަފާތެއް ނެތް
ރިޓަޔާކުރާއިރު ލިބޭ އިނާތްތުގެ އަދަދު، އެ މީހަކު ހިދުމަތް ކުރި އަހަރުގެ ނިސްބަތުން ލިބޭ ގޮތަށް ބަދަލުކުރަން އެ ގަވާއިދު އިސްލާހުކުރާނަން
ރައީސް ވިދާޅުވީ، އެފަދަ އެތައް ކަމެއް ކުރިއަށް އޮތް ތަނުގައި ރަނގަޅުކުރަން ގަސްތުކުރާ ކަމަށާއި އެކަންކަމަކީ މާ ކުރިން ވެސް ރަނގަޅުވެފައި އޮންނަންޖެހޭނެ ކަންކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ރޭންކު ބަދަލުނުވިޔަސް ސިފައިންގެ ހިދުމަތުގައި ހުރެވޭ ގޮތް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ